މިދިޔަ މަހުގެ ތެރޭގައި ރާއްޖެއަށް އިމްޕޯޓް އަދި އެކްސްޕޯޓްކޮށްފައިވާ މުދަލުގެ މިންވަރު އިތުރުވެ ލިބުނު އާމްދަނީ އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ހިސާބުތަކުން ދައްކައިފި އެވެ.
ކަސްޓަމްސް އިން މިއަދު ނެރުނު މާޗު މަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2022 ވަނަ އަހަރުގެ މާޗު މަހު ރާއްޖެ އަށް އިމްޕޯޓުކޮށްފައިވަނީ 3.9 ބިލިއަން ރުފިޔާގެ މުދާ ކަމަށްވާއިރު މިއަހަރުގެ އެ މުއްދަތުގައި އިމްޕޯޓު ކުރި މުދަލުގެ އަގު ވަނީ 4.3 ބިލިއަނަށް އަރާފައެވެ. މިއީ 10 ޕަސެންޓުގެ ކުރިއެރުމެކެވެ.
މިދިޔަ މަހު އެންމެ ގިނައިން ރާއްޖެ އަށް މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީންނެވެ. އެގޮތުން އިމްޕޯޓް ކުރި މުދަލުގެ 17 ޕަސެންޓަކީ ޔޫއޭއީން އެތެރެކުރި މުދަލެވެ.
މިދިޔަ މަހު ރާއްޖެ އިން އެކްސްޕޯޓް ކުރި ވަރުވެސް އިތުރުވެފައިވާ އިރު މިދިޔަ އަހަރުގެ މާޗު މަހު އެކްސްޕޯޓުކޮށްފައިވަނީ 228 މިލިއަން ރުފިޔާގެ މުދަލެވެ. މި އަހަރު އެ އަދަދު އުޅެނީ 344 މިލިއަން ރުފިޔާގަ އެވެ. މިއީ 51 ޕަސެންޓުގެ ކުރިއެރުމެކެވެ.
މިދިޔަ މާޗު މަހު ރާއްޖެ އިން އެންމެ ގިނައިން މުދާ އެކްސްޕޯޓު ކޮށްފައިވަނީ ތައިލޭންޑުންނެވެ. އެގޮތުން ރާއްޖެ އިން މިދިޔަ މަހު އެކްސްޕޯޓް ކުރި މުދަލުގެ 66 ޕަސެންޓް ބޭރުކޮށްފައިވަނީ އެ ގައުމަށެވެ.
މާޗު މަހު ރާއްޖޭގެ އެކްސްޕޯޓާއި އިމްޕޯޓުގެ އިތުރުން މިދިޔަ މަހު ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާ އިރު 3 ޕަސެންޓް އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި 320 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު އެ އަދަދު އުޅެނީ 330 މިލިއަން ރުފިޔާގަ އެވެ.
ކޮމެންޓު ފޮނުވާ