ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު ވެރިކަންކުރާ އެމްޑީޕީން އެއްބުރުން ކާމިޔާބު ކުރާނޭކަމުގައި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޓީމުތަކުން ރާއްޖޭގެ ހުރިހާ ރަށަކަށް މިހާރު ކުރަމުންދާ ދަތުރާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި ފައްޔާޒު ވިދާޅުވީ ޕާޓީގެ ހަރަކާތްތައް އިތުރު ގިޔަރެއް ކުރިއަށް ޖައްސާލާ، އެމްޑީޕީން މުޅި ރާއްޖެއަށް ކުރަމުންދާ "ރާއްޖެ ދަތުރު"ގައި އެޕާޓީގެ ދިދަ ރާއްޖޭގެ ހުރިހާ ރަށެއްގައި ނަގާ، ކެމްޕޭން ޓީމުތައް ރުކުރުވާލުމުގެ މަސައްކަތް ކުރިޔަށް ދާކަމުގައެވެ.
ޕާޓީގެ ހަރަކާތްތައް އިތުރު ގިޔަރެއް ކުރިއަށް
އެމްޑީޕީއިން މުޅި ރާއްޖެއަށް މިކުރާ #RaajjeDhathuru ގައި ޕާޓީގެ ދިދަ މިއަދު ހުރިހާ ރަށެއްގައި ނަގާ ކެމްޕޭން ޓީމްތައް ރުކުރުވާލުމުގެ މަސައްކަތް ފެށިއްޖެ.އިރާދަކުރެއްވިއްޔާ އިންތިހާބު އެމްޑީޕީ އެއްބުރުން ކާމިޔާބު ކުރާނަން@MDPSecretariat pic.twitter.com/RelxQcBZZx— Fayyaz Ismail (@faya_i) May 19, 2023
ފައްޔާޒުގެޓުވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު އެމްޑީޕީން އެއްބުރުން ކާމިޔާބު ކުރާނެ ކަމުގައެވެ.
އެމްޑީޕީން ރައްޖޭގެ ހުރިހާ ރަށަކަށް މިހާރު ކުރަމުންދާ ދަތުރުތަކާއި ގުޅޭގޮތުން، މިހަފްތާގަ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ އެ ޕާޓީގެ 400 އަށް ވުރެން ގިނަ މީހުން މާލެއިން އެކި ރަށްރަށަަށް ފުރާނެ ކަމަށެވެ. އަދި ކޮންމެ ރަށަކުން ވެސް އެ ޓީމުތަކާއި ޕާޓީގެ މެމްބަރުން ގުޅޭނެ ކަމަށާއި މިއީ މުޅި ޕާޓީގެ ބައިވެރިވުން ހިމެނޭ ހަރަކާތެއް ކަމަށް ވިދާޅުވި އެވެ.
އެ ދަތުރުތަކުގެ މައިގަނޑު މަގުސަދަކީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމާއި މެނިފެސްޓޯއަށް މައުލޫމާތު އެއްކުރުން ކަމަށްވެސް އެ ޕާޓީން ބުނެ އެވެ.
އެމްޑީޕީން ރިޔާސީ އިންތިހާބުގެ ކެެމްޕޭން ފެށުމަށް ނިންމިއިރު ޕާޓީ ތެރޭގައި ބައިބައިވުން އުފެދި ބައެއް މީހުން ވަނީ ޕާޓީން ވެސް ވަކިވެފަ އެވެ.
އަދި އެންޑީޕީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވިި "ފިކުރެއްގެ ދިރުމުން" ވަނީ އާ ސިޔާސީ ޕާޓީއެއް އުފައްދާ، ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަން އިއުލާންކޮށްފަ އެވެ. ނަމަވެސް އެ ހަރަކާތުގެ ފަރާތުން އިންތިހާބުގައި ވާދަކުރައްވާނީ ކޮން ބޭފުޅެއް ކަން ހާމައެއް ނުކުރެ އެވެ.