"ހަސަން ކުރުސީ" ގެ ނަމުގައި ހިންގާ ޓްވިޓާ އެކައުންޓުގެ މައްސަލަ ބަލަން ފުލުހުން ތަހުގީގު ފަށައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ޓްވިޓަރ އެކައުންޓެއްގެ ސަބަބުން ގެއްލުން ލިބެމުންދާކަމަށް ވިދާޅުވެ އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިމަހުގެ 18 ވަނަ ދުވަހުއެވެ.
މި މައްސަލައިގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ރައީސް ނަޝީދު ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ ހަސަން ކުރުސީގެ އެކައުންޓަކީ ރައީސް ނަޝީދާއި ގުޅުން އޮތް ޓްވިޓަރ އެކައުންޓެއްކަމަށް ބައެއް މީހުން ހީކުރަމުންދާކަމަށެވެ. އަދި އެކަމުގެ ސަބަބުން އެމަނިކުފާނަށް ގެއްލުން ލިބެމުންދާކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
އެހެންކަމުން އެ ޓްވިޓަރ އެކައުންޓްގެ އަސްލު ހޯއްދަވައިދެއްވުމަށް ނަޝީދު ވަނީ ފުލުހުންނަށް ހުށަހެޅި މައްސަލައިގައި އެދިވަޑައިގެންފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ނަޝީދު ހުށަހެޅުއްވި މައްސަލައިގެ ތަހްގީގު ފުލުހުން ކުރިއަށް އެބަގެންދާ ކަމަށާއި ނަމަވެސް މިވަގުތު އެތަހްގީގާއި ގުޅޭ ގޮތުން އިތުރު ތަފްސީލެއް ހާމަކުރެވެން ނެތް ކަމަށެވެ.
ރައީސް ނަޝީދު މީގެ ކުރިން ވެސް ވަނީ އޭނާ އަކީ "ހަސަން ކުރުސީ" ނޫން ކަމަށް ވިދާޅުވެފައިވެއެވެ. ނަމަވެސް އެ އެކައުންޓް ހިންގަމުންދަނީ އެމަނިކުފާނު ކަމަށް ގިނަ ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. ރައީސް ނަޝީދު ވިދާޅުވެފައިވާ ގޮތުގައި ހަސަން ކުރުސީއަކީ އެމަނިކުފާނު ލިޔާ ބައެއް ލިޔުންތަކުގެ ހަގީގީ، ޚިޔާލީ ޝަހުސިއްޔަތެކެވެ. އަދި ހަސަން ކުރުސީއަކީ އެމަނިކުފާނުގެ ތޮބިއްޔަތު ބަޔާން ނުކޮށްދޭ ޝަހުސިއްޔަތެއްކަން ދަންނަވަން އުނދަގޫ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ