ޤައުމުގެ އިޤްތިޞާދީ ހާލަތު މިހާބޮޑުތަނުން ދަށްވެފައިވާ ހާލަތެއްގައި ރައްޔިތުންނަށް ބޭނުންވާ ކަންކަން ކަށަވަރު ކޮށްދިނުމަށް ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރަންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމް ޕީއެންސީ އަންނަ އަހަރަށް ހުށަހެޅި ބަޖެޓަށް ވޯޓު ނުދެއްވި ސަބަބުތައް ހާމަކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މެމްބަރު ޝިޔާމް ވިދާޅުވީ ކޯވިޑް-19 އާއިއެކު ރާއްޖޭގެ އިޤްތިޞާދީ ހާލަތު ބޮޑުތަނުން ދަށްވެފައިވާކަން ސަރުކާރުން ޤަބޫލުކޮށް އެކަންކަން ރަނގަޅު ކުރުމަށް ކުރެވޭ މަސައްކަތެއް ނުފެންނަކަމަށެވެ. އާންމު ރައްޔިތުންގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށްގޮސް، ރައްޔިތުން ނިކަމެތި ވަމުންދާއިރު، ފެނިގެންދަނީ އަދިވެސް އިތުރު ސިޔާސީ މަޤާމުތަކާއި، ކޮމިޝަންތަކައި ބޯޑުތައް އުފައްދައިގެން ފައިސާ އިސްރާފު ކުރާ މަންޒަރުކަމަށެވެ.
އަންނަ އަހަރަކީ އިޤްތިޞާދީ ގޮތުން ތަދު އަހަރަކަށްވާނެކަމަށް ދުނިޔޭގެ މާލީ އިދާރާތަކުންނައި، ރާއްޖޭގެ މާލީ އިދާރާތަކުންވެސް ހާމަކޮށްފައިވީނަމަވެސް ސަރުކާރުން އެކަމަށް ބީރުކަންފަތެއް ދީފައިވާކަމީ މިބަޖެޓަށް ވޯޓު ނުދިން އެއްސަބަބުކަމަށް ޝިޔާމް ވިދާޅުވިއެވެ. އަންނަ އަހަރުގެ ބަޖެޓުގައި ޚަރަދު ކުޑަކުރުމަށް ތަކުރާރުކޮށް ކަމާއިބެހޭ އިދާރާތަކުން ދެންނެވި ނަމަވެސް ފެނިގެންދަނީ އިތުރު 182 ސިޔާސީ މަޤާމު އުފައްދައި، ރާއްޖޭގައި ތިބޭ އެހެން ޤައުމުތަކުގެ މީހުންގެ ޚަރަދުތައް ބެލެހެެއްޓުމަށް ބޮޑެތި އަދަދުތަކުން ބަޖެޓުގައި ފައިސާ ޖަހާފައިވާ މަންޒަރުކަމަށް ޝިޔާމް ވިދާޅުވިއެވެ.
ސިޔާސީ 182 މަޤާމު އިތުރުކޮށް، ކުރިއަށް އޮތީ ކައުންސިލް އިންތިޚާބު. ބަޖެޓު ފުރަތަމަ ފޮނުވި އިރަށްވުރެ ޑިފެންސް މިނިސްޓްރީ ބަޖެޓް މިހާރު ވަނީ ބޮޑު ތަނުން ބޮޑުކޮށްފަ. އެބަޖެޓުގެ 12 ޕަސެންޓަކީ މިތަނުގައިތިބޭ ބޭރުގެ ގައުމުތަކުގެ ސިފައިންނަށް ހޭދަކުރަން، ޖަހާފައިވާއި ފައިސަ. މިހާލަތުގައި މިކަން ކުރަން ނުޖެހޭ. މިއީ ފައިސާ އިސްރާފުކުރަންވީ ވަގުތެއްނޫން.
– ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް ވިދާޅުވީ މިހާލުގައި ބަޖެޓުން ފެންނަމުންދާ ނައުންމީދީ މަންޒަރުތަކަކީ އެކަމުގެ ނުރަނގަޅު އަސަރު ރައްޔިތުންނަށް ކުރާނެ ކަމެއްކަމަށެވެ. މިހާލަތުގައި ރައްޔިތުންގެ އަސާންދަ ލާރިކޮޅާއި، އަސާސީ ފަރުވާ ކުރުމަށް ހުންނަ ފައިސާއިން ބޭކާރު ޚަރަދުތައް ނުކޮށް ސިޔާސީ މަޤާމުތަކާއި މަޖިލީހުގެ މެމްބަރުންގެ މުސާރަވެސް ކުޑަކުރަންޖެހޭކަމަށް ޝިޔާމް ވިދާޅުވިއެވެ. ރައްޔިތުންގެ ޓެކްސް ފައިސާއިން ސިޔާސީ މަންފާ ހާސިލްކުރުމަށްވުރެ މިހާލަތަކީ ޤައުމާއި ރައްޔިތުންގެ ހައްގުގައި ރައްޔިތުންގެ ބޭނުންތަކަށް ފައިސާ ޚަރަދުކުރަންވީ ވަގުތުކަމަށް ޝިޔާމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެމުސާރަ ހިމެނޭ ގޮތަށް ސިޔަސީ މީހުންގެ މުސާރަ ކުޑަކުރަންޖެހޭ. މިއީ އަޅުގަނޑުމެންގެ ޕާޓީއާއި މެމްބަރުން ވަކާލާތު ކުރަމުންދާ ކަންކަމަކީ. ރައްޔިތުންގެ ހައްގުތައް ކަށަވަރު ކުރުމަށް ބޭކާރު އިސްރާފުތައް މަދުކުރަންޖެހޭ.
– ޝިޔާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބަޖެޓުން ފެންނަމުންދާ ނާއުންމީދު މަންޒަރުތަކަކީ އެކަމުގެ ގެއްލުން ރައްޔިތުންނަށް ކުރާނެ ކަންތައްތަކެއްކަމަށެވެ. ކޯވިޑް19 ގެ ހާލަތުން އަރައިގަނެވޭނެ ދުވަހެއް އަދިވެސް އެގެން ނެތްއިރު، ސަރުކާރުން ބަޖެޓުގައި ހިތަށް އައި އަދަދެއް ޖަހައިގެން ފާސްކޮށްފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމުގައި ޝިޔާމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ