ދަތުރުވެރިޔާގެ ރޯދަ!

ދަތުރުވެރިޔާގެ ރޯދަ!

ރޯދަ ހިފުމާއި ނުހިފުމުގެ މައްސަލާގައި މީސްތަކުން ދިހަ ބަޔަކަށް ބެހިގެންވެއެވެ. ތިރީގައި މި ގެނެސްދެނީ އޭގެ ތެރެއިން 6 ވަނަ ބައެވެ.

ހަވަނަ ބައި: ރޯދަވީއްލުމަށް ޢުޛުރު ހޯދުމުގެ ބޭނުމުގައި ނޫންގޮތަކަށް ދަތުރު ކުރާ މީހުން. ދަތުރުވެރިޔާގެ ދަތުރުގެ ބޭނުމަކީ ރަމަޟާން މަހު ރޯދަ ނުހިފުން ކަމަށްވަނީނަމަ، އެއީ އޭނާ އަށް ކުރެވޭ ވަރަށް ބޮޑު ޙަރާމް ކަމެކެވެ. އަދި އޭނާ ރޯދަވީއްލުން ޙަރާމްވާނެއެވެ. އަދި ރޯދަހިފުން ވާޖިބުވާނެއެވެ.

ދަތުރު ކުރާ މީހުން. ދަތުރުވެރިޔާގެ ދަތުރުގެ ބޭނުމަކީ ރަމަޟާން މަހު ރޯދަ ނުހިފުން ނޫން ކަމަށްވަނީނަމަ، އެފަދަ މީހަކު ރޯދަ ހިފުމާއި ދޫކޮށްލުން ހަމަހަމަވެގެން ވެއެވެ. އެއީ ކުއްލި އަކަށް ތަނަކަށް ދާން ޖެހުނުނަމަވެސް ނުވަތަ ވަޡީފާގެ ގޮތުން ގިނަވަގުތު ދަތުރު ކުރާމީހެއްވިޔަސްވެސް އެވެ. ސޫރަތުލް ބަގަރާގެ 186 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۗ   ) މާނައަކީ: "އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ."

عَنْ عَبْدِ اللَّهِ بْنِ عَمْرٍو ، قَالَ : " خَرَجْنَا مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، مِنَّا الصَّائِمُ ، وَمِنَّا الْمُفْطِرُ ، فَلَمْ يَعِبِ الصَّائِمُ عَلَى الْمُفْطِرِ ، وَلا الْمُفْطِرُ عَلَى الصَّائِمِ"  މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢަމްރިގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ތިމަންމެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ދަތުރަކަށް ނިކުތީމެވެ. ތިމަންމެންގެ ތެރޭގައި ރޯދަވެރިންނާއި ރޯދަ ވިއްލައިގެން ތިބި މީހުން ތިއްބެވެ. ރޯދަވެރިން ރޯދަނޫން މީހުންނަށް ޢައިބު ކިޔައެއް ނުހަދަ އެވެ. އަދި ރޯދަ ނޫން މީހުން ރޯދަވެރިންނަށް ޢައިބު ކިޔާ ނުހަދައެވެ."

عَنْ أَبِي سَعِيدٍ الْخُدْرِيِّ ، قال : " كُنَّا نَغْزُو مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي رَمَضَانَ ، فَمِنَّا الصَّائِمُ وَمِنَّا الْمُفْطِرُ ، فَلا يَجِدُ الصَّائِمُ عَلَى الْمُفْطِرِ ، وَلا الْمُفْطِرُ عَلَى الصَّائِمِ ، ثُمَّ يَرَوْنَ أَنَّ مَنْ وَجَدَ قُوَّةً فَصَامَ " فَإِنَّ ذَلِكَ حَسَنٌ ، وَيَرَوْنَ أَنَّ مَنْ وَجَدَ ضَعْفًا فَأَفْطَرَ فَإِنَّ ذَلِكَ حَسَنٌ"   މާތް ﷲ ރުއްސުންލެއްވި އަބޫސަޢީދުލް ޚުދްރީގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ރަމަޟާން މަހުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަރިހުގައި ތިމަންމެން ހަނގުރާމަ ކޮށް އުޅުނީމެވެ. ތިމަންމެން ތެރޭގައި ރޯދަވެރިންނާއި ރޯދަ ނޫން މީހުން ތިއްބެވެ. ރޯދަވެރިން ރޯދަ ނޫން މީހުން ގޯސްކޮށެއް ނުހަދައެވެ. އަދި ރޯދަ ނޫން މީހުން ރޯދަވެރިން ގޯސްކޮށެއް ނުހަދައެވެ. އެބޭކަލުން ދެކިލެއްވި ގޮތަކީ ގައިގާ ވަރުހުރެއްޖެ މީހަކު ރޯދަ ހިފާނީއެވެ. އެގޮތް އެމީހަކަށް ރަގަޅެވެ. ގައިގާ ވަރު ނެތް މީހުން ރޯދަ ދޫކޮށްލާނީއެވެ. އެގޮތް އެމީހުންނަށް ހެޔޮކަން ބޮޑެވެ."

ﻭﻋﻦ ﲪﺰﺓ ﺑﻦ ﻋﻤﺮﻭﺍﻷﺳﻠﻤﻲ ﺃﻧﻪ ﻗﺎﻝ: قُلْتُ : " يَا رَسُولَ اللَّهِ ، إِنِّي صَاحِبُ ظَهْرٍ أُعَالِجُهُ أُسَافِرُ عَلَيْهِ وَأَكْرِيهِ ، وَإِنَّهُ رُبَّمَا صَادَفَنِي هَذَا الشَّهْرُ يَعْنِي رَمَضَانَ ، وَأَنَا أَجِدُ الْقُوَّةَ وَأَنَا شَابٌّ وَأَجِدُ بِأَنْ أَصُومَ يَا رَسُولَ اللَّهِ أَهْوَنَ عَلَيَّ مِنْ أَنْ أُؤَخِّرَهُ فَيَكُونُ دَيْنًا ، أَفَأَصُومُ يَا رَسُولَ اللَّهِ أَعْظَمُ لِأَجْرِي ، أَوْ أُفْطِرُ ؟ قَالَ : أَيُّ ذَلِكَ شِئْتَ يَا حَمْزَةُ"  މާނައަކީ: "ޙަމްޒާ ބިން ޢަމްރުލް އަސްލަމީ ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ދެންނެވީމެވެ. "ﷲ ގެ ރަސޫލާ އެވެ. ތިމަންކަލޭގެފާނަކީ ސަވާރީ އެއް ގެންގުޅޭ މީހެކެވެ. ބައެއް ފަހަރަށް އަމިއްލަ އަށް ދަތުރުކޮށް ހަދަމެވެ. އަނެއްބައި ފަހަރަށް ސަވާރީ ކުއްޔަށް ދެމެވެ. ބައެއް ފަހަރު ދަތުރުމަތީގައި ރަމަޟާން މަހާއި ދިމާވެއެވެ. އަޅުގަޑަކީ ޒުވާނެއް ކަމުން ރޯދަހިފުމުގެ ކުޅަދާނަކަންވެސް ހުރެއެވެ. އަދި ރޯދަ ދޫކޮށްލުމަށް ވުރެ ހިފުން ތިމަންނާ އަށް ފަސޭހައެވެ. ސަބަބަކީ ރޯދަ ދޫކޮށްލައިފިނަމަ އެކަންވާނީ ދަރަންޔަކަށެވެ. ވީމާ، ﷲ ގެ ރަސޫލާ އެވެ. ތިމަންނާ އަށް ހެޔޮކަން ބޮޑީ ރޯދަ ހިފުންތޯއެވެ؟ ނުވަތަ ރޯދަ ދޫކޮށްލުންތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. "އޭ ޙަމްޒާ އެވެ. ތިބާ އަށް ފަސޭހަ ގޮތެކެވެ."

އެހެންކަމުން ދަތުރުވެރިޔާ އަށް އެންމެ ރަގަޅު ގޮތަކީ އޭނާ އަށް ފަސޭހަ ގޮތަކަށް ހެދުމެވެ. ރޯދަ ހިފަން އުނދަގޫ ނޫންނަމަ ރޯދަ ހިފުމެވެ. ރޯދަ ހިފުމަކީ އުނދަގޫކަމެއްނަމަ ރޯދަ ދޫކޮށްލުމެވެ. ދެގޮތްވެސް ހަމަހަމަ ނަމަ (ހިފުމާއި ދޫކޮށްލުން) ބޮޑަށް ރަގަޅީ ރޯދަ ހިފުމެވެ. ސަބަބަކީ އޭރުން ޛިންމާ ބަރީއަވީއެވެ. އަދި އެހެން މީސްތަކުންނާއި އެކުގައި ރޯދަ ހިފުމުން އިތުރު ހިތްވަރަކާއި ޖޯޝެއްވެސް ލިބިގެންދާނެތީވެއެވެ. އަދި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވެސް އެގޮތަށް އެކަން ކުރައްވާފައިވާތީވެއެވެ.

عَنْ أَبِي الدَّرْدَاءِ رَضِيَ اللَّهُ عَنْهُ ، قَالَ : " خَرَجْنَا مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي شَهْرِ رَمَضَانَ فِي حَرٍّ شَدِيدٍ ، حَتَّى إِنْ كَانَ أَحَدُنَا لَيَضَعُ يَدَهُ عَلَى رَأْسِهِ مِنْ شِدَّةِ الْحَرِّ ، وَمَا فِينَا صَائِمٌ إِلَّا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَعَبْدُ اللَّهِ بْنُ رَوَاحَةَ " މާނައަކީ: މާތް ﷲ ރުއްސުންލެއްވި އަބުއްދަރްދާއިގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ވަރަށް ހޫނުގަދަ ދުވަސްވަރެއްގެ ރަމަޟާންމަހެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެކުގައި ތިމަންމެން ނިކުތީމެވެ. ހޫނުގަދަކަމުން ގޮސް އަހަރުމެންގެ ތެރެއިން ބައެއް މީހުން ބޮލުގައި އަތް އަޅައިގެން ތިބެއެވެ. އަހަރުމެންގެ ތެރޭގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ޢަބްދުﷲ ބިން ރަވާޙާ ފިޔަވާ ރޯދަ އަށް ހުރި މީހަކު ނުވެއެވެ."

ދަތުރުމަތީގައި ރޯދަ ހިފުމުން އެކަލޭގެފާނުގެ ޞަޙާބީންނަށް ދަތި އުނދަގޫވާކަން އިޙްސާސް ކުރެއްވުނު ހިނދު އެބޭކަލުންގެ ޝުޢޫރުތަކަށް އިޙްތިރާމް ކުރެއްވުމުގެ ގޮތުން އެކަލޭގެފާނުވެސް ރޯދަ ދޫކޮށްލައްވާފައިވެސް އެބަ ހުއްޓެވެ.

عَنْ جَابِرٍ رَضِيَ اللَّهُ عَنْهُ ، أَنّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ " خَرَجَ إِلَى مَكَّةَ عَامَ الْفَتْحِ فِي رَمَضَانَ ، فَصَامَ حَتَّى بَلَغَ كُرَاعَ الْغَمِيمِ فَصَامَ النَّاسُ مَعَهُ ، فَقِيلَ لَهُ : يَا رَسُولَ اللَّهِ ، إِنَّ النَّاسَ قَدْ شَقَّ عَلَيْهِمُ الصِّيَامُ ، فَدَعَا بِقَدَحٍ مِنْ مَاءٍ بَعْدَ الْعَصْرِ فَشَرِبَ وَالنَّاسُ يَنْظُرُونَ ، فَأَفْطَرَ بَعْضُ النَّاسِ وَصَامَ بَعْضٌ ، فَبَلَغَهُ أَنَّ نَاسًا صَامُوا " ، فَقَالَ : " أُولَئِكَ الْعُصَاةُ " މާތް ﷲ ރުއްސުންލެއްވި ޖާބިރުގެ ކިބައިން ރިވާވެގެން ވެއެވެ. މައްކާ ފަތަޙަކުރެއްވި އަހަރުގެ ރަމަޟާން މަހުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މައްކާ އަށް ނިކުމެވަޑައިގަތެވެ. ކުރާޢުލް ޣަމީމް އޭ ކިޔުނު ހިސާބަށް ދަތުރު ކުރެއްވެންދެން އެކަލޭގެފާނު ރޯދަ ހިއްޕެވިއެވެ. އަދި މީސްތަކުންވެސް އެކަލޭގެފާނާއި އެކުގައި ރޯދަ ހިފިއެވެ. އެކަލޭގެފާނަށް ދެންނެވުނެވެ. "އޭ ﷲ ގެ ރަސޫލާ އެވެ. މީސްތަކުންނަށް ރޯދަ ހިފުން ބުރަކަމަކަށް ވެއްޖެއެވެ. އެދުވަހުގެ ޢަޞްރުގެފަހުގެ ވަގުތެއްގައި ފެން އެއްޗެއް ގެނައުމަށް އެދިވަޑައިގަތެވެ. އަދި އެފެން އެތިން މީސްތަކުން ބަލަން ތިއްބާ އެކަލޭގެފާނު ހިއްޕެވިއެވެ. މީސްތަކުންގެ ތެރެއިން ބައެއް މީހުން ރޯދަ އަށް ތިއްބެވެ. އަނެއް ބަޔަކު ރޯދަ ދޫކޮށްލިއެވެ. ރޯދަ އަށް ތިބި މީހުންގެ ޚަބަރު އެކަލޭގެފާނަށް ލިބިވަޑައިގަތުމުން ޙަދީޘް ކުރެއްވިއެވެ. "އެބައިމީހުންނަކީ އުރެދުނު މީހުންނެވެ."

އެހެންކަމުން، ރޯދަވެރިޔާ ރޯދަ އަށް ހުރުން އުނދަގޫ ކަމަކަށްވަނީނަމަ ރޯދަ ދޫކޮށްލަން ޖެހެއެވެ. ސުންނަތް ގޮތަކީވެސް އެއީ އެވެ.

عَنْ جَابِرِ بْنِ عَبْدِ اللَّهِ ، أَنّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ رَأَى رَجُلًا يُظَلَّلُ عَلَيْهِ وَالزِّحَامُ عَلَيْهِ . فَقَالَ : " لَيْسَ مِنَ الْبِرِّ الصِّيَامُ فِي السَّفَرِ " މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޖާބިރު ބިން ޢަބްދިﷲގެ ކިބައިން ރިވާވެގެންވެއެވެ. މީސްތަކުން ބޮނޑިވެގެން މީހަކަށް ހިޔާ އަޅާތީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ފެނިވަޑައިގަތެވެ. އެހިނދު ޙަދީޘް ކުރެއްވިއެވެ. "ދަތުރު މަތީގައި ރޯދަ ހިފުމަކީ ހެޔޮކަމުގެ ތެރެއިން ވާކަމެއް ނޫނެވެ."

ދަތުރުވެރިޔާ ރޯދަ ނުހިފާ ހުރެ އޭނާގެ ރަށަށް ދުވާލުގެ ވަގުތެއްގައި އަތުވެއްޖެނަމަ އެދުވަހުގެ ރޯދަ ޞައްޙަ އެއް ނުވާނެއެވެ. ސަބަބަކީ ރޯދަ ހިފަން ފަށަން ޖެހޭ ވަގުތު ކަމުގައިވާ ފަޖްރުގެ ވަގުތުން ފެށިގެން ރޯދަ އަށް ނުހުރީމައެވެ. މިހެން ކަމުން އެދުވަހުގެ ބާކީ ބައި އޭނާ ނުކައި ހުންނާނީތޯ ނުވަތަ ކައިބޮއި ހެދިނަމަވެސް އެންމެ ރަގަޅުތޯ؟ މި މައްސަލާގައި ޢިލްމުވެރިން ޚިޔާލު ތަފާތުވެފައިވެއެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ރަމަޟާންމަހުގެ ދުވާލުގެ ވަގުތަށް އިޙްތިރާމް ކުރުމުގެ ގޮތުން އޭނާ އެދުވަހު ކައިބޮއި ހަދައގެން ނުވާނެއެވެ. އެދުވަހުގެ ރޯދަ އޭނާގެ ކިބައިން ޞައްޙަ ނުވާނެތީވެ އެހެން ދުވަހަކުން އެރޯދަ ގަޟާ ކުރަން ޖެހޭނެއެވެ. މިއީ އިމާމް އަޙްމަދުގެ ކިބައިން މަޝްހޫރުވެފައިވާ ގައުލެވެ.

ބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެދުވަހުގެ ބާކީ ބައިގާ ނުކައި ނުބޮއި ހުރުން އޭނާގެ މައްޗަށް ވާޖިބު ވެގެން ނުވެއެވެ. ސަބަބަކީ އެޔަކުން އޭނާ އަށް ކުރާނެ ފައިދާ އެއް ނެތެވެ. އޭނާ ނުކައި ނުބޮއި ހުއްޓަސްވެސް އެދުވަހުގެ ރޯދަ ފަހުން ގަޟާ ކުރަން ޖެހެއެވެ. އޭނާ އަކީ އެދުވަހުގެ ރޯދައިގެ ވަގުތު ފެށުނު އިރު ދަތުރުވެރިޔެއްގެ ގޮތުގައި ހުރި މީހެއްގެ ސަބަބުން ރޯދަ މަހުގެ ދުވާލުގެ ޙުރުމަތް ވަނީ އޭނާ އަށް މާފްވެފައެވެ.

މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން މަސްޢޫދުގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "ދުވާލުގެ ކުރީކޮޅު ކައިފި މީހާ ފަހު ކޮޅުގައިވެސް ކާށެވެ." މާނައަކީ ޢުޛުރެއް މެދުވެރިވެގެން ރޯދަ މަހުގެ ދުވާލުގެ ކުރީކޮޅުގައި ރޯދަ ދޫކޮށް ކައިބޮއި ހަދައިފި މީހާ އެދުވަހުގެ ފަހުކޮޅުގައިވެސް ކައިބޮއި ހަދާށެވެ. މިއީ އިމާމް މާލިކް، ޝާފިޢީ އަދި އަޙްމަދު- ރަޙިމަހުމުﷲ-ގެ އެއް ރިވާޔަތެވެ.  ނަމަވެސް، އެފަދަ މީހާ ކައިބޮއި ހަދާކަން ފާޅުކޮށްގެން ނުވާނެއެވެ. ނޫންނަމަ، އޭނާ އަކީ ޢުޛުރުވެރި އެއްކަން ނޭނގި މީސްތަކުން އޭނާ އާއި ދޭތެރޭ ގޯސްކޮށް ހީކުރަން ފަށާފާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *