ޤުރުއާނަށް ލޯބިކުރާ ގިނަ ޒުވާނުން ތިބިއިރު އެ ޒުވާނުންނަށް ބޭނުންވަނީ އިތުރު ތަމްރީނާއި ތަޖުރިބާ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ިދާޅުވީ އިސްލާމިކް މިނިސްޓްރީއާއި ޔޫތު މިނިސްޓްރީ އާއި ރާއްޖެ ޓީވީ ގުޅިގެން ރާއްޖެ ޓީވީއިން ކުރިއަށް ގެންދިޔަ ރަންތާޖު ޤުރުއާން މުބާރާތް 1444 ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސްގެ ވާހަކަފުޅުގައި އެ މުބާރާތުގެ މަޤްޞަދުތަކުގެ ތެރޭގައި ބައިނަލްއަޤުވާމީ ޤުރްއާން މުބާރާތްތަކުގައި ބައިވެރިވުމަށް ބޭނުންވާ ހުނަރު ލިއްބައިދިނުން ހިމަނާފައިވުމީ ރަންތާޖު މުބާރާތް ޚާއްޞަވެގެންދާ މުހިންމު ސަބަބެއް ކަމަށް ވިދާޅުވިއެވެ. އަދި ދިވެހިންގެ ތެރޭގައި އެތައް ހުނަރެއް ހުރި މޮޅު ދަރިވަރުންތަކެއް ތިބިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މި މުބާރާތުގެ ފަނޑިޔާރުން ބޭރުގެ މުބާރާތްތަކަށް ދަރިވަރުން ތައްޔާރުކުރުމުގައި، އަޅުގަނޑުމެން ކަން ކުރަންވީގޮތް ވަރަށް ސާފުކޮށް ވިދާޅުވެދެއްވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި މިފަދަ މުބާރާތްތަކުގެ ސަބަބުން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ރަންވަނަ ހާސިލުކުރާނެ ޤާރީންނާއި ހާފިޒުން އުފެދިގެންދާނެ ފުރުޞަތުތައް ފުޅާވެގެންދާނެކަމަށާއި، ރަންތާޖުގެ ބައިވެރިންގެ ތެރެއިން ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރެވޭނެ ގާރީންނާއި ހާފިޒުން، ފަނޑިޔާރުންނަށް އެނގޭނެ ކަމަށާއި އެ ފަރާތްތަކަށް އިތުރު ތަމްރީނުދީ އެފަދަ މުބާރާތްތަކުގައި ބައިވެރިކުރުވުމަށް ރައީސް ވަނީ ކަމާބެހޭ ފަރާތްތަކަށް އިލްތިމާސްކުރައްވާފައެވެ.
ރަންތާޖު ޤުރުއާން މުބާރާތަކީ ވަރަށް މާތް މަގުސަދެއް ހާސިލު ކުރުމަށް ކުރިއަށްގެންދިޔަ މުބާރާތެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ބައިވެރިންނަށް ތަމްރީނުތައް ދީފައިވުމުން މުބާރާތުގެ ފެންވަރު ވަރަށް ބޮޑަށް މަތިވެފައިވާ ކަމަށެވެ. އަދި ޤުރުއާނުގެ ޢިލްމުގެ ބަޔާއި ތަފްސީރުގެ ބައި ހިމެނިފައި އޮތުމަކީ ވެސް މުބާރާތުގެ މަތިވެރިކަން އިތުރުވެގެންދާ ސަބަބެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރަންތާޖު ފަދަ ޤުރުއާން މުބާރާތެއް ފުރިހަމަކަމާއެކު ގެނެސްދީފައިވާތީ ރައީސް ވަނީ "ރާއްޖެޓީވީ"ގެ އިސްވެރިންނަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި ރާއްޖެޓީވީ އަކީ ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގެ ދާއިރާއިން ރައްޔިތުންގެ މެދުގައި އިތުބާރާއި މަގުބޫލުކަން ހޯދާފައިވާ މީޑިއާއެއްކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ރަންތާޖު ޤުރުއާން މުބާރާތާއެކު ދިވެހިންގެ މެދުގައި ރާއްޖެޓީވީއަށް އޮތް ގަދަރު އިތުރުވެގެން ގޮސްފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ