އިސްލާހުތައް ބަލައި ނުގަތުމުން މަޖިލިސް ރައީސް ތަޅުން ދޫކުރައްވައިފި

އިސްލާހުތައް ބަލައި ނުގަތުމުން މަޖިލިސް ރައީސް ތަޅުން ދޫކުރައްވައިފި

Author
މުޙައްމަދު ޝަޒައިމް
30 ނޮވެމްބަރ 2020 02:43
0

އަންނަ އަހަރަށް ދައުލަތުން ހުށަހެޅި ބަޖެޓަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ ބައެއް މެމްބަރުން ހުށަހެޅުއްވި އިސްލާހުތައް އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ބަލައި ނުގަތުމުން މަޖިލިސް ރައީސް ރިޔާސަތު ދޫކޮށް މަޖިލިސް ތަޅުމުން ނިކުންނަވައިފިއެވެ.

މަޖިލިސް ވޯޓު ގަޑީގައި ބަޖެޓަށް ހުށަހެޅުނު 9 އިސްލާހުގެ ތެރެއިން 7 އިސްލާހުވަނީ އެމްޑީޕީ ޕީޖީ ގްރޫޕުން ބޭރުކޮށްލާފައެވެ. މަޖިލިސް ރައީސް ވަނީ އޭގެ ތެރެއިން އެއް އިސްލާހަށް އިޝާރާތްކޮށް ވާހަކަ ދައްކަވާފައެވެ. މަޖިލިސް ރައީސް ވަނީ ޖޭއެސްސީއަށް އިތުރު ކުރުމަށް ހުށަހެޅި 2 މިލިޔަން ރުފިޔާ އިތުރު ނުކުރުމުން އެކަމާއި ވަރަށް ބޮޑަށް ހިންހަމަ ނުޖެހު ވާހަކަ ދައްކަވާފައެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނަށް އެޕްރައިޒަލެއް ހެދުމަށް ބޭނުންވާ ފައިސާއަށްވާ2 މިލިޔަން ރުފިޔާ މިތަނުގައި 600 އިން 500 މިލިޔަން ރުފިޔާ ފަޅު ހިއްކަން ޖަހާފައިވާއިރުގައި މި ނުހިމަނާ ކުރިއަށް ގެންދެވީމާ އަޅުގަނޑުމެން ގޮސް ދިމާވާނެ ދަތުރު އެގިހުރި މީހެއް މިވާހަކަ މިދެންނެވީ.

– މަޖިލިސް ރައީސް ވިދާޅުވިއެވެ.

މިއަދުގެ ވޯޓުގައި މަޖިލިސް ރައީސް ވަނީ އިސްލާހުތައް ބަލައި ނުގަތުމުން ވަރަށްބޮޑަށް ހިތްޕުޅާނުވެ އެކަމުގެ ހިންހަމަ ނުޖެހުން ފާޅު ކުރައްވާފައެވެ. މަޖިލިސް ރައީސް ވަނީ ވޯޓު ގަޑީގައި އީވާ ހުށަހެޅި ދެ އިސްލާހަށްފަހު، ބަޖެޓަށް ވޯޓަށް އެހުމުގެ ކުރިން ތަޅުން ދޫކުރައްވާފައެވެ. މަޖިލިސް ރައީސް ވަނީ މީގެ ކުރިންވެސް ބަޖެޓަށް ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.

މިއަދު ބަޖެޓަށް ވޯޓު ދެއްވި އެމްޑީޕީގެ ގިނަ މެމްބަރުންނަކީ ބަޖެޓަށް އެންމެބޮޑަށް ފާޑުވިދާޅުވި މެމްބަރުންނެވެ. ބަޖެޓު މަޖިލީހަށް ހުށަހަޅުމަށްފަހު ކުރި ބަހުސްތަކުގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ 2021 ވަނަ އަހަރުގެ ބަޖެޓާއި ގުޅޭ ކަރުދާހުގައި ދައުލަތުގެ ދަރަނި %13.4 ގައި ހުރުމަށްފަހު %23.4 އަށް އަރާނެކަމަށް ހިމަނާފައިވާކަމަށެވެ. ބަޖެޓްގައި ހިމަނާފައިވާ ދަރަނީގެ ޢަދަދާއެކު ބަޖެޓް ފާސްކޮށްފިނަމަ މޫޑީސް އިން ރާއްޖޭގެ ރޭޓިން ދަށްކުރާނެކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައިވަނީ 34.7 ބިލިޔަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ކޮމިޓީ މަރުހަލާގައި ބަޖެޓް ދިރާސާކުރުމަށްފަހު ބަޖެޓަށް ވަނީ 200 މިލިޔަން ރުފިޔާ އިތުރުކޮށް، 34.9 ބިލިޔަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފައެވެ. ކޮމިޓީން ހުށަހެޅި ބަޖެޓް ރިޕޯޓަށް ހުޅުވާލި ބަހުސްގައި ވާހަކަ ދައްކަވާފައިވަނީ މަދު މެމްބަރެކެވެ. މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން މި ބަހުސްގައި ބައިވެރިވެފައިވަނީ 37 މެމްބަރުންނެވެ.

ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅި ބަޖެޓުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައި ވަނީ 17 ބިލިއަން ރުފިޔާއެވެ. ނަމަވެސް ކޮމިޓީން ބަޖެޓް ދިރާސާކޮށް ނިންމާލިއިރު އިތުރަށް 3.355 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށް ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީ 21 ބިލިއަން ރުފިޔާއަށް މިހާރު ވަނީ އިތުރުވެފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.