އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު ޖުމްހޫރީ ޕާޓީ ދޫކޮށް، ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީ އަށް ދާދި ދެންމެ ސޮއިކުރައްވައިފިއެވެ.
އަލީ ހަމީދު އެމްޑީޕީ އަށް ސޮއި ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ އިސް ލީޑަރުގެ ހާޒިރުގައި މުލިއާގޭގައެވެ. އެ ބައްދަލުވުމުގައި އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
އަލީ ހަމީދު ސޮއިކުރެއްވުމާއެކު، އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުންގެ އަދަދު 67 އަށް އެރީއެވެ. ނަމަވެސް އޭގެތެރެއިން ބައެއް މެންބަރުންނަކީ މިހާރު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނިންމުންތަކަށް ތަބާނުވެ، ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުމުން" ނިންމާ ނިންމުންތަކަށް ތަބާވާ މެންބަރުންނެވެ. އަލީ ހަމީދަކީ ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުން ފެށިގެން ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ.
އަލީ ހަމީދު އެމްޑީޕީ އަށް ސޮއި ކުރެއްވި ސަބަބެއް އޭނާ އަދި ހާމައެއް ނުކުރެއެވެ.
އޭނާ ޖޭޕީން ވަކިވެފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވެރިކަމަށް ކުރިމަތިލައްވަން އިއުލާން ކުރެއްވިފަހުން އެޕާޓީގެ އެކި މަޤާމުތަކުގައި ތިއްބެވި މެމްބަރުން ޖޭޕީން ވަކިވަމުންދާ ދަނޑިވަޅެއްގައެވެ.
ކޮމެންޓު ފޮނުވާ