މިވެރިކަން ގެނައުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ޝިފާޒު ކުރި މަސައްކަތު ބަދަލު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ދެއްވާފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ މި ސަރުކާރު ވެރިކަމަށް ޝިފާޒަށް ވުރެ ވަކި ބޮޑަށް ގުރުބާންވީ އެހެން މީހަކު ނުހުންނާނެ ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެ ކުރެއްވި ޓުވީޓަށް ރައްދު ދެއްވަމުންނެވެ. ޝިފާޒު ވަކި ކުރުމާއި ގުޅިގެން އެމްޑީޕީ ޕީޖީ ގްރޫޕްގެ ރައީސް ޞާލިހަށް ތާއީދު ކުރާ ގިނަ މެމްބަރުން ވަނީ އެކަމަށް މަރުހަބާ ކިޔާފައެވެ.
ޝަރީފް ވިދާޅުވީ ޝިފާޒު ކުރެއްވި މަސައްކަތަށް އޭނާއަށް މިހާ ދުވަހު ހައްޓަށް ފަސޭހަކޮށް މިނިސްޓަރު ކަމުގައި ބަހައްޓައިގެން ސަރުކާރުން ބަރާބަރަށް މުސާރަ ދީފައިވާކަމަށެވެ.
އަޅުގަނޑުމެން ނުކުރާ މަސައްކަތެއް މިވެރިކަން ގެންނައުމަށް ޝިފާޒަކަށް ވަކި ކުރެވިފައި ނޯންނާނެ. އެނާ ކުރެއްވިއްޔާ ކުރެއްވި މަސައްކަތެއްގެ ބަދަލުގަ މިއަދާއި ހަމައަށް މުސާރަ ލިބިގެން ހައްޓަށް ފަސޭހަކޮށް މަތީ މަޤާމުގައި ހުރެވިއްޖެ. ރަނގަޅު ނޫންތޯ؟
– ޝަރީފް ވިދާޅުވިއެވެ.
މެމްބަރު ރޮޒޭނާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި ދެކޮޅަށް މަސައްކަތް ކުރާ ވަޒީރަކު ވަޒީރުކަމުގައި ބެހެއްޓުމަކީ ބުއްދި ގަބޫލޫކުރެވޭ ކަމެއްނޫން ކަމަށެވެ.
އިރެއްގަ އެމްޑީޕީ ސަރުކާރު ގެންނަން މަސައްކަތް ކުރިއެއް ކަމަކު މިއަދު ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އާއި ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް މިނިސްޓަރަކަށް ބަހައްޓާފައި ހުރުމަކީ ބުއްދި ގަބޫލު ކުރާކަމެއް ނޫން. ޝިފާޒު ވަކިކުރަން ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަކީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެވެސް އެދުމެއް.
– ރޮޒޭނާ ވިދާޅުވިއެވެ.
މެމްބަރު ޝިފާއު ވިދާޅުވީ އެމްޑީޕީގެ އާންމު މެމްބަރުން ކަމެއް ވަކި ގޮތަކަށް ނިންމާފައި ވަނިކޮށް އެނިންމުމައި ދެކޮޅަށް މަސައްކަތް ކުރުމުގެ އިހުތިޔާރު ނޯންނާނެކަމަށެވެ.
އެމްޑީޕީގެ ލީޑަރޝިޕުގެ މައްސޫލިއްޔަތަކީ ޕާޓީގެ އާމުމެމްބަރުން ކަޑައެޅި ރިޔާސީ ކެންޑިޑޭޓަށް އިންތިހާބު ކާމިޔާބުކޮށްދޭން މަސައްކަތް ކުރުން. އެމްޑީޕީގެ އާއްމު މެންބަރުންގެ އަޤްލަބިއްޔަތާއި ދެކޮޅުހެދޭނެ ލައިސަންސެއް އޮތް އެއްވެސް ބޭފުޅެއް އެމްޑީޕީއަކު ނުހުންނާނެ.
– ޝިފާއު ވިދާޅުވިއެވެ.
މެމްބަރު ޔައުގޫބް ވިދާޅުވީ އެމްޑީޕީގެ މެމްބަރުންގެ ސާފު އައުލަބިއްޔަތުން ނިންމާފައިވާ ނިންމުމަކާއި ޚިލާފަށް އަމަލު ކުރުމަކީ އެމްޑީޕީގެ ރައީސަށްވެސް އަދި ނައިބް ރައީސަށްވެސް އޮތް ހަގެއް ނޫންކަމަށެވެ.
އެމްޑީޕީގެ މެމްބަރުން ގޮތް ނިންމައިފި. ޕާޓީގެ ނައިބް ރައީސް މުހައްމަދު ޝިފާޒު ވެސް ޖެހޭނީ އެނިންމުމަށް އިހުތިރާމް ކުރަން. އެނޫންނަމަ ޖެހޭނީ މަޤާމު ދޫކޮށްފަ ދާން. ރައީސުލްޖުމްހޫރިއްޔާގެ ނިންމުމަށް ތާއީދުކުރަން އަދި އިންތިޚާބު އެއްބުރުން ކާމިޔާބު ކުރަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަން.
– ޔައުގޫބް ވިދާޅުވިއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ފަހު ކެބިނެޓުގެ ބޭރުން ސިޔާސީ މަގާމަކަށް އެންމެ ފުރަތަމަ އައްޔަނުކުރި ބޭފުޅުންގެ ތެރޭގައި ޝިފާޒް ހިމެނެއެވެ. އޭނާއަށް ރައީސް އޮފީހުގެ މިނިސްޓަރުކަން ދިނީ ނޮވެމްބަރު 22، 2018 ގައެވެ. ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އޮތީ ދެ ފެކްޝަނަކަށް ބެހިފައެވެ. އެމްޑީޕީގެ ދެ ފެކްޝަންގެ މައްސަލަ ހާމައަށް ފާޅުވީ ޕްރައިމަރީއަށް ފަހުއެވެ. ޕްރައިމަރީގައި ވެސް ޝިފާޒްގެ ތާއިދު އޮތީ އިންތިހާބުން ނާކާމިޔާބުވި ނަޝީދަށެވެ.
ކޮމެންޓު ފޮނުވާ