އެމްޓީސީސީގެ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ދަށުން ހުވަދު އަތޮޅަށް ފެރީގެ ހިދުމަތް ފެށުމުމުގެ ގޮތުން ވާން ޖެހޭ ތައްޔާރީތައް މިހާރު ކުރިއަށްދާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން މަޢުލޫމާތުދޭ ގޮތުގައި ޖުލައި މަހުގެ ތެރޭގައި މި ހިދުމަތް އެ ސަރަހައްދުގައި ފަށައި ވަރަށް އަވަހަށް ހުވަދު އާއި އައްޑޫ ވެސް ގުޅައިލުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ކުރަމުން އަންނަކަމަށް ބުނެފައިވެއެވެ. އެގޮތުން މިހާރު ހުވަދު އަށް އާރްޓީއެލް ފެށުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ގދ އާއި ގއ. އަތޮޅުގެ ކައުންސިލްތަކާ އެމްޓީސީސީން ބައްދަލުކޮށް މަޝްވަރާތަކެއް އަންނަނީ ބާއްވަމުންނެވެ.
އެގޮތުން ހިދުމަތް ފެށުމުގެ ކުރިން ކައުންސިލްތަކާއި އާންމުމްގެ ހިޔާލު ވެސް ހޯދައި އެކަންކަމަށް ރިއާޔަތްކޮށް، ދަތުރުތައް ބައްޓަން ކުރާނެކަމަށް ޕްލޭނިންގް މިނިސްޓްރީއިން ހާމަކޮށްފައިވެއެވެ. ހުވަދު އަށް އާރްޓީއެލްގެ ފެރީ ހިދުމަތް ފަށާ އިރު، އެ ދެ އަތޮޅުގައި މީހުން އުޅޭ 19 ރަށް އޮވެއެވެ.
ޕްލޭނިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި ހުވަދޫގައި އާރްޓީއެލް ދަތުރުތައް ފުރަތަމަ ފަށާއިރު ހަ ސްޕީޑް ފެރީ ބޭނުންކުރާނެ އެވެ. ނަމަވެސް ޚިދުމަތް އެއްކޮށް ފުރިހަމަވެގެން އަންނަ އިރު، ޖުމްލަ 9 ފެރީ ބޭނުންކުރާނެ އެވެ.
ހުވަދޫގައި ހިދުމަތް ދޭނީ މައިގަނޑު 7 ރޫޓަކަށް ބަހާލައިގެންނެވެ.
އާރްޓީއެލް ފެރީގެ ހިދުމަތް އެމްޓީސީސީން ދެނީ މުޅި ރާއްޖެ 6 ޒޯނަކަށް ބަހާލައިގެންނެވެ. އެގޮތުން މި ހިދުމަތުގެ ތެރެއިން މިހާތަނަށް ހއ، ހދ، ށ އަދި ޅ އަތޮޅުގެ ޖުމްލަ 46 ރަށެއް ފެރީ ނިޒާމުން ގުޅާލައިފަ އެވެ.
ކޮމެންޓު ފޮނުވާ