ރާއްޖޭގެ ދަރަނި އިންތިހާ އަށް ބޮޑުވުމަކީ ކަންބޮޑުވުމެއް ކަމަށާއި، ނަމަވެސް މިއަހަރު ރާއްޖޭގެ އިޤްތިޞާދު ފެންނަނީ އުންމީދީ އަހަރެއްގެ ގޮތުގައިި ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.
އެމްއެމްއޭގެ އަހަރީ ރިޕޯޓުގައި ގަވަރުނަރުގެ ސްޓޭޓްމެންޓްގައި އަލީ ހާޝިމު ވިދާޅުވީ، މިދިޔަ އަހަރު ބޭރުގެ އިގްތިސާދަށް ކުރިމަތިވި، އަޑިގަނޑުތަކާ އެކު ވެސް ރާއްޖޭގެ އިގްތިސާދަށް ބޮޑު ކުރިއެރުމެއް ލިބުނު ކަމަށެވެ. ރާއްޖޭގެ އިގްތިސާދު ކުރިއަށް ޖެހުނީ، ރާއްޖޭގެ އެތެރޭގެ ވިޔަފާރި ހަރަކާތްތައް އިތުރުވެ، ޓޫރިޒަމް ދާއިރާ ކުރިއެރުމުންނެވެ.
މިދިޔަ އަހަރު ނިމުނު އިރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމަށް އެމްއެމްއޭ އިން ލަފާކޮށްފައިވަނީ 12 ޕަސެންޓުގަ އެވެ. އިގްތިސާދު ކުރިއަރާނެ ކަމަށް މި އަހަރު ލަފާ ކުރަނީ ހަތް ޕަސެންޓުގައެވެ. ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ކަމުގެ އުންމީދު މަރުކަޒީ ބޭންކަށް އޮތް ނަމަވެސް ވޯލްޑް ބޭންކުގެ ލަފާ ތަފާތެވެ. ވޯލްޑް ބޭންކުން ދާދި ފަހުން ވަނީ ރާއްޖޭގެ އިގްތިސާދު ކުރިއަރާނެ ވަރު 6.6 ޕަސެންޓުން 5.6 ޕަސެންޓަށް ދަށްކޮށްފައެވެ.
ގަވަރުނަރު ވިދާޅުވީ، މިދިޔަ އަހަރު ޓޫރިޒަމްގެ ހަރަކާތްތައް އިތުރުވެ، އިމާރާތް ކުރުމުގެ ދާއިރާ އާއި މަސްވެރިކަމުގެ ދާއިރާ އަށް ވެސް ބޮޑު ކުރިއެރުމެއް ލިބުނު ކަމަށެވެ.
އިގްތިސާދަށް އުންމީދު ބޮޑު އަހަރެއްގެ ގޮތުގައި މި އަހަރު ފާހަގަކުރި ނަމަވެސް، ރާއްޖޭގެ އިގްތިސާދަށް ގޮންޖެހުންތައް ވެސް ހުރިކަން ގަވަރުނަރުގެ ބަޔާނުގައި ފާހަގަކުރެއްވި އެވެ. އޭގެ ތެރޭގައި ދަރަނި އިންތިހާ އަށް ބޮޑުވުމާއި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ މާލީ ދާއިރާ އަށް ކުރިމަތިވެދާނެ ގޮންޖެހުންތަކުގެ އަސަރު ރާއްޖެއަށް ބޮޑުވުން ހިމެނެއެވެ.
އެމްއެމްއޭ އިން ބުނީ މިދިޔަ އަހަރުގެ އިންފްލޭޝަން 2.3 ޕަސެންޓުގައި ހުރި ކަމަށެވެ. ޖީއެސްޓީ އާއި ދުނިޔޭގެ ބާޒާރުގެ ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން މި އަހަރު ރާއްޖޭގެ އިންފްލެޝަން 5.4 ޕަސެންޓަށް އިތުރު ވާނެ ކަމަށެވެ.