ކުށުގެ ވެއްޓަށް މީހުން ހުށަހެޅޭ މިންވަރު މަދުކުރަންޖެހޭ: އިމްރާން

ކުށުގެ ވެއްޓަށް މީހުން ހުށަހެޅޭ މިންވަރު މަދުކުރަންޖެހޭ: އިމްރާން

Author
ޢަލީ އާދަމް
20 މެއި 2023 10:22
0

ކުށުގެ ވެއްޓަށް މީހުން ހުށަހެޅޭ މިންވަރު މަދުކުރަން މަސައްކަތްކުރަން ޖެހޭކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިގެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ އިންސްޓިޓީއުޓު ފޮރ ކަރެކްޗަނަލް ސްޑަޑީޒް އިން ކުރިއަށްގެންދިޔަ ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމްގެ 9ވަނަ ބެޗްގެ އޮފިސަރުން ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވީ ރާއްޖޭގެ ކުށުގެ ވެށީގެ ޙާލަތު ބަދަލުކުރުމަށް މިސަރުކާރުން ވަރަށްގިނަ މަސައްކަތްތަކެއް ކުރައްވާފާއިވާކަމަށާ، އަދިވެސް ކުރަންޖެހޭ މަސައްކަތްތައް ވަރަށް ގިނަކަމަށެވެ. އެކިއެކި ކުށްކުށުގައި އަބަދު ތަންފީޒުކުރަން ޖަލަށް ގެންދާ މީހުންނަކީ އިސްލާޙުވެގެން އަނބުރާ މުޖުތަމަޢަށް ނުކުންނަ ބަޔަކަށް ހެދުމަކީ މިކަމުގައި ވަރަށް މުހިންމުކަމެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އަލަށް ދަސްވެނިވި ޖަލު އޮފިސަރުންނަށް މިނިސްޓަރ ޢިމްރާން ވަނީ މިކަމުގައި އެމީހުންގެ ދައުރު ބޮޑުކަން ހަނދާންކޮށްދެއްވާފައެވެ.

ޖަލުތަކުގެ ޙާލަތު ރަނގަޅުކުރުމަށް މިސަރުކާރުން ކުރައްވާފައިވާ މަސައްކަތްތައް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން އިންސާނީ ވަޞީލަތް ތަރައްޤީކޮށް އިތުރުކުރުމާއި ޢުމްރާނީގޮތުން ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ އިންސްޓިޓީއުޓު ފޮރ ކަރެކްޗަނަލް ސްޑަޑީޒް އިން ކުރިއަށްގެންދިޔަ ކަސްޓޯޑިއަލް މެނޭޖްމަންޓް އެންޑް ސެކިއުރިޓީ ޕްރޮގްރާމްގެ 9ވަނަ ބެޗްގެ ތަމްރީން ޕްރޮގްރާމްގައި 51 އޮފިސަރުންވަނީ ތަމްރީންކޮށްފައެވެ. މީގެތެރެއިން 47 ދަރިވަރުންވަނީ ހައި ޑިސްޓިންކްޝަނާއެކު ފާސްވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.