އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި 700 މިލިޔަން ރުފިޔާގެ ޚިޔާނާތް ވުމުން، ޚިޔާނާތްވާ މީހުންނާއިއެކު އެއްބަސްވުން ހެދުމަކީ ކޮރަޕްޝަން ހުއްޓުވިދާނެ ކަމެއްތޯބުނެ ކްރިމިނަލް ކޯޓިގެ ކުރީގެ އިސްޤާޒީ އަހުމަދު ހައިލަމް ޕީޖީއާއި ސުވާލު ކުރައްވައިފިއެވެ.
އެމްއެމްޕީއާރުސީގައި ބޮޑު ޚިޔާނާތް ހިނގިއިރު އެކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ޢަބްދުﷲ ޒިޔަތު އަދަބަށް ލުއިދިނުމުގެ އެއްބަސްވުމެއް ދައުލަތާއެކު ހަދައި އޭނާގެ މައްޗަށް އުފުލާފައިވާ 32 ދައުވާއަށް އިޢުތިރާފެ ވެފައިވާތީ އަންނަ މަހުގެ 6 ވަނަ ދުވަހު އޭނާގެ މައްޗަށް ހުކުމް ކުރުމަށް ވަނީ ތާވަލް ކޮށްފައެވެ.
ޒިޔަތުގެ މައްޗަށް ދައުލަތުން ކުރާ 32 ދައުވާގެ އަދަބަކީ 11 އަހަރަށް ޖަލަށްލުން ކަމަށް ދައުލަތުގެ ވަކީލުން މިއަދު ނިންމާފައިވެއެވެ. އަދި މިއަދަދާއި މެދު އެއްވެސް އިއުތިރާޒެއް ނެތްކަމަށް ޒިޔަތުގެ ދިފާއީ ވަކީލު ޝަރީޢަތުގެ މަޖިލީހުގައި ވިދާޅުވިއެވެ.
ޕީޖީ އޮފީހުން މިމައްސަލާގައި ނިންމާފައިވާ ނިންމުމަށް އިޝާރާތްކޮށް ހައިލަމް ވިދާޅުވީ މިއީ ކޮރަޕްޝަން ހުއްޓުވުމަށް އެޅޭ ފިޔަވަޅެއް ކަމާއިމެދު ސުވާލު އުފެދޭކަމަށެވެ.
700 މިލިއަނަށް ރުފިޔާއަށް (50މިލިޔަން ޑޮލަރު) ޚިޔާނާތްތެރިވުމުން 11 އަހަރުގެ ޖަލު ޙުކުމް އަންނަގޮތަށް އެއްބަސްވުން ހެދުމުގެ ފުރުޞަތު އޮންނަނަމަ ކޮރަޕްޝަން ހުއްޓުވާނީ ކިހިނެތްތޯ؟
ޒިޔަތު ވިދާޅުވީ ހިޔާނާތުގެ ފައިސާގެ ޗެކްތަކާ އަމިއްލައަށް ހަވާލުވި ނަމަވެސް އޭގެން އެއްވެސް ފައިސާއެއް އޭނާއަށް ލިބިފައިނުވާ ކަމަށެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ހުރިހާ ދައުވާއަކަށް އެއްބަސްވެފައިވަތީ، ކޯޓުން މިއަދު ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ 32 ދައުވާ ސާބިތުވާކަމަށް ކަނޑައަޅައިފައެވެ. އިއުތިރާފު އެއްބަސްވުމުގެ ދަށުން ދައުލަތުން އެދުނީ ޒިޔަތަށް ޖުމްލަ އަދަބެއްގެ ގޮތުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ.
ގާނޫނުލް އުގޫބާތުގެ 1006 ގައި އެއް ކުށަށް ވުރެ ގިނަ ކުށަށް އަދަބު ކަނޑައެޅުމުގެ އުސޫލު އޮންނަ ގޮތުން ކުށްވެރިޔާގެ މައްޗަށް ސާބިތުވާ ކޮންމެ ކުށަކަށް އަދަބު ކަނޑައަޅާނީ އެ ކުށަކަށް ވަކިން، އެ ކުށެއްގެ ދަރަޖަ އާއި އަދަބު ކަނޑައެޅުމުގައި ބަލަންޖެހޭ އެންމެހާ ކަންކަން ބެލުމަށްފަހު، އެއީ އޭނާގެ މައްޗަށް ސާބިތުވި ހަމައެކަނި ކުށް ކަމަށް ބަލައިގެން ކަމަށެވެ. އަދި އެންމެ ބޮޑު ކުށަށް އަދަބުގެ އެންމެ ދިގު މުއްދަތު ކަނޑައެޅުމަށް ފަހު ދެން ހުރި ކުށްތަކުގައި ވަކި ތަރުތީބަކުން އަދަބުގެ މިންވަރު ދަށް ކުރަން ޖެހޭނެއެވެ.
އެގޮތަށް އަދަބުގެ މިންވަރު ދަށް ކުރަމުން ގޮސް 12 ވަނަ ދައުވާގެ އަދަބަކީ އެންމެ ދުވަހަކަށް ޖަލަށްލުމަށެވެ. އަދި ބާކީ އޮތް 20 ދައުވާގައި އެއްވެސް އަދަބެއް ޒިޔަތުގެ މައްޗަކަށް ނާންނާނެއެވެ. އެއީ އެއް ދުވަހުގެ ޖަލު ހުކުމަކީ އަދަބުގެ އެންމެ ކުޑަ މިންވަރު ކަމަށްވާތީއެވެ.
ކޮމެންޓު ފޮނުވާ