އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓްގެ ކޮމިޓީ ރިޕޯޓުގެ ބަހުސް ނިންމައި މިއަދު ބަޖެޓަށް ވޯޓަށް އެހުމަށް ނިންމައިފިއެވެ.
މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން ކޮމިޓީ ރިޕޯޓަށް ބަހުސް ކޮށްފައިވަނީ އެންމެ 37 މެމްބަރުންނެވެ. ބަޖެޓަށް މެމްބަރުން ބަހުސް ކުރެއްވުމަށް ހޭދަކޮށްފައިވަނީ 4 ގަޑިއިރާއި 7 މިނިޓެވެ. ބަޖެޓަށް ބަހުސް ކުރުމަށް މެމްބަރުންގެ ޝައުގުވެރިކަން ކުޑަވުމުން މަޖިލިސް ރައީސް ނަޝީދުގެ ނުރުހުން ވަރަށްބޮޑަށް ވަނީ މެމްބަރުންނަށް އަމާޒުކޮށްފައެވެ. މަޖިލިސް ރައީސް ވަނީ މިއަދުގެ ވޯޓު ގަޑީގައި ބަޖެޓަށް ވޯޓަށް އެހުމަށް ނިންމާފައެވެ.
އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައެޅި ބިލް ކޮމިޓީޏް ދިރާސާކޮށް ނިންމި އިރު، ބަޖެޓަށް ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ. އެގޮތުން ދައުލަތުން ހުށައެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓަށް ކޮމިޓީ މަރުހަލާގައި ވަނީ 200 މިލިއަން ރުފިޔާ އިތުރުކޮށްފައެވެ. އެހެންކަމުން ބަޖެޓް ދިރާސާކޮށް ނިންމާއިރު ބަޖެޓްގެ ޖުމްލަ ޢަދަދު ވަނީ 34.9 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.
ބަޖެޓްގައި ހިލޭ އެހީގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި ދައުލަތުގެ ޚަރަދު ހުންނާނެކަމަށް ލަފާކޮށްފައިވަނީ 33.2 ބިލިއަން ރުފިޔާގައެވެ. ކޮމިޓިން ވަނީ ބައެއް މިނިވަން މުއައްސަސާތަކުގެ ބަޖެޓަށްވެސް ފައިސާ އިތުރުކޮށްދީފައެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ބަޖެޓަށް 2 މިލިއަން ރުފިޔާ އިތުރުކޮށްދިނުމަށް ކޮމިޓީން ނިންމިއެވެ. އަދި ހިއުމަން ރައިޓްސް ކޮމިޝަނަށްވެސް ބަޖެޓް އިތުރުކޮށްދީފައިވާއިރު، ކޮމިޓީން ގެނައި ބަދަލުތަކުން ވަނީ ބަޖެޓް ޑެފިސިޓްވެސް ދަށްކޮށްފައެވެ. އެގޮތުން ބަޖެޓް ޑެފިސިޓް 15.5 ބިލިއަނުން 12.3 ބިލިއަން ރުފިޔާއަށް ވަނީ ތިރިކޮށްފައެވެ.
ކޮމެންޓު ފޮނުވާ