ހަތިޔާރުއެޅި ގުރޫޕަކުން ޔޫކުރެއިންގެ ބޯޑަރު ހުރަސްކޮށް ރަޝިއާގެ އެތެރޭގައި ހަމަލާތަކެއް ދީފިއެވެ.
ރަޝިއާގެ މުވައްސަސާތަކުން ބުނެފައިވަނީ ޔޫކުރެއިންގެ ބޯޑަރު ހުރަސްކޮށް ރަޝިއާގެ ބެލްގޮރޯޑް ރީޖަންއަށްވަދެ ދިން ހަމަލާތަކުގައި ރަޝިއާގެ ބައެއް މީހުންނަށް އަނިޔާވެފައިވާ ކަމުގައެވެ.
ބެލްގޮރޯޑް ރީޖަންގެ ލޯކަލް ގަވަރުނަރު ވިޗެސްލޭވް ގްލަޑްކޯވް ވިދާޅުވެފައިވަނީ މިހަމަލާތައް ދިން މީހުން ހޯދުމުގެ މަސައްކަތް އެގައުމުގެ އަސްކަރިއްޔާއިން މިހާރު ކުރަމުންދާކަމުގައެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ހަމަލާތައް ދީފައިވަނީ ޔޫކުރެއިން ބޯޑަރު ކައިރީގައި އޮންނަ ގްރޭވޮރޮންސްކީ ޑިސްޓްރިކްޓްގައެވެ.
ރަޝިއާގެ ރައީސްގެ ތަރުޖަމާން ވިދާޅުވެފައިވަނީ މި ހަމަލާގެ މައުލޫމާތު މިހާރު ޕުޓިންއަށް އަރުވާފައިވާކަމުގައެވެ.
ޔޫކުރެއިންވަނީ މިހަމަލާތކަކީ އެގައުމުން ޒިންމާވާ ހަމަލާތަކެއް ނޫންކަމަށް ބުނެފައެވެ. އަދި ބުނެފައިވަނީ މިހަމަލާތަކުގެ ފަހަތުގައި ވަނީ ރަޝިއާގެ ދެ ޕެރަމިލިޓަރީ ގުރޫޕަކަށް ނިސްބަތްވާ ރަޝިއާގެ ރައްޔިތުން ކަމުގައެވެ.
ބެލްގޮރޯޑް ރީޖަންގެ ލޯކަލް ގަވަރުނަރު ވިޗެސްލޭވް ގްލަޑްކޯވް ވިދާޅުވެފައިވަނީ ހަތިޔާރު އެޅި ގުރޫޕުން ދީފައިވާ ހަމަލާތަކުގައި 8 މީހަކަށް އަނިޔާވެފައިވާކަމުގައެވެ. އޭނާ ވިދާޅުވެފައިވަނީ މި ސަރަހައްދުގެ ވިލެޖްއަކަށް ދިން ހަމަލާތަކުގައި އަނިޔާވި ދެމީހަކު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާކަމުގައެވެ. އަދި ގްރޭވޮރޮން ޓައުންގައި، 3 މީހަކަށް މޯޓަރު ހަމަލާތަކުގައި ބުރައިގެންދިޔަ ބައިތަކުން ޖެހި އަނިޔާވެފައިވާކަމުގައެވެ.
މި ހަމަލާތަކުގައި ތިން ގެއަކަށް ގެއްލުންވެ، ސަރުކާރުގެ އިމާރާތަކަށް ގެއްލުންވެފައިވާއިރު، މީހުންތިބީ ވަރަށްވެސް ބޮޑަށް ހާސްކަމުގައި ކަމަށްވެސް އޭނާ ވިދާޅުވެފައި ވެއެވެ.
ގަވަރުނަރު ވިދާޅުވެފައިވާ ގޮތުގައި، މި ހަމަލާތަކާއި ގުޅިގެން އެ ސަރަހައްދުގައި މިހާރުވަނީ ކައުންޓަރ ޓެރަރިޒަމް އޮޕަރޭޝަނެއް ލޯންޗު ކޮށްފައެވެ. މި އޮޕަރޭޝަންގައި ސަރަހައްދީ މުވައްސަސާތަކަށް، މުއާމަލާތްތައް އަޑު އެހުމާއި އަދި މީހުން ބަލާ ފާސްކުރުމަށް ޚާއްސަ ބާރުތަކެއް ދޫކޮށްފައިވާކަމަށްވެސް ގަވަރުނަރު ވިދާޅުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ