ފޯޅަވަހި މައްސަލައިގައި ހިމެނޭ ސިއްރު ސިޓީ އަނބުރާ ގެންނެވުމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ގޮވާލައްވައިފިއެވެ.
ބޮންޑާ މިފަދައިން ގޮވާލައްވާފައި މިވަނީ ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި މޮރިޝަސްއިން ރާއްޖެއާ ދެކޮޅަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހަޅާފައިވާ މައްސަލަ މި މަހުގެ 28 ވަނަ ދުވަހު ނިންމަން ހަމަޖައްސާފައިވަނިކޮށެވެ.
ބޮންޑާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕޯޗްގީޒުން ދިވެހިރާއްޖެ އަޅުވެތި ކުރިޒަމާނުގައި މޮރިޝަޝްއޭ ކިޔާ ގައުމެއް މި ދުނިޔެއަކު ނޯންނަ ކަމަށާއި މޮރިޝަސްއަކީ ކުރީޒަމާނުގައި ދިވެހި އޮޑިފަހަރު ޒަންޒިބާރަށް ދާ މަގުމަތީ ގަދަވެގެން ޖައްސާ ދިނާރުބޯ ކިޔާ އެފްރިކާގެ ފަޅުރަށެއް ކަމަށެވެ.
ފަހުގެ ތާރީޚެއްގައި ލަންދޭސީ މޮޮރީސްގެ ނަމުން އުފެއްދި އެފްރިކާގެ (މޮރިޝަޝް) އޭ ކިޔާ ގައުމަށް ފޯޅަވައްސާއެކު ދިވެހިންގެ މަސްކަނޑާ އެ ކަނޑު އަޑީގެ ޚަޒާނާތަކާއެކު ސިއްރު ސިޓީ އަކުން ދޫކޮށްލުމަކީ ގައުމަށް ޣައްދާރުވުުން ކަމަށް ވެސް ބޮންޑާ ވިދާޅުވިއެވެ.
“ލަސްނުކޮށް ފޯޅަވަހި ސިއްރު ސިޓީ އަނބުރާ ގެނައުމަށް އިހްތިރާމާއެކު ރައީސުލްޖުމްހޫރިއްޔާ އަށް ގޮވާލަން“ ބޮންޑާގެ ޓްވީޓްގައި ލިޔުއްވާފައިވެއެވެ.
ރާއްޖޭގެ ޚާއްސަ އިގުތިސާދީ ކަނޑުގެ ސަރަހައްދާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދުގައި ފުށުއެރުންތަކެއް ހުރިކަމަށް ބުނެ ބައިނަލްއަގްވާމީ ޓްރައިބިއުނަލަށް މޮރިޝަސްގެ ފަރާތުން ރާއްޖެއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި މިދިޔަ އަހަރުގެ އޮކްޓޫބަރުމަހުގެ 20 ވަނަ ދުވަހު ކުރިއަށްދިޔަ އަޑުއެހުމުގައި އެޓާރނީ ޖެނެރަލް އިބްރާހިމް ރިފްޢަތު ވިދާޅުވި ގޮތުގައި މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވާ ކަމަށް ރާއްޖެއިން ގަބޫލުކޮށް, އެ އަހަރުގެ އޮގަސްޓު 22 ގައި އެ ގައުމުގެ ބޮޑުވަޒީރަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ސިޓީއެއް ފޮނުއްވައިފައެވެ.