އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށާއި، އެމަސައްކަތް ވަރަށް އަވަހަށް ނިމިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ފަތުވާ މަޖިލީހަކީ، ދިވެހިރާއްޖޭގައި ދީނީ ގޮތުން ޚިޔާލު ތަފާތުވުން އުފެދޭ ކަންކަމުގައި، ސަރުކާރަށާއި ދިވެހި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމަށާއި، ފިގްހީ އައު މައްސަލަތަކުގެ ދިރާސާތައްކޮށް، އެކަންކަމާ ގުޅޭ ދީނީ ލަފާ ފޯރުކޮށްދިނުމަށްޓަކައި، އުފައްދާފައިވާ "އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް" އެވެ.
ފަތުވާދޭ މަޖިލީހުގެ މަސައްކަތް ހުއްޓިފައި އޮތް އޮތުމާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިއުވާން ވިދާޅުވި މިހާރުވެސް އެމަސައްކަތް ކުރިއަށް ދާކަމަށެވެ. އަދި ވަރަށް އަވަހަށް އެމަސައްކަތް ނިމެނޭކަމަށެވެ. ނަމަވެސް މިކަމާއި ގުޅޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައިނުވެއެވެ.
ސަރުކާރުން ވަނީ ފަތުވާދޭ މަޖިލިސް އެކުލެވިގެން ގޮތަށް ބަދަލު ގެނެސް ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނު މުރާޖަޢާކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މީގެ ކުރިންވެސް އެކި ފަހަރު މަތީން ވިދާޅުވެފައެވެ.
މިގޮތުން ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނަށް އިސްލާހު ގެންނައުމަށްޓަކައި، މިއަދު ބަންޑާރަ ނައިބުގެ އޮފީހުގައި ކަމާއި ގުޅުންހުރި އިދާރާތަކާއެކު ބޭއްވުނު ބައްދަލުވުމުގައި، ވަނީ ޤާނޫނަށް ގެންނަން ފެންނަން މައިގަނޑު އިސްލާހުތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ.
ޤާނޫނަށް އިޞްލާޙު ގެނައުމަށް މަޝްވަރާކުރެވުނު މައިގަނޑު ކަންކަމަކީ:
* ފަތުވާދޭ މަޖިލިސް އެކުލެވިގެންވާ ގޮތާއި މަސްއޫލިއްޔަތުތައް މުރާޖަޢާކުރުން
* ހަރުކަށިފިކުރު ހުއްޓުވުމަށް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ދެނެގަތުން
* ކޮންމެ މައްސަލައަކަށް ޖިނާއީ ޢަދުލުގެ ނިޒާމުން ހަމައެކަނި ހައްލުހޯދުމުގެ ބަދަލުގައި ކަމާގުޅުންހުރި ދައުލަތުގެ އިދާރާތަކުން އިދާރީ ހައްލު ހޯދޭނެ ގޮތްތައް ދެނެގަތުން
* ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ޙަޤީޤަތާޚިލާފު މަޢުލޫމާތު ފެތުރުން ހުއްޓުވުމަށް އެޅޭނެ ފިޔަވަޅުތައް ދެނެގަތުން
އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖިލީހުގެ މަސްއޫލިއްޔަތުގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކުން މަޖިލީހުގެ ލަފަޔަކަށް އެދޭ ދީނީ ކަންކަމުގައި އެފަރާތްތަކަށް ބޭނުންވާ އިސްތިޝާރީ ލަފާ ފޯރުކޮށްދެއްވުމާއި، ރައްޔިތުންގެ ދީނީ ޚިޔާލު ތަފާތުވުންތައް އުފެދޭ މައްސަލަތައް ދެނެގަނެ އެކަންކަމުގެ ދިރާސާކޮށް އެމަޖިލީހުގެ ފަތުވާ ޢާންމުންނަށް ލިބޭނެގޮތް ހެއްދެވުން ހިމެނެއެވެ.
ފަތުވާ މަޖިލިސް ހަރަކާތްތެރިނުވާތީ މީގެ ކުރިން ވެސް ބައެއް ދީނީ އިލްމުވެރިން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.