ޗާގޯސް މައްސަލާގައި ޕީޕީއެމުން ރައީސް ނަޝީދު އަރިހަށް!

ޗާގޯސް މައްސަލާގައި ޕީޕީއެމުން ރައީސް ނަޝީދު އަރިހަށް!

ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަހައްދުގެ އައްޑޫ ސިޓީގެ ދެކުނުން، ފޯޅަވަހީގެ އުތުރުން އޮންނަ ސަރަޙައްދުން 45331 އަކަކިލޯމީޓަރ ގެއްލޭގޮތަށް، ނިންމިނިންމުމާއި ގުޅިގެން ހުރި ކަންބޮޑުވުންތަކާއިއެކު އިދިކޮޅު ޕީޕީއެމްގެ ލީޑަރޝިޕުން އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދާއި ބައްލުކޮށްފިއެވެ.

ރައީސް ޔާމީން ވަނީ ރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ ސަރަހައްދު ބަހަން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން ނިންމި ނިންމުމާ ގުޅިގެން އެކުގައި މަސައްކަތް ކުރެވޭނެ އެންމެހާ ބޭފުޅުންނާ އެކު މަސައްކަތް ކުރަން ޕީޕީއެމްގެ ލީޑާޝިޕަށް ލަފާ ދެއްވައިފައެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، "ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުވާލި މައްސަލަ" އާ ގުޅިގެން ނަޝީދާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގު (ޓޮމް) އަދި ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގައި އިސްކޮށް މަސައްކަތް ކުރައްވާ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ބައިވެރިވެވަޑައިގަތެވެ.

ބައްދަލުވުމަށް ފަހު އަދުރޭ ވިދާޅުވީ މި ބައްދަލުވުމަކީ އިމުގެ މައްސަލައިގައި އެކުގައި މަސައްކަތް ކުރެވޭނެތޯއާއި އެ މަސައްކަތް ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ.

މިއަދު އެއްވެސް ނިންމުމެއް ނުނިންމަން، އަޅުގަނޑުމެން އެކުގައި މަސައްކަތް ކުރެވިދާނެތޯ މި މަޝްވަރާ ކުރެވުނީ. އަދި އަޅުގަނޑުމެން ދާނީ އެންމެންނާ ވެސް މަޝްވަރާ ކުރަމުން، އެއަށް ފަހުގައި ކުރިއަށް ދާނެ ގޮތަކާއި، ކުރާނެ ކަމަކާއި ތާރީހެއް ކަނޑައަޅާނީ.

– އަދުރޭ ވިދާޅުވިއެވެ.

މިދިޔަ ހަފުތާގައި ޕީޕީއެމް ކޯލިޝަނާއި ޖޭޕީ އާއި އެމްއެންޕީ އާއި އެމްއާރުއެމް އަދި ފިކުރެއްގެ ދިރުން ފެކްޝަނާއި ކުރީގެ ދެ ބަންޑާރަ ނައިބުން ކަމަށް ޑރ. މުހައްމަދު މުނައްވަރާއި އާއިޝަތު އާޒިމާ ޝަކޫރު ވަނީ ގުޅިގެން ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބާއްވައިފައެވެ.

އިޓްލޮސްގެ ނިންމުމާއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 47،000 އަކަ މޭލު ވަނީ ގެއްލިފައެވެ. އެހެންވެ އެކަމާ ގުޅިގެން އިދިކޮޅު ހުރިހާ ޕާޓީތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އެ ނިންމުން ބަލައިނުގަންނާނެ ކަމަށް ވަނީ އެ ޕާޓީތަކުން ވަނީ ބުނެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *