މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފައިވާ ގޮތުގައި، ނިމިދިޔަ މަހު ދައުލަތަށް މުދަލު ޒަކާތުގެ ގޮތުގައި 11.8 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނައިގެ ބޮޑު ކުރިއެރުމެކެވެ.
މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ކުރީ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ 5,939,935 ރުފިޔާއެވެ. ނަމަވެސް ނިމިދިޔަ މަހު މި އަދަދު 11,853,554 ރުފިޔާއަށް އަރާފައިވާއިރު، މިއީ 99.5 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ މަހުގެ އާމްދަނީއާއެކު، މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 17,909,069 ރުފިޔާ ވަނީ ދައުލަތަށް ޖަމާވެފައެވެ. މިއީ އިސްލާމީ ޝަރީޢަތާ އެއްގޮތްވާ ގޮތުގެ މަތިން، ޒަކާތުގެ ޙައްޤުވެރިންނަށް ފޯރުކޮށްދިނުމަށްޓަކައި ދައުލަތުން ބަލަހައްޓަމުން ގެންދާ ފައިސާއެކެވެ.
ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިސާބަށް އެންމެ ފަހުން ބަދަލު ގެނެސްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން މިހާރު ކަނޑައަޅާފައިވާ ނިސާބަކީ 19,527.90 ރުފިޔާއެވެ. މީގެ ކުރިން ނިސާބުގެ ގޮތުގައި އޮތީ 11,191.95 ރުފިޔާއެވެ. ރާއްޖޭގައި މުދަލު ޒަކާތުގެ ނިސާބު ކަނޑައަޅަނީ ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުތަކަށް ރިއާޔަތްކުރުމަށްފަހު، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިންނެވެ.
ކޮމެންޓު ފޮނުވާ