ރާއްޖޭގެ ތަރައްޤީއަށް ނުހަނު ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ރައީސަކު ނާއިންސާފުން ޖަލަށް ލާފައި ބޭއްވުމަކީ އިންސާފު ކަމާއިމާއިމެދު ސުވާލު އުފައްދަވައި، ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދުގެ މުހިންމު ސުވާލެއް ރައީސް ނަޝީދަށް ކުރިމަތި ކުރައްވައިފިއެވެ.
ރައީސް ޔާމީން ޖަލުގައި އަހަރަކަށް ވުރެ ގިނަ ދުވަސް ހޭދަކުރައްވާފައިވާއިރު މިއަދު މަޖިލީހުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވަރަށް އަވަހަށް ލުއި ލިބިވަޑައިގެން މިނިވަން ވުމަށް ދުއާ ދަންނަވާ ކަމަށެވެ.
ރައީސް ނަޝީދުގެ މިވާހަތަކާއި ގުޅިގެން ޑރ.ޝަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުވައި، އިސްތިއުނާފު ލަސްކޮށް ރައީސް ޔާމީންއާ މެދު ބޭއިންސާފުން ކަންކަން ކުރަމުންދާކަމީ ފެންނަން އޮތް ޙަޤީޤަތް ކަމަށެވެ. އަދި ރައީސް މުހައްމަދު ނަޝީދަކީ ޑިމޮކްރަސީއަށްޓަކައި މުޅި ހަޔާތް ހޭދަކޮށް ގުރުބާން ކުރެއްވި ބޭފުޅެއްކަމަށް ވިދާޅުވާއިރު، މިއަދު އެޤުރުބާނީގެ އަގާއިމެދު ޝަހީމް ވަނީ ރައީސް ނަޝީދާއި ސުވާލު ކުރައްވާފައެވެ.
ޝަރުޢީ ނިޒާމަށް ނުފޫޒު ފޯރުވައި، އިސްތިއުނާފު ލަސްކޮށް ރައީސް ޔާމީންއާ މެދު ބޭއިންސާފުން ކަންކަން ކުރަމުންދާކަމީ ފެންނަން އޮތް ޙަޤީޤަތެއް. ޑިމޮކްރަސީއަށްޓަކައި މުޅި ޙަޔާތުގައި މަނިކުފާނު ވީ ޖިހާދުގެ ޝަރަފްވެރި ޤުރުބާނީގެ އަގަކީ ކޮބާ؟ @MohamedNasheed
— Mohamed Shaheem Ali Saeed (@Mohamedshaheem1) November 30, 2020
ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ނޮވެމްބަރު 28 ގައެވެ. އެއީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން އެއް މިލިއަން ޑޮލަރު އެމަނިކުފާނުގެ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވި ކަމަށް ތުހުމަތު ކުރާ މައްސަލައިގައެވެ. ދައުލަތުން ވިދާޅުވާ ގޮތުގައި އެއީ ގއ. ވޮޑަމުލާ ލީޒްކޮށްގެން ދައުލަތަށް ލިބެން ޖެހޭ ފައިސާގެ ތެރޭގައި ހިމެނޭ އެއް މިލިއަން ޑޮލަރެވެ.
ކުރީގެ ރައީސް ޔާމީނަށް ޖަލުޙުކުމް އިއްވިތާ އަހަރު ފުރުމާ ގުޅުވައިގެން ރައީސް ޔާމީން މިނިވަން ކުރަން ގޮވާލައި، އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ވަނީ މިމަހުގެ28 ވަނަ ދުވަހު ކަނޑުމަތީގައާއި، މުޅި ރާއްޖޭގައި މުޒާހަރާ ކޮށްފައެވެ.
ކޮމެންޓު ފޮނުވާ