އިޓްލޮސްގައި ކުރިއަށް ދިޔަ މައްސަލާގައި ރާއްޖޭގެ ފަރާތުން ދިވެހި ސަރުކާރުން ނަގަހައްޓާފައި ވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ކަމުގައި ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ބުނެފިއެވެ.
ރާއްޖެ އާއި ޗާގޮސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލަ ދިވެހި ދައުލަތުން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައެއް ލިބޭ ގޮތަށް އިން ކަނޑައެޅިގެން ދިއުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށާއި އިޓްލޮސްގައި ރާއްޖެ ތަމްސީލްކުރެއްވި އެޓާނީ ޖެނެރަލްގެ ލީގަލް ޓީމަށް އެމްޑީޕީން ވަނީ މަރުހަބާ ދަންނަވާފައެވެ.
އެޕާޓީން ބުނީ އިޓްލޮސްގައި ކުރިއަށް ދިޔަ މައްސަލާގައި ރާއްޖޭގެ ފަރާތުން ދިވެހި ސަރުކާރުން ނަގަހައްޓާފައި ވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތުކަމަށެވެ. ރާއްޖޭގެ އިގްތިސާދި އަދި ސަލާމަތީ މަސްލަހަތު ބެލެހެއްޓުމުގެ ފުރިހަމަ އިހްތިޔާރާއި ގާނޫނީ ބާރު ދިވެހި ދައުލަތަށް ލިބި ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން އިން ވަކިކުރެވިފައިވާ ފުރިހަމަ ގައުމެއްގެ ގޮތުގައި ރާއްޖެ ކަނޑައެޅިގެން ދިއުމަކީ ދިވެހި ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
މި މައްސަލާގައި ސަރުކާރުން ރާއްޖޭގެ މަސްލަހަތު ދިފާއުކުރަމުން ދިޔައިރު ސިޔާސީ އިދިކޮޅު ފަރާތްތަކުން ދިޔައީ ހަގީގަތާ ހިލާފު އަސްލެއް ނެތް އަދި ރާއްޖޭގެ ތާރީހުން ވެސް ފެންނަން ނެތް ވާހަކަތައް ފަތުރައި ފިތުނަ އުފައްދައި މަސްލަހަތު ނަގާލަން މަސައްކަތް ކުރަމުންކަމަށް އެމްޑީޕީން ބުންޏެވެ.
ދިވެހިރާއްޖޭގެ ސަރަހައްދު ބައިނަލްއަގުވާމީ ހަމަތަކާއި މިންތަކާއި އެއްގޮތަށް ކަނޑައަޅައި ފުރިހަމަވެ ނިމުނީ. ބައިގަރުނަށް ވުރެން ގިނަ ދުވަސްވީ މި މައްސަލަ ނިމި ދިވެހިރާއްޖޭގެ ސަރަހައްދު ކަނޑައެޅިގެން ދިއުމަކީ މިއަދު މި ޕާޓީން އުފާވެރިކަމާ އެކު ބަލައިގަންނަ ކަމެއް.
– އެމްޑީޕީން ބުނެފައިވެއެވެ.
މޮރިޝަސްގެ ފަރާތުން ދިވެހިރާއްޖެއާއި ޗާގޮސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެެރއިން ފުށުއަރާ ސަރަހައްދާއި ގުޅޭގޮތުން ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (މުޢާހަދާ)ގެ ދަށުން 23 އޮގަސްޓު 2019 ގައި ހުށަހެޅި މައްސަލާގައި މިއަދު އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އިފް ދަ ސީ (ޓްރައިބިއުލަން) ކުރި ހުކުމުގައި، ދެގައުމުގެ މެރިޓައިމް ބައުންޑަރީގައި ފުށުއަރާ 92،563 އަކަ ކިލޯ މީޓަރުގެ ސަރަހައްދުން ރާއްޖެއަށް ލިބިފައިވަނީ 47،232 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ކަމަށާއި، އަދި މޮރިޝަސްއަށް ދޭން ކޯޓުން ހުކުމް ކޮށްފައިވަނީ 45،331 ގެ ސަރަހައްދެއް ކަމުގައި އެޓަރނީ ޖެނެރަލް އޮފީހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ