ރ. އަލިފުށީ އެއަރޕޯޓުގެ ޓަރމިނަލް ޢިމާރާތުގެ ފައުންޑޭޝަން މަސައްކަތް ނިންމާލައިފި

ރ. އަލިފުށީ އެއަރޕޯޓުގެ ޓަރމިނަލް ޢިމާރާތުގެ ފައުންޑޭޝަން މަސައްކަތް ނިންމާލައިފި

Author
އަޒްފާ ރަޝީދު
24 އޭޕްރިލް 2023 07:23
0

ރ. އަލިފުށީ އެއަރޕޯޓުގެ ޓަރމިނަލް ޢިމާރާތުގެ ފައުންޑޭޝަން މަސައްކަތް އެމްޓީސީސީއިން ނިންމާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ އެމްޓީސީސީއިން ހާމަކޮށްފައިވާ ގޮތުގައި އަމާޒަކީ މި އަހަރުގެ ނިޔަލަށް އަލިފުށި އެއަރޕޯޓްގެ މަސައްކަތްތައް ނިންމުން ކަމަށް އެކުންފުނިން ބުނެފައިވެއެވެ.

ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ ރ. އަލިފުށީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ފެށީ އެއަރޕޯޓްގައި ޤާއިމުކުރަންޖެހޭ އަލިފާން ނިއްވާ ޢިމާރާތުގެ މަސައްކަތެވެ. އެމްޓީސީސީން ބުނީ މިޢިމާރާތުގައި މިހާރު ކުރިއަށްދަނީ ފުރާޅުގެ މަސައްކަތްކަމަށެވެ. އޭގެ އިތުރުން މިހާރުވަނީ އަލިފުށީ އެއަރޕޯޓް ޓަރމިނަލްގެ ފައުންޑޭޝަންގެ މަސައްކަތްވެސް ވަނީ ނިމިފައި ކަމަށެވެ.

އަތޮޅުގެ އެހެން ރަށްތަކާއި އެކަހެރިގޮތަކަށް އޮންނަ ރ. އަލިފުށީގައި އެއަރޕޯޓެއް ތަރައްޤީކުރުމަށް އެރަށުން 50.5 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. މީގެތެރެއިން 80 އިންސައްތަ ބޭނުންކުރުމަށް ހަމަޖެހިފައިވަނީ އެއަރޕޯޓު ހެދުމަށެވެ. އަނެއް 10 އިންސައްތަ ބިން ބޭނުންކުރާނީ 3000 އެއްހާ މީހުންގެ އާބާދީއެއް އޮންނަ އަލިފުށްޓަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ގެނައުމުގެ އިތުރުން އެރަށުގެ އިޤްތިޞާދީ މަސައްކަތްތަކަށް ދޫކުރުމަށެވެ. އަލަށް ހިއްކާފައިވާ ސަރަޙައްދާއެކު އަލިފުށީގެ ބިމުގެ ބޮޑުމިން 90 ހެކްޓަރަށްވުރެ އިތުރުވެގެންދާނެއެވެ. އަލިފުށީ ބިން ހިއްކުމުގެ މަޝްރޫޢަކީ އެމްޓީސީސީގެ ތާރީޚުގައިވެސް ހިނގާ މިފަދަ ބޮޑު އެއްމަޝްރޫޢުކަން އެކުންފުނިން ފާހަގަކުރައްވައެވެ.

އަލިފުށި ބިން ހިއްކުމާއި އެއަރޕޯޓް މަޝްރޫޢުގެ ދަށުން 50.5 ހެކްޓަރުގެ ބިން ހިއްކާ، އެސަރަޙައްދު ޙިމާޔަތްކުރުމަށް 2871 މީޓަރުގެ ރިވެޓްމެންޓެއް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި 1200 މީޓަރުގެ ރަންވޭއަކާއި އެޕްރަން އާއި ޓެކްސީ ވޭއަކާއި އެއަރޕޯޓުގެ މަގުތައް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެއިތުރުން ޓަރމިނަލް ޢިމާރާތާއި، ފަޔަރ ބިލްޑިންގ ތަރައްޤީކޮށް އަލިފާން ނިއްވާ ވަޞީލަތް ޤާއިމުކުރުމާއި 655 މީޓަރުގެ ސެކިއުރިޓީ ފެންސެއް ޖެހުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިއީ ދައުލަތުގެ ބަޖެޓުން 426.05 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.