އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރޭ ވިޕާ ތަކުރާރުކޮށް ޚިލާފުވި ހަތަރު މެމްބަރަކަށް ޕާޓީން ވަކިކުރާނެ ކަމުގެ ފަހު އިންޒާރު ދޭން ފިޔަވަޅު އަޅާ ކޮމިޓީން ނިންމައިފިއެވެ.
އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީން މައްސަލަ ބެލުމަށްފަހު ފަހުގެ އިންޒާރު ދީފައިވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއަށާއި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފަށާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފްގެ އިތުރުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބަށެވެ.
އެމްޑީޕީގެ އަސާސީ ގަވައިދުގައިވާ ގޮތުން އެޕާޓީން މެމްބަރަކު ވަކިކުރުމުގެ ކުރިން އަޅާ ހަތަރު ފިޔަވަޅެއް އޮވެއެވެ.
ވަކިކުރުމުގެ ކުރިން އަޅާ ފިޔަވަޅުތައް:
– ނަސޭހަތް ދިނުން
– ނަސޭހަތް ދީ، މާފަށް އެދެން އެންގުން
– އިނާޔަތްތައް ކަނޑައިލުން
– ޕާޓީގައި އަދާކުރާ މަގާމުން ވަކިކޮށް، އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުން އެއް އަހަރު ދުވަހުގެ މުއްދަތަކަށް މަނާކުރުން
އެމްޑީޕީގެ މަޖިލިސް ހަތަރު މެންބަރަކު ޕާޓީން ވަކިކުރުމުގެ ކުރިން ފަހުގެ އިންޒާރު ދީފައިވާއިރު މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިވެފައިވާ ކަމަށް ފިޔަވަޅު އަޅާ ކޮމިޓީން ވަނީ ނިންމާފަ އެވެ. އެހެންކަމުން އޭނާއަށް ދެން އެމްޑީޕީއަށް ސޮއި ކުރެއްވޭނީ އެއް އަހަރު ފަހުންނެވެ. އަދި އެމްޑީޕީ ބައިވެރިވާ އެއްވެސް އިންތިހާބެއްގައި އާޒިމު ބައިވެރިވާން ބޭނުންވި ނަމަވެސް ކުރިއަށް އޮތް ފަސް އަހަރަށް އޭނާއަށް އެމްޑީޕީގެ ޓިކެޓް ލިބިވަޑައެއް ނުގަންނަވާނެއެވެ.
ރައީސް ނަޝީދަށް ތާއީދުކުރައްވާ މެންބަރުންނަށް ފިޔަވަޅު އަޅަނީ ޕާޓީގެ އަސާސީ ގަވައިދާއި އުސޫލުތަކާ ހިލާފަށް ރައީސް ނަޝީދު ގެންދަވަނީ ވިދާޅުވަމުންނެވެ. ނަމަވެސް އެމްޑީޕީން އެ ތުހުމަތު ދޮގުކުރެއެވެ.
ކޮމެންޓު ފޮނުވާ