20 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަމުންދާ އަދީބް ގެއަށް ބަދަލުކޮށްފި

20 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރަމުންދާ އަދީބް ގެއަށް ބަދަލުކޮށްފި

Author
މުޙައްމަދު ޝަޒައިމް
07 އޮކްޓޯބަރ 2020 03:29
0

ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ކުރި 7 ދަޢުވާ ސާބިތުވެ 20 އަހަރަށް ޖަލަށް ލުމަށް ކުރި ހުކުމް ތަންފީޒު ކުރުމަށް ޖަލަށް ގެންދިއުމަށްފަހު ބަލި ހާލަތު ހުރިގޮތުން ގެއަށް ބަދަލުކޮށްފިއެވެ.

އަދީބަށް 20 އަހަރުގެ ހުކުމް ކުރުމުގެ ކުރިންވެސް ބަލި ހާލަތު ހުރިގޮތުން ކޯޓުގެ ހުއްދައާއިއެކު އޭނާ ހުރީ ގޭގައެވެ. އަދި ހުކުމް ކުރުމަށްފަހު ހުކުމް ތަންފީޒު ކުރުމަށް ހަމަޖެހިފައިވާ އިޖުރައަތުތަކާއި އެއްގޮތަށް ގެންދިއުމަށްޓަކައި އަދީބް ޖަލަށް ގެންދިއުމަށްފަހު މިހާރު އަނެއްކާވެސް ވަނީ ގެއަށް ބަދަލުކޮށްފައެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް ދައުލަތުން އުފުލި 7 ދައުވާއަށް އަދީބު ވަނީ އިއުތިރާފުވެވަޑައިގެންފައެވެ. އަދީބު ވަނީ ޝަރީއަތުގެ މަޖިލީހުގައި އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ގުޅޭ ތަފްސީލުތައްވެސް ކިޔާދެއްވާފައެވެ. އޭނާ ވަނީ ރާއްޖޭގައި ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ބޮޑު ޚިޔާނާތްކަމަށްވާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އިރުޝާދުގެ ދަށުން އޭރުގެ ސަރުކާރުން ގުޅިގެން ހިންގި ޖަރިމާއެއްކަމަށް ތުހުމަތުކުރައްވާފައެވެ.

އަދީބު ވިދާޅުވީ އެމްއެމްޕީއާރުސީގެ ސްކޭމަކީ އޭރުގެ ރައީސް އަބްދުﷲ ޔާމީނާއި މުޅި ސަރުކާރު ގުޅިގެން ހިންގި ބޮޑު ސްކޭމެއްކަމަށެވެ. އަދި މިކަން ފެށިިއިރު ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކަށް ބޭރުގެ އެކި ފަރާތަތކުން 200 މިލިއަނެއްހާ ޑޮލަރު ލިބޭނެކަމަށާއި އެ ފައިސާ ލިބުމުން އަނބުރާލާ ގޮތަށް ސަރުކާރުގެ ތަންތަނުން ލާރި ނެގުމަށް ރައީސް ޔާމީން ވިދާޅުވިކަމަށް އަދީބު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވިއެވެ.

އަދީބު ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައަކީ ވަރަށް ގިނަ ބަޔަކު ޝާމިލުވެ އޭގެއިން މަންފާތަކެއް ހޯދައިފައިވާ ކަމެއްކަމަށެވެ. އެގޮތުން ހުރިހާ ސިޔާސީ ޕާޓީއަކާއި އަދި އޭރުގެ މިނިވަން މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހުގައި ނެގި އެތައް ވޯޓްތަކަކާއި އެތައް މެންބަރުންނެއް އެފައިސާ ބޭނުންކޮށްފައިވާކަމަށްވެސް އަދީބު ތުހުމަތުކުރެއްވިއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން، އަދީބުގެ މައްޗަށް އުފުލާފައި ވަނީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދެ ދައުވާއަކާއި، މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ދައުވާއެކެވެ. އަދީބު ވަނީ އެ ހުރިހާ ދައުވާ އަކަށް އިއުތިރާފުވެވަޑައިގެންފައެވެ. މި ދައުވާތަކަށް އަދީބު އިއުތިރާފުވެވަޑައިގެންފައިވާއިރު، އޭނާގެ މައްޗަށް ހުކުމް ކޮށްފައިވަނީ ކޮންމެ ދައުވާއަކަށް ވަކިންނެވެ.

އަދީބުގެ މައްޗަށް އިއްވި ހުކުމްތައް

  • ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދައުވާ – 4 އަހަރާއި 9 މަހާއި 18 ދުވަހަށް ޖަލަށް
  • ޚިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދައުވާ – 2 އަހަރާއި 4 މަހާއި 24 ދުވަހަށް ޖަލަށް
  • މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ – 5 އަހަރާއި 11 މަހަށް ޖަލަށްލައި 1 މިލިއަން ރުފިޔާއިން ޖޫރީމަނާ
  • މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ – 5 އަހަރާއި 11 މަހަށް ޖަލަށްލައި 1 މިލިއަން ރުފިޔާއިން ޖޫރިމަނާ
  • މަޤާމުގެ ނުފޫޒުން ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމުގެ ދަޢުވާ – 1 މަހާއި 15 ދުވަހަށް ޖަލަށް
  • މަގާމުގެ ނުފޫޒުން ނާޖާއިޒް ފައިދާއެއް ހޯދައި ދިނުމުގެ ދަޢުވާ – 6 މަސްދުވަހަށް ޖަލަށް
  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދަޢުވާ – 3 މަސްދުވަހަށް ޖަލަށް

ޚިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް 20 އަހަރު ދުވަހުގެ ޖަލު ޙުކުމް އިއްވާފައިވީނަމަވެސް މިމައްސަލަތަކާއި ގުޅިގެން އަހަރެއްހާ ދުވަހު އޭނާ ބަންދުގައި ހޭދަކޮށްފައިވާތީ ދެން ޖަލު ޙުކުމް ތަންފީޒުކުރަންޖެހޭނީ 19 އަހަރުގެ މުއްދަތަކަށެވެ. އޭނާގެ މައްޗަށް20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ދައުލަތާއި އެކު ވެފައިވާ އިއުތިރާފް އެއްބަސްވުމުގެ ދަށުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.