ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ހަމަލާދީ އޭނާ އަވަހާރަކޮށްލަން އުޅުނުކަމުގެ ތުހުމަތުގައި ފުލުހުން ހޯދުމުންދާ ޢުމުރުން 32 އަހަރުގެ އިބްރާހީމް ޢަބްދުﷲ (ގައްބަރޭ) އަދިވެސް ނުފެންނަކަމަށް ފުލުހުން ބުނެފިއެވެ.
އޭނާ ހޯދަން ފުލުހުން އިއުލާންކުރީ އިއްޔެއެވެ. މިއަދު ފުލުހުން ބުނީ އޭނާ އަދިވެސް ނުފެންނަކަމަށާ، ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށްކަމަށެވެ. ގައްބަރޭއަކީ އެމްޑީޕީ ޤައުމީ މަޖިލީހުގެ މައްޗަންގޯޅި ދާއިރާގެ މެންބަރެވެ. އޭނާއަކީ އެމްޑީޕީގެ އެންމެ މަތީ އިސްވެރިންނާ ގާތް ގުޅުމެއް އޮންނަ މީހެކެވެ.
ޒަރީރާއި ހަވާލާދީ ބައެއް މީޑިއާތަކުގައި ބުނެފައިވާ ގޮތުގައި އޭނާއަށް ހަމަލާދިނުމުގެ ފަހަތުގައި ހުރީ އިބްރާހީމް ޢަބްދުﷲ (ގައްބަރޭ)އެވެ. އެކަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމްޑީޕީގެ ޗެއާޕާސަން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލުގެ ސަމާލުކަމަށް ގެންނަވާފައިވާނެކަމަށްވެސް ޒަރީރު ވިދާޅުވިއެވެ.
ފުލުހުން އިއްޔެ ބުނެފައިވަނީ ގައްބަރޭ ހޯދަނީ ގުރޫޕު ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި މީހަކު މަރައިލަން އުޅުނުކަމަށް ތުހުމަތުވާ މައްސަލައެއްގައިކަމަށެވެ.
އޭނާ ހޯދަމުން އަންނަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށް ކަމުގައިވެސް ފުލުހުން ބުނެފައިވެއެވެ. އަދި އެ މައްސަލަ ތަހުގީގުކުރަމުން އަންނަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓުމެންޓުން ކަމަށްވެސް ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ.
ގައްބަރޭއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓުމެންޓުގެ ފޯނު ނަންބަރު 9911099 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އެދެއެވެ.