ތ. ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިމިއްޖެއެވެ.
ތ. ގާދިއްފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢަކީ 13.19 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ. 757 މީހުންގެ އާބާދީގެ ތ. ގާދިއްފުށްޓަކީ އިހުގައި މަސްވެރި ރަށެއް ނަމަވެސް މިހާރު މަސްވެރިކަން އެއްކޮށްހެން ހުއްޓިފައި އޮތް ރަށެކެވެ. ރަށުގެ ބޮޑު އާބާދީއެއް ވެރިރަށް މާލެއަށް ހިޖުރަކޮށްފައިވުމާއެކު، ގިނަ ފަރާތްތައް އުޅެނީވެސް މާލެ ވަޒީފާތަކުގައި ނޫނި ފަތުރުވެރިކަމުގެ ދާއިރާގައި އެކިއެކި ރިސޯޓްތަކުގައެވެ.
މި ރަށުގައި މާ ބޮޑު ދަނޑުވެރިކަމެއް ނެތްނަމަވެސް ބައެއް ގެތަކުގެ ގޯތިތެރޭގައި ދަނޑުހައްދައިގެން އުޅެއެވެ. ހަމައެހެންމެ ފަރުމަސްވެރިކަން ކޮންމެވެސް ވަރަކަށް ކުރާ ޑިންގީ އަދި ލޯންޗުފަހަރުވެސް ރަށުގައި އޮވެއެވެ. މީގެ އިތުރުން މި ރަށު ރައްޔިތުން އެންމެ ބޮޑު އާމްދަނީއެއް ހޯދަނީ ފަން ވިޔެގެންނެވެ.
We have completed Th. Gaadhiffushi Shore Protection Project. Scope of works include, construction of a 15m groyne; a 500m revetment and 18,894 cbm beach filling operations. The value of the project is MVR 19.13 million.#MTCCProjects #RayyithungeKunfuni pic.twitter.com/pehkZI9vXJ
— MTCC Plc (@MTCCPlc) May 9, 2023
ކައުންސިލުން މަޢުލޫމާތު ދެއްވާގޮތުގައި މި ރަށުގެ ހުރިހާ އާއިލާ އެއްހެން ފަންވިޔެގެން އާމްދަނީ ހޯދައެވެ. ނަމަވެސް، މި ރަށުގެ ރައްޔިތުންގެ ވަރަށް ޒަމާންވީ ބޮޑު ކަންބޮޑުވުމެއް އެބައޮތެވެ. އެއީ، ރާއްޖޭގެ ގިނަ ރަށްރަށް ފަދައިން ގާދިއްފުށްޓަކީވެސް ރަށް ގިރުމުގެ ބިރުވެރިކަން ދިމާވެފައިވާ ރަށަކަށްވުމެވެ. އެގޮތުން މި ރަށް ވަށައިގެން ބަލައިލިއަސް ފެންނަނީ ރަށްގިރުމުގެ ހިތާމަވެރި މަންޒަރެވެ. މި ރަށުގައި ރަށްގިރުމުގެ މައްސަލަ އެންމެ ބޮޑަށް ފާހަގަކުރެވެނީ ރަށުގެ ތުނޑީކޮޅު ސަރަހައްދުންނެވެ. އަދި މިކަމުގެ ސަބަބުން ރަށުގެ އެތައް ރުއްގަހެއްވެސް ވަނީ ވެއްޓި ހަލާކުވެގެން ގޮސްފައެވެ.
އެހެންކަމުން މިއަދު ނިމިގެން މިދިޔަ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ސަބަބުން ގާދިއްފުށީގެ ތުނޑީކޮޅު ސަރަހައްދު މިވަނީ ހިމާޔަތްކުރެވިފައެވެ. މިއީ ހަމަގައިމުވެސް ގާދިއްފުށީގެ ރައްޔިތުންގެ ޒަމާންވީ އުދާސްތަކާއި ތަކުލީފަށް ބޮޑު ހައްލެއް ލިބި ރައްޔިތުންނަށް އެތަށް ގުނައަކުން އުފާވެރިކަމާއި ތަސައްލީ ގެނުވާނެ މުހިއްމު މަޝްރޫޢުއެއް ގޮތުގައި އެމްޓީސީސީން ދެކެމެވެ.
މި މަޝްރޫޢުގެ ދަށުން، 15 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 500 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 894,18 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމުގެ މަސައްކަތް ހިމެނެއެވެ.