ތެލުގެ ވަގު ވިޔަފާރި ފިއުލްސަޕްލައިގެ މުވައްޒިފުންނާއި ގުޅިގެން ހިންގާކަމަށް އެމްޕީއެލްގެ މުވައްޒިފަކު އިއުތިރާފް ވެފައިވާކަމަށް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.
އެމްޕީއެލް ތެރޭގައި ހިންގާފައިވާ ތެލުގެ ކޮރަޕްޝަންގެ މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީން ދިރާސާކުރަމުންދާ މައްސަލާގައި ވާހަކަ ދައްކަވަމުން އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވީ މައްސަލަ ފެންމަތިވުމާއެކު ކުރި އޮޑިޓު ތަކުން މި ވައްކަން ކުރަމުން ދިޔަކަން އެނގިފައިވާ ކަމަށެވެ. އޭގައި ބައިވެރިވި އެއް މުވައްޒަފަކު އެއްބަސް ވެސް ވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެމްޕީއެލްއަކީ 24 ގަޑިއިރު މަސައްކަތް ކުރާ ތަނަކަށްވާއިރު ކުރާ މަސައްކަތުގެ ބޮޑު ބައެއް ހިއްސާ ކުރަނީ ތެލަށްކަމަށެވެ. ތެލުގެ މިމައްސަލަ ފެންމަތި ވެފައިވަނީ ކޯވިޑްގެ ލޮކްޑައުންގައި ހިނގައިދިޔަ ކަންކަން ބެލުމަށް އެމްޕީއެލް ތެރޭގައި ހެދި އޮޑިޓް ރިޕޯޓުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިމައްސަލަ ފެންމަތިވުމާއިއެކު ބޯޑަށް މައްސަލަ ހުށަހަޅައި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް އޭސީސީއާއި، ފުލުހުންނަށާއި، އޮޑިޓަ ޖެނެރަލް އަށް ހުށަހަޅާފައިވަކަމަށެވެ.
ޝާހިދު ވިދާޅުވީ ތެލުގެ ވަގު ވިޔަފާރިކޮށްފައިވަނީ ސޮއިވެސް ފޯޖުކޮށްގެންކަމަށެވެ. އަދި މިހާތަނަށް ބެލިލުމުން މިކަން އެކި ފަހަރުމަތީން ކޮށްފައިވާކަން މިކަން ހިންގުމުގައި އިއުތިރާފު ވެފައިވާ މުވައްޒިފުގެ ކިބައިން އެނގިފައިވާކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ވަގަށް ތެޔޮ ވިއްކާފައި ވަނީ، ލޮކްޑައުންނާ ގުޅިގެން، އެ ކުންފުނިން އާއްމުކޮށް މަސައްކަތް ކުރަމުން ދިޔަ އުސޫލަށް ބަދަލު ގެނެސް، މުވައްޒަފުންގެ އަދަދު މަދުކޮށް، މަސައްކަތް ހިންގާ އުސޫލަށް ވެސް ބަދަލު ތަކެއް ގެނެސްފައިވާ ވަގުތެއްގައި ކަމަށެވެ. އަދި މިހާރު މިމައްސަލާގައި ޝާމިލުވާ ހުރިހާ މުވައްޒިފުން ގޭގައި މަޑުކުރަން އެންގިފައިވާކަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ މިމައްސަލަ ފުލުހުން މިހާރު ތަހުގީގު ފައްޓައި، ސުވާލު ކުރަންޖެހޭ ފަރާތްތަކާއި ސުވާލުކޮށް މައްސަލަ ކުރިއަށް ގެންދާކަމުގެ މައުލޫމާތު ފުލުހުންވެސް ދެއްވާފައިވާކަމަށެވެ.
ކޮމެންޓު ފޮނުވާ