ދިވެހިންނަކީ ޤައުމީ ކަންކަމުގައި ފަނުޖެހޭނެ ބައެއްކަން މިއަދު މުޅި ދުނިޔެއަށް ހަމަކޮށްދީފައިވާކަމަށް ބޮޑު ތަފާތަކުން އޭފްސީ ބްރެކެޓް ޗެލެންޖު ކާމިޔާބުކުރި އަލީ އަޝްފާޤް (ދަނގަޑޭ) ބުނެފިއެވެ.
ދުނިޔޭގެ އާބާދީ ބޮޑު ސައުތު ޗައިނާއަށް ނިސްބަތްވާ ކުޅުންތެރިޔަކު ވޯޓުގެ ބޮޑު ތަފާތަކުން ބަލިކޮށް އަޝްފާޤު އޭއެފްސީގެ އެންމެ މޮޅު ގޯލު ޖެހި ކުޅުންތެރިޔާގެ ޗެލެންޖު ހާސިލްވުމާއި ގުޅިގެން އަޝްފާޤު ބުނެފައިވަނީ އޭއެފްސީ ބްރެކެޓް ޗެލެންޖް ކާމިޔާބު ކުރުމަށް ވޯޓު ލުމުގަ އާއި ވޯޓު އިތުރު ކޮށްދެއްވުމަށް އެބޭފުޅެއްގެ އަގުހުރި ވަގުތު ހޭދަ ކުރެއްވި އެންމެހައި ފަރާތްތަކަށް ފަށްފަށުން ޝުކުރު ދަންނަވާކަމަށެވެ.
އާބާދީގެ ގޮތުން ބޮޑެތި ޤައުމުތައް ފަހަތަށް ޖައްސައިލުމަށްފަހު މިއަދު ދިވެހި ރައްޔިތުން މުޅި ދުނިޔެއަށް ސާބިތުކޮށްމިދިނީ ދިވެހިންނަކީ މީސްކޮޅު ކިތަންމެ މަދު ނަމަވެސް ޤައުމީ ކަންކަމުގައި ފަހަތަށް ޖެހޭނެ ބައެއް ނޫންކަން!
— Ali Ashfaq (@AliAshfaq07) November 29, 2020
އަދި މިއަދު ދިވެހިން ހާމަކޮށްދިނީ އާބާދީގެ ގޮތުން ބޮޑެތި ޤައުމުތައް ފަހަތަށް ޖައްސައިލުމަށްފަހު ދިވެހިންނަކީ މީސްކޮޅު ކިތަންމެ މަދު ނަމަވެސް ޤައުމީ ކަންކަމުގައި ފަހަތަށް ނުޖެހޭނެ ބައެއްކަމަށެވެ.
އަޝްފާޤު މިޗެލެންޖު ކާމިޔާބު ކޮށްފައިވަނީ އޭނާއާއި ވާދަކުރި ޗަން ސިއު ކީގެ މައްޗަށް ތަފާތުބޮޑުކޮށް ވޯޓު ހޯދައިގެންނެވެ. އަޝްފާޤަށް 89.14 އިންސައްތަ ވޯޓު ލިބިފައިވާއިރު، އޭނާއާއި ވާދަކުރި ޗަން ސިއު ކީ އަށް ލިބިފައިވަނީ 10.86 އިންސައްތަ ވޯޓެެވެ.
އޭއެފްސީ ކަޕުގައި ވަކިވަކި ކުޅުންތެރިން ޖަހާފައިވާ އެންމެ ރީތި ގޯލު ހޮވުމަށް ސަޕޯޓަރުންނަށް ހުޅުވާލި ފުރުސަތުގައި ދަގަނޑޭ މި މުބާރާތުގައި ޖަހާފައިވާ ގޯލުތަކުގެ ތެރެއިން ހޮވާފައިވަނީ 2013 ވަނަ އަހަރު ނިއުރޭޑިއަންޓް އިން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 އިން ކުރިހޯދި މެޗުގައި ޖަހަައިދިން ރީތި ހިތްގައިމު ސޯލޯ ގޯލެވެ. މިމެޗްގައި އަޝްފާޤު ވަނީ 5 ގޯލް ޖަހާފައެވެ. މި މެޗުގައި އަޝްފާޤުގެ ހުނަރުވެރި ޖާދޫ، ފެނިފައި ކޮމަންޓޭޓަރާއި، ދަނޑަށްވަދެ ތިބި އެތައް ސަޕޯޓަރުންގެ ސަމާލުކަންވެސް އަޝްފާޤަށް ހުއްޓިގެން ދިޔައެވެ.
އަޝްފާގަށް ފައިނަލު ކާމިޔާބު ކޮށްދިނުމުގައި ވަރަށް ގިނަ އަދަދެއްގެ ބައެއްގެ ވޯޓު އޭނާއަށް ވަނީ ދެއްވާފައެވެ. ޚާއްސަކޮށް މިކަމަށް ޚާއްސަވެގެން ކެންޕެއިން ޓީމުތައް އެކުލަވާލައި ރެއާއިދުވާލު ވޯޓުލުމުގައި ޒުވާން ޓީމެއް ވަނީ މުހިން ދައްރެއް އަދާކޮށްފައެވެ. އަޝްފާޤަށް މިއަދު މިސަރަހައްދުގެ އެންމެ ހިތްގައިމު ގޯލު ޖެހި ކުޅުންތެރިޔާގެ ޝަރަފް ލިބި ޤައުމަށް އުފާވެރިކަން ގެނެސްދީފައިވާއިރު އިއްޔެއަކީވެސް ރާއްޖެއަށް އުފާވެރި ދުވަހެކެވެ. ފަތުރުވެރިކަމުގެ ދާއިރާއިން މުޅި ދުނިޔޭގެ އެންމެ ޝަރަފްވެރި އެވޯޑްކަމަށްވާ "ވޯލްޑް ލީޑިންގ ޑެސްޓިނޭޝަން" އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއިން އިއްޔެވަނީ ހޯދާފައެވެ.