ވ. ކެޔޮދޫ ރައްޔިތުން ނުކުމެ، އެ ރަށު މިސްކިތަށާއި މިސްކިތުގައި ހުރި ޚަތިމުތަކަށް ގެއްލުންދިން މީހަކު ހައްޔަރުކޮށްފިއެވެ.
ހަތިމުތަކެއް ވީދާލައިގެން އެންމެ ފުރަތަމަ ކައުންސިލަށް ރިޕޯޓްކުރީ މިދިޔަ އަހަރު އޮކްޓޯބަރުގައެވެ. އެ ފަހަރު 10 ހަތިމު ވީދާލައިފައި އޮތެވެ. އޭގެ ފަހުން މިދިޔަ ހޮނިހިރު ދުވަހު އިތުރު 20 ހަތިމު ވީދާލައިފައި އޮތް ކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ. މިސްކިތައް ގެއްލުން ދިނީ ރޭގެ ވަގުތެއްގައެވެ.
އެ ރަށު ކައުންސިލްގެ މެމްބަރަކު ވިދާޅުވީ ރައްޔިތުން ނުކުމެ، މިކަން ކުރާ މީހާ ހައްޔަރުކޮށް ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
މި ކަން ހިނގުމާއެކު ރައްޔިތު އެންމެން ނުކުމެ ހަމަނުޖެހުމަކަށް މަގުފަހިވާ ހިސާބަށް ކަންތައް ގޮސްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭނާއަށް ހަމަލާދޭން ވެސް ބައެއް މީހުން މަސައްކަތްކުރާތީ ފުލުހުންގެ ހިމާޔަތުގައި ވ. ފެލިދުއަށް ގެންގޮސްފައިވާކަމަށް ވިދާޅުވިއެވެ.
މިމައްސަލަ ފުލުހުން ދަނީ ތަހުގީގް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ