ދެމައްސަލައެއް ކޯޓުން ބޭރުކޮށްލުމުން ސަރުކާރުގައި އޮތް އެމްއާރުއެމް ނާދިރާގެ މަލާމާތް ސަރުކާރަށް!

ދެމައްސަލައެއް ކޯޓުން ބޭރުކޮށްލުމުން ސަރުކާރުގައި އޮތް އެމްއާރުއެމް ނާދިރާގެ މަލާމާތް ސަރުކާރަށް!

Author
ޢަލީ އާދަމް
10 އޭޕްރިލް 2023 11:27
0

ކޯޓުގައި ޝަރީޢަތް ހިނގަމުންދިޔަ ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފްގެ މައްޗަށް ދައުލަތުން ދައުުވާ ކުރި އެމްއެމްޕީއާރްސީ މައްސަލައާއި "ރޯޔަލް ރޭޕް"ގެ ނަމުން މަޝްހޫރުވެފައިވާ އަބްދުﷲ ޝާންގެ މައްސަލަ ކޯޓުން ބޭރުކޮށްލުމުން، ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)ގެ ނައިބު ރައީސް އާމިނަތު ނާދިރާ ސަރުކާރަށް ފާޑުކިޔައި މަލާމާތްކުރައްވައިފިއެވެ. 

މި ދެމައްސަލަ ކޯޓުން ބޭރުކޮށްލުމާ ގުޅިގެން ސަރުކާރަށް އަމާޒުކުރައްވައި ނާދިރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިންސާފު ޤާއިމުކުރެވޭނީ ތިހާވަރަކަށް ކަމަށެވެ. ރައީސް ޞާލިޙަށް އިޝާރާތްކުރައްވައި ނާދިރާ ވިދާޅުވީ އެންމެ ފުރަތަމަ ވެރިކަމަށް ވަޑައިގެން ކުރެއްވި ކަމަކީ ކުޑަކުއްޖަކާ ބެހިގެން ޖަލުގައި އޮތް މީހަކު މިނިވަންކުރުންކަމަށެވެ. އަދި ރޯޔަލް ރޭޕްކޭސް ބޭރުކޮށްލުން ކީރިތި ނުކުރެއްވޭތޯ ނާދިރާ ސުވާލުކުރެއްވިއެވެ.

ނާދިރާ މިމޭރުމުން ސަރުކާރަށް ފާޑުވިދާޅުވިއިރު، އޭނާ ނިސްބަތްވާ އެމްއާރުއެމް އޮތީ މިސަރުކާރު ކޯލިޝަނުގައެވެ. އަދި އެމްއާރުއެމްއަށް ނިސްބަތްވާ ބޭފުޅުން ވަޒީރުކަމުގައާއި ސަރުކާރުގެ އެތައް ސިޔާސީ މަޤާމެއްގައި އެބަތިއްބެވިއެވެ. އެހެންނަމަވެސް އަންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙާއެކު ކޯލިޝަން ހެދުމަށް އެމަނިކުފާނު އެމްއާރުއެމްއަށް ފޮނުއްވި ސިޓީއަށް އެޕާޓީން އަދިވެސް އޮތީ ޖަވާބެއް ނުދީއެވެ.

ނާދިރާ އިޝާރާތްކުރެއްވި ދެ މައްސަލައިގެ ތެރެއިން ކޯޓުން ބޭރުކޮށްލި ޔޫތު މިނިސްޓަރ އަހްމަދު މަހްލޫފްގެ މައްސަލައަކީ ދައުލަތުން ދައުުވާ ކުރި އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައެކެވެ. ރޯޔަލް ރޭޕްގެ ނަމުން މަޝްހޫރުވެފައިވާ މައްސަލައަކީ ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދުގެ ފިރިކަލުން އަބްދުﷲ ޝާންގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައެކެވެ. އެއީ 2020ވަނަ އަހަރުގެ ޖޫން މަހު ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކު ރޭޕް ކުރިކަމަށް ތުހުމަތުކުރާ މައްސަލައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.