ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މަގާމުން ދުރުކުރުމަށް ޖަމިއްޔަތުއްސަލަފުގެ ރައީސް ގޮވާލައިފިއެވެ.
ރައިސް ސޯލިހް މަގާމުން ދުރު ކުރަން ގޮވާލާ ޖަމިއްޔަތުއް ސަލަފްގެ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ސޯލިހް އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަކީ ގައުމީ މަސްލަހަތު ކަމަށެވެ. އޭނާ ވިދާޅުވީ ޗާގޯސް މައްސަލާގައި ރައީސް ޢަމަލު ކުރައްވާފައިވަނީ ޤައުމީ މަސްލަހަތު އެއްފަރާތްކޮށް އަމިއްލަ މަސްލަހަތު އިސް ކުރައްވައިގެން ކަމަށެވެ.
ޗާގޯސް މައްސަލައިގައި ގައުމީ ރައްޔިތުންނަށް ހިޔާނަތްތެރިވެފައިވާތީ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަކީ ގައުމީ މަސްލަހަތެއް. ރާއްޖޭގެ ޖިއޮގްރަފީ އިމާ ގުޅިފައިވާ ސަރަހައްދީ، ސިޔާދަތީ، ސީިރިއަސް މައްސަލައެއް. ސަލަފުގެ ރައީސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މި މައްސަލަ ބެލެވެން ޖެހޭނެ ކަމަށާއި، ގައުމުގެ އިމަކީ ބޮޑު އަމާނާތެއް ކަމަށެވެ. ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އާއި ރާއްޖޭގެ އިން ވަކިކުރުމުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް) އިން ގޮތެއް ނިންމީ މިދިޔަ ހަފްތާ ހުކުރު ދުވަހުއެވެ.
ސަލަފުން ރައީސް އަޒުލު ކުރުމަށް ގޮވާލަފައިވާއިރު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މަޤާމުން ޢަޒުލުކުރުމުގެ މަސައްކަތް ފަށާފައެވެ. ޕީއެންސީގެ ރައީސް އަބްދުއްރަހީމް ވިދާޅުވީ ރައީސް ޞާލިހަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަކީވެސް ނާދިރު ކަމެއްކަމަށެވެ. އޭނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނީ ޤައުމަށް ޚިޔާނާތްތެރިނުވާ އަދި ޤައުމުގެ މިނިވަންކަން ހިފަހައްޓަވާ ބޭފުޅުންތަކަށް ކަމަށެވެ. އެކަން ރައީސް ޞާލިހަށް ނުކުރެވުނުކަމަށް އަދުރޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިމައްސަލަވެސް ވެއްދުމަށް ޕީޕީއެމްއިން ތައްޔާރު ވަމުންދާކަމަށެވެ.
ރައީސް އަޒުލުކުރުމުގެ މަސައްކަތް ޕީޕީއެމްއިން ފެށިއިރު، މަޖިލީހުގައި ތިބީ ޕީޕީއެމް ޕީއެންސީގެ 8 މެމްބަރުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކު މަގާމުން ވަކި ކުރުމަށް ރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ވަކި އިޖުރާއާތުތަކެއް ކަނޑައަޅާފައި އެބަ ހުއްޓެވެ. އެއީ ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ދީފައި އޮތް ބާރެކެވެ.
އެ މާއްދާގައި ބުނާ ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ހިނދެއްގައި ރައީސް މަގާމުން ދުރުކުރުމަށް ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހަށެވެ. އެއީ (1) އިސްލާމް ދީނުގެ އަސްލަކާ ނުވަތަ ގާނޫނުއަސާސީއާ ނުވަތަ ގާނޫނަކާ ކަނޑައެޅިގެން ޚިލާފުވުން، (2) ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރެ ކުރުން އެކަށީގެން ނުވާ ފަދަ ކަމެއް ކުރުން، (3) ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ނާގާބިލުވުން، މިއެވެ.
މި ތިން ހާލަތުން ކުރެ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ރައީސް މަގާމުން ދުރުކުރުމަށްޓަކައި ކުރަން ޖެހޭ ކަމަކީ، އެކަމަށް އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅުމެވެ. އެފަދަ ގަރާރެއް ހުށަހެޅޭނީ ރައްޔިތުންގެ މަޖިލީހުގެ މަދުވެގެން ތިން ބައިކުޅަ އެއްބައި މެމްބަރުން ސަބަބު ބަޔާންކޮށް ސޮއިކޮށްފައިވާ ލިޔުމަކުން ކަމަށް ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ށ)ގައި ބުނެފައިވެއެވެ.
އެ ފަދަ ގަރާރެއް މަޖިލީހަށް ހުށަހެޅިއްޖެ ހިނދެއްގައި މަޖިލީހުގެ އިދާރާ އިން އަމަލު ކުރަންވީ ގޮތުގެ އިޖުރާއާތުތައް ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ށ) އިން ފެށިގެން (ޅ)ގެ ނިޔަލަށް ބަޔާންކޮށްފައި އެބަ އޮތެވެ. އަދި އެ އިޖުރާއާތުތަކުގެ ތަފްސީލުތައް މަޖިލީހުގެ ގަވާއިދުގެ 172، 173 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
އެ އިޖުރާއާތުތައް ފުރިހަމަ ކުރުމަށް ފަހު ނަގާ ވޯޓެއްގައި، ރައީސްގެ މަގާމުގައި ހުރި މީހަކު އެ މަގާމުން ވަކިކުރުމަށް، މަޖިލީހުގެ ޖުމްލަ މެންބަރުންގެ ތިން ބައިކުޅަ ދެ ބައި (މިހާރުގެ އަދަދުން ބަލާ ނަމަ 57 މެމްބަރުން)ގެ އަޣުލަބިއްޔަތުން ފާސްކޮށްފި ނަމަ، އެމީހަކު ރައީސުލްޖުމްހޫރިއްޔާގެ މަގާމުން އަޒުލުވީއެވެ.
މަޖިލީހުގައި މިހާރުވެސް ވެރިކަން ކުރާ އެމްޑީޕީގެ ސާފު އައުލަބިއްޔަތު އެބައޮތެވެ. މަޖިލީހުގެ މެމްބަރުންގެ އަދަދު 68 އަރާއިރު، އޭގެ ތެރޭގައި ރައީސް ޞާލިހަށް ތާއީދު ނުކުރާ މެމްބަރުންވެސް ހިމެނެއެވެ. ނަމަވެސް އެމްމަބުންނާއި ނުލައިވެސް މަޖިލީހުގެ ސާފު އައުލަބިއްޔަތު ރައީސް ޞާލިހަށް އެބައޮތެވެ.
ކޮމެންޓު ފޮނުވާ