ފުލުހުންގެ ބިލުގެ މައްސަލާގައި ރައީސް ނަޝީދުގެ ރައްދެއް ރައީސް ޞާލިހަށް

ފުލުހުންގެ ބިލުގެ މައްސަލާގައި ރައީސް ނަޝީދުގެ ރައްދެއް ރައީސް ޞާލިހަށް

Author
މުޙައްމަދު ޝަޒައިމް
01 ޑިސެމްބަރ 2020 02:30
0

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާއިބެހޭ ކޮމިޓީން ދިރާސާ ކުރަމުންދާ ޒަމާނީ ފުލުހުންގެ ހިދުމަތް ތަޢާރަފްކުރުމަށް މަޖިލީހުން އެކުލަވާލާ ބިލުގެ މަސައްކަތުގައި ރައީސް ނަޝީދުގެ ބައިވެރިވުން ނުހިމެނުމުން، މަޖިލިސް ރައީސް ނަޝީދުގެ ރައްދެއް ރައީސް ޞާލިހަށް ދެއްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާ ލައްވަމުން މަޖިލިސް ރައީސް ވިދާޅުވީ ފުލުހުންގެ ބިލު މިއަދު މެމްބަރުންގެ މެދުގައި ދައުރު ކުރެވޭނެކަމަށެވެ. ފުލުހުންގެ ބިލަކީ އެބިލާއިމެދު މަޝްވަރާ ކުރަމުން ދިޔަ އިރުގައި ވަރަށް ގިނަ ބޭފުޅުން ޝައުގުވެރިކަން ބަހައްޓަމުން އައިބިލެއްކަމަށާއި، ނަމަވެސް ބިލުގައި އެމަނިކުފާނުގެ ބައިވެރިވުން ކޮމިޓީން ނުހިމެނިކަމަށެވެ.

މަޖިލިސް ރައީސް ވަނީ ފުލުހުންގެ ކަންކަމުގައި އެމަނިކުފާނު ބައިވެރި ނުކުރުމަކީ ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި ފުލުހުންގެ ބިލަށް އެމަނިކުފާނު ހުށަހެޅުއްވި އިސްލާހުތައް ފާސް ނުކުރުމަކީވެސް ނުހަނު ކަންބޮޑުވާކަމެއްކަމަށް ވިދާޅުވެފައެވެ.

ދެން އަޅުގަނޑަށް ދެންނެވޭނީ އަޅުގަނޑުގެ ޝައުގުވެރިކަމަކަށް ކޮމިޓީއަކުން މާބޮޑު އަޅާލުމެއް ލާފައި ނެތްކަމަށް. އަޅުގަނޑު ބިލުގެ ބައެއް ސިފަތަކުގެ ގޮތުގައި ހުށަހަޅާފައިވާ ބައެއް ކަންކަން ބަލައި ގަނެވެން ނެތްކަމަށް ވޯޓު ލައްވާފައިވަނީ. ދެން އެއީ މިކަހަލަ ހަޔާތެއްގައި ދިމާވެދާނެ ކަންކަން ދެން އެހެން ނަމަވެސް މިދިވެހި ރާއްޖޭގެ ފުލުހުންނާއި ގުޅޭގޮތުން ދެން މިއަދު އަޅުގަނޑު ކައިރީގައި އަހާލަން ނުފެނިއްޖިއްޔާ އަޅުގަނޑު ހިތައް އަރާނެ މިދިވެހި ރާއްޖޭގެ ރައްޔިތުންގެވެސް އަދި މި އިއްޒަތްތެރި މަޖިލީހުގެ މެމްބަރުންވެސް ވަޒީރުންގެ މަޖިލީހުގެ މެމްބަރުންވެސް އަދި ރައީސުލް ޖުމްހޫރިއްޔާއަށްވެސް މިދިވެހި ރާއްޖެއާއި ގުޅޭގޮތުން އެހެންވީމާ އެ އެގުނީ ކޮއްޗެއްބާއޭ؟

– މަޖިލިސް ރައީސް ވިދާޅުވިއެވެ.

ޖުމްލަ 139 މާއްދާގެ މައްޗަށް އެކުލެވޭ ފުލުހުންގެ ބިލުގެ މަސައްކަތް ކޮމިޓީން ކުރިއިރު މައްސަލަ ދިމާވެފައިވަނީ 95 ވަނަ މާއްދާއާއި ހަމައިންނެވެ. ފުލުހުންގެ ބިލުގެ 95 ވަނަ މާއްދާއަކީ ފުލުހުންނަށް ހަތިޔާރު ދިނުމަށް ޤާނޫނުން ބާރުދޭ މާއްދާއެވެ. އޭޖީ އޮފީހުން ފުލުހުންގެ ބިލް މަޖިލީހަށް ހުށްހެޅުއްވި އިރު މިމާއްދާ އެކުލަވާލާފައިވަނީ، ވަކި ހާލަތްތަކެއްގައި ލީތަލް ހަތިޔާރު ބޭނުންކުރުމުގެ އިޚްތިޔާރު ފުލުހުންނަށް ދޭގޮތަށެވެ.

ފުލުހުންގެ ބިލުގެ 95 ވަނަ މާއްދާގައި ބުނެފައިވަނީ މި ޤާނޫނުގެ ދަށުން ފުލުހުންނާއި މަތިކޮށްފައިވާ ކުށްކުރުން ހުއްޓުވުމުގެ މަސްއޫލިއްޔަތު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި، ވަގުތާއި ހާލަތަށް ބަލައި ފުލުހުން ގެންގުޅެންޖެހޭކަމަށް މިޤަނޫނުގެ ދަށުން ވަޒީރުގެ ހުއްދައާއެކު ކޮމިޝަނާރ ކަނޑައަޅާ ހަތިޔާރާއި، އާލާތްތައް މިޤާނޫނާއި މިޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ދިވެހި ރާއްޖެއަށް އެތެރެ ކުރުމާއި، ހޯދުމާއި، ގަތުމާއި، ލިބިގަތުމާއި، ގެންގުޅުމާއި، ބޭނުން ކުރުމުގެ ބާރުލު ފުލުހުންނަށް ލިބިގެންވާކަމަށެވެ. މިޤާނޫނުގައި ފުލުހުނަށް ލީތަލް ހަތިޔާރާއި، ނޮން ލީތަލް ހަތިޔާރު ބޭނުން ކުރެވޭނެ ހާލަތްތައްވެސް ބަޔާންކޮށްފައިވެއެވެ.

ކޮމިޓީ މަރުހަލާއިން ބިލުފާސްކޮށް ތަޅުމަށް ފޮނުވާއިރު، ފުލުހުންނަށް ހަތިޔާރުދޭ މައްދާ އުނިކުރުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދުއާއި އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ބައެއް އިސްބޭފުޅުން މަސައްކަތް ކުރައްވާއިރު، ސަރުކާރުގެ ވިސްނުން ހުރީ މިމާއްދާއާއިއެކު ބިލު ފާސް ކުުރުމަށެވެ. މަޖިލިސް ރައީސް ވަނީ މިދައުރުގެ ތެރޭގައި ބިލު ފާސްކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.