ތ. ފުނައްޑޫ އޮޕަރޭޝަނަށް ގެނެސް އެތަން ހިންގުމަށް 236 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް މިފްކޯއިން ބުނެފިއެވެ.
މިފްކޯއިން މިކަން ހާމަކޮށްފައިވަނީ، ފިޝަރީޒް މިނިސްޓްރީން ފުނައްޑޫގެ ހިންގުން މިފްކޯއާއި ހަވާލުކުރުމަށް އެއްވަސްވުމުގައި ސޮއިކުރުމަށް ބޭއްވި ބައްދަލުވުމުގައެވެ. މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށްޓަކައި ބޮޑެތި މަސައްކަތްތަކެއް ކުރަން ހުރިކަން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން އެކަމަށް ކުރަން ޖެހޭ މަސައްކަތްތައްކަށް ބޭނުންވާ ތަކެތި ލިބުނުހާ އަވަހަކަށް އެ ތަނުގެ މަސައްކަތް ފަށާނެ ކަމަށް އެފަރާތުން ބުނެފައިވެއެވެ.
ފުނައްޑޫ އޮޕަރޭޝަނަށް ގެންނަން ކުރަން ޖެހޭ މަސައްކަތްތަކަށް 236 މިލިއަން ރުފިޔާ އިންވެސްޓް ކުރަން ޖެހޭ ކަމަށް މިފްކޯއިން ބުންޏެވެ. އެގޮތުން ރަށުގެ ތަންތަން މަރާމާތުކޮށް، ބޭނުންވާ ވަސީލަތްތައް ޤާއިމްކުރުމަށް 90 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ބުންޏެވެ. އަދި ފުނައްޑޫ ބަނދަރު މަސްގަނެވޭ ފެންވަރަށް ތަރައްޤީކުރުމަށް 146 މިލިއަން ރުފިޔާ ވެސް ހަރަދުވާނެ އެވެ.
ކުރިން އަމިއްލަ ފަރާތަކުން ފުނައްޑޫ އޮޕަރޭޝަނަށް ގެނެސް، މަސްގަނެ އެތަނުގައި އެކްސްޕޯޓްކުރަން ފެށީ 2004 ގަ އެވެ. ނަމަވެސް ރަށް ތަރައްގީކުރަން ނެގި ލޯނެއް ނުދައްކައިގެން ޖެހުނު މައްސަލަތަކެއްގައި ރަށުގައި ކުރަމުން އައި މަސްވެރިކަމާއި ގުޅޭ މަސައްކަތްތަކެއް އޮތީ ހުއްޓިފަ އެވެ.
ފުނައްޑޫ ސަރުކާރަށް ނެގީ އެ ރަށް ހިންގި ފަރާތުން ބޭންކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ފަހު އެވެ.
ކޮމެންޓު ފޮނުވާ