މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ފެށުމުގެ ކުރިން، މައުލޫމާތު އެއްކުރަން އެމްޑީޕީގެ ޓީމުތައް ރާއްޖޭގެ ހުރިހާ ރަށަކަށް މިއަދު ފުރައިފި އެވެ.
މި ޓީމުތަކުގައި ޕާޓީގެ ލީޑަޝިޕާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ޕާޓީގެ އެކި މަގާމްތަކުގެ ބޭފުޅުންނާއި އާއްމު މެމްބަރުން ހިމެނެ އެވެ. މި ހަފުތާ ބަންދުގައި މި ޓީމުތައް ރަށްރަށުން މައުލޫމާތު އެއްކޮށް މެނިފެސްޓޯގައި ހިމަނަން ބޭނުންވާ ކަންކަން އޮޅުންފިލުވާނެ އެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވީ އެ ޕާޓީގެ 400 އަށް ވުރެން ގިނަ މީހުން މިއަދު މާލެއިން އެކި ރަށްރަށަަށް ފުރާނެ ކަމަށެވެ. އަދި ކޮންމެ ރަށަކުން ވެސް އެ ޓީމުތަކާއި ޕާޓީގެ މެމްބަރުން ގުޅޭނެ ކަމަށާއި މިއީ މުޅި ޕާޓީގެ ބައިވެރިވުން ހިމެނޭ ހަރަކާތެއް ކަމަށް ވިދާޅުވި އެވެ.
އެ ދަތުރުތަކުގެ މައިގަނޑު މަގުސަދަކީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމާއި މެނިފެސްޓޯއަށް މައުލޫމާތު އެއްކުރުން ކަމަށް އެ ޕާޓީން ބުނެ އެވެ.
އެމްޑީޕީން ރިޔާސީ އިންތިހާބުގެ ކެެމްޕޭން ފެށުމަށް ނިންމިއިރު ޕާޓީ ތެރޭގައި ބައިބައިވުން އުފެދި ބައެއް މީހުން ވަނީ ޕާޓީން ވެސް ވަކިވެފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވިި "ފިކުރެއްގެ ދިރުމުން" ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަން އިއްޔެ އިއުލާންކޮށްފަ އެވެ. ނަމަވެސް އިންތިހާބުގައި ވާދަކުރައްވާނީ ކޮން ބޭފުޅެއް ކަން އެ ޕާޓީން ހާމައެއް ނުކުރެ އެވެ.
ކޮމެންޓު ފޮނުވާ