ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބީއެމްއެލްގެ ފައިސާ ފޭރުނު މައްސަލައިގައި ހައްޔަރުކުރި އަށް މީހުންގެ މައްޗަށް ދައުލަތުން ދައުވާކޮށްފިއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު 27 ވަނަ ދުވަހުގެ ފަތިހު 4:45 ހާއިރު، ބާ ޓާމިނަލާއި އާ ޓާމިނަލް ގުޅުވައިދޭ ވޯކްވޭ ތެރެއިން، މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަނީ ބީއެމްއެލްގެ ފައިސާ ބްރިފްކޭސްތަކެއް ފޭރިގެންފައެވެ. ޓެކްސީއެއްގައި ގޮސް ފައިސާ ފޭރިގަތުމަށް ފަހު ފިލީ ލޯންޗެއްގައެވެ.
ދައުވާ ކުރެވިފައިވާ އަށް މީހުންނަކީ، ގއ. ވިލިނގިލީ ޢަބްދުލްއައްވަލް އިބްރާހީމް (27)، ތ. ވިލުފުށީ އަޙްމަދު މާޙިދު (44)، ސ. ހިތަދޫ ޢަލީ އަފްޒަލް (21)، ލ. މާވަށު މާޒިން މޫސާ (25)، މާލޭ އަޙްމަދު ރައިހާން ނަޢީމް (20)، ކ. ގުރައިދޫ އިބްރާހީމް އަނޫފް (24)، ކ. ގުރައިދޫ ޙުސައިން ޝަހުދު (30)، އަދި ރ. މަޑުއްވަރީ އިސްމާޢީލް ސިރްޙާން (30) އެވެ. “ސަން”އަށް އެނގިފައިވާ ގޮތުގައި، ހައްޔަރުކުރީ ވެސް އަދި ދައުވާކުރީ ވެސް އެންމެން އެއްފަހަރާ ނޫނެވެ. ދައުލަތުން ކުރި ދައުވާ ސާފުވެފައެއް ނުވެއެވެ.
ފޭރުމާ ގުޅިގެން ހިންގި ތަހުގީގުގައި ފުލުހުން ވަނީ ކ. ހުރާ ފަޅުތެރެއިން ތުހުމަތުކުރެވޭ މީހުން ދަތުުރުކުރި ލޯންޗު ހޯދައި ބެލުމުގެ ދަށަށް ގެނެސްފައެވެ. ނަމަވެސް ގެއްލިފައިވާ ފައިސާ ހޯދިފައިވާ ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. ފޭރުނީ ސީދާ ކިހާ އަދަދެއްގެ ފައިސާ ކަމެއް ވެސް ރަސްމީ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް “ސަން”ގެ ވަثިގު ގޮތެއްގައި ލިބިފައިވާ މަޢުލޫމާތަށް ބަލާއިރު، ފޭރިގަތް ބްރިފްކޭހުގައި ލައްކައެއްހާ ޑޮލަރު ހުރިކަމަށް ބެލެވެއެވެ. ޑޮލަރުގެ އިތުރުން ޔޫރޯ ވެސް ހުރި ކަމަށް ވެއެވެ.
ކޮމެންޓު ފޮނުވާ