ޞިއްޚީ ދާއިރާގެ މުވައްޒިފުންގެ މުސާރަ ބޮޑުުރަން ވީވަޢުދު މޭޑޭގެ ކުރިން ފުއްދަވައިފި

ޞިއްޚީ ދާއިރާގެ މުވައްޒިފުންގެ މުސާރަ ބޮޑުުރަން ވީވަޢުދު މޭޑޭގެ ކުރިން ފުއްދަވައިފި

Author
މުޙައްމަދު ޝަޒައިމް
30 އޭޕްރިލް 2023 10:18
0

ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކޮށް، ތަފްސީލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ހާމަކުރައްވައިފިއެވެ.

އެމަނިކުފާނު މިކަން އިޢުލާންކުރެއްވީ ޤައުމާ މުޚާޠަބު ކުރެއްވައި ދެއްވި ޚިތާބުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި އަހަރުގެ ރިޔާސީ ބަޔާނުގައި ދެންނެވި ގޮތަށް، މި އަހަރުގެ މޭ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.

ރައީސް ވިދާޅުވީ މީގެ ކުރިން، ތަޢުލީމީ ދާއިރާގެ އިތުރުން، މަތީ ތަޢުލީމާއި ތަމްރީނުގެ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ވެސް، ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާފައިވާކަމަށެވެ. ޞިއްޙީ ދާއިރާގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމުގެ ބޭނުން ނުހަނު ބޮޑުކަން ފާހަގަކޮށް ރައީސް ވިދާޅުވީ މި ދާއިރާއަށް ގެނެވޭ ކުރިއެރުމާއި، މި ދާއިރާއިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ބަރޯސާވެފައިވަނީ އިންސާނީ ވަސީލަތްތަކަށް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރު ފަށާފައިވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތްތަކުގެ ތެރެއިން، ޞިއްޙީ ދާއިރާގައި ޒަމާނުންސުރެ އޮތް ކަންބޮޑުވުމަކަށް ޙައްލު ލިބިގެންދާނެކަމަށެވެ. އެއީ ޓެކްނިކަލް ވަޒީފާތަކުގެ އޮނިގަނޑު ހެދި، އެ ވަޒީފާތަކުން އިތުރަށް ކުރިއަށް ދެވޭނެ މަގުފަހިވުންކަމަށާއި، އަދި މެޑިކަލް ލެބޯޓްރީ ޓެކްނޮލޮޖިސްޓުންނާއި ބަޔޯމެޑިކަލް އިންޖިނިއަރުންނަކީ، ފަންނީ މަސައްކަތްކުރާ ބައެއް ކަމުގައެވެ.

މުސާރައިގެ ތަފްސީލްތައް ހާމަކޮށްދެއްވައި ރައީސް ވިދާޅުވީ މީގެ ކުރިން ސީނިއަރ ރެޖިސްޓަރޑް ނަރުހަކަށް އިތުރު ގަޑީގެ އެލަވަންސާއެކު މަހަކު ލިބެނީ، އެވްރެޖްކޮށް 20،459 ރުފިޔާކަމަށެވެ. ނަމަވެސް މިހާރު މިގެނެވޭ ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް 29،271 ރުފިޔާ ލިބޭނެކަމަށެވެ. އަދި ސްޕެޝަލިސްޓް ނަރުހެއްގެ މުސާރަ މިހާރުވާނީ އިތުރު ގަޑީގެ އެލަވަންސް ނުލައި 41،976 ރުފިޔާ އަށް މަތިކޮށްފައިވާނެކަމަށެވެ.

މީގެ ކުރިން ސީނިއަރ މެޑިކަލް އޮފިސަރަކަށް އިތުރު ގަޑީގެ އެލަވަންސާ އެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 28،727 ރުފިޔާ. މިހާރު މިގެނެވޭ ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 41،541 ރުފިޔާ ލިބޭނެ. އަދި މެޑިކަލް ޕްރެކްޓިޝަނަރުންނަށް ވެސް، މި ދާއިރާއިން ކުރިއަށް ދިއުމަށް އިތުރު ހަރުފަތްތައް ތައާރަފުކޮށް، ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުސާރައަށް މިހާރުވާނީ އިތުރު ގަޑީގެ އެލަވަންސް ނުލައި 98،137 ރުފިޔާ ކަނޑައަޅާފައި. އިތުރު ގަޑީގެ އެލަވަންސާއެކު، މިދެންނެވި ހުރިހާ މުވައްޒަފުންގެ ޖުމްލަ މުސާރަ މިއަށްވުރެވެސް އިތުރުވާނެ.

– ރައީސް ވިދާޅުވިއެވެ.

ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއެކު، މެއި 1 ވަނަ ދުވަހުން ފެށިގެން، ސައިކޮލޮޖިސްޓުންނާއި، ކައުންސިލަރުންނާއި، ސޯޝަލް ވޯކަރުންނާއި، ޝޯސަލް ސަރވިސް ވޯކަރުން ހިމެނޭ ގޮތަށް، ސޯޝަލް ސަރވިސް ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް ގެންނަން ރައީސް ވަނީ ނިންމަވާފައެވެ.

ސޯޝަލް ވޯކަރަކަށް މީގެ ކުރިން އިތުރު ގަޑީގެ އެލަވަންސާއެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 12،944 ރުފިޔާ. މި ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 21،585 ރުފިޔާ ލިބޭނެ. މިއީ ގާތްގަނޑަކަށް 67 އިންސައްތައިގެ ކުރިއެރުމެއް. ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިއްބެވި ބޭފުޅުންނަށް ވެސް، މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މި އެލަވަންސް ލިބެމުން ދާނެ.

– ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް މިގެންނަ ހެޔޮ ބަދަލާއި، ސަރުކާރުގެ ވުޒާރާތަކުގައި 35 ޕަސެންޓް އެލަވަންސް ނުލިބި ތިބި މުވައްޒަފުންނަށް ލިބޭ އެލަވަންސާ އެކު، ޖުމްލަ 9838 މުވައްޒަފުންނަށް މިބަދަލުގެ ހެޔޮ އަސަރުކުރާނެކަމަށެވެ. މި ހުރިހާ ބަދަލަކަށް، އަހަރަކު ގާތްގަނޑަކަށް 482 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހޭދަކުރާނެކަމަށް ރައީސް ވިދާޅުވިއެވެ.

މުސާރަތަކަށް މިގެނައި ހެޔޮ ބަދަލުތަކުގެ އިތުރު ތަފްޞީލުތައް، ކަމާ ގުޅޭ ވަޒީރުން މިރޭގެ ވަގުތެއްގައި ރައްޔިތުންނާ ޙިއްޞާ ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.