ރަމަޟާންމަހު މުދަލަށް ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކޮށްފި

ރަމަޟާންމަހު މުދަލަށް ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކޮށްފި

Author
މުޙައްމަދު ޝަޒައިމް
23 މާރޗް 2023 05:51
0

ރައްޔިތުންގެ މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަމާއި ރަށުތެރެ ބެލެހެއްޓުމާއި މަގުތައް ތަރުތީބުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގައި ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން މި ރަމަޟާން މަހުވެސް ބޭނުންވާކަމަށް ފުލުނުން ބުނެފިއެވެ.

އެގޮތުން، ރަމަޟާން މަހުގެ ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައިވެސްގެ ހުސްކޮށްފައި ގެއިން ބޭރަށްދާނަމަ، ދިއުމުގެ ކުރިން ގޭގެ ހުރިހާ ކުޑަދޮރުތަކާއި ބެލްކަނިދޮރު، ފެންލައިޓު އަދި ވައިގޮޅި ފަދަ ތަންތަންވެސް ވައްކަންކުރުމަށް މަގުފަހިނުވާނޭހެން ރަނގަޅަށް ތަޅުލުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. އަދި ފޯނު، ލެޕްޓޮޕް، ޓެބްލެޓް، އައިޕެޑް، ވޮލެޓް، އަތުކުރީގަޑި އަދި ފައިސާއާއި އެހެނިހެން ތަކެތިވެސް ވައްކަންކުރުމަށް މަގުފަހިވާގޮތަށް ގޭތެރޭގައި ނުބެހެއްޓުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

އޭގެ އިތުރުން، ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައިވެސް މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައި، ފޭރުމުގެ އަމަލެއް ހިންގުމަށް މަގުފަހި ނުވާނޭހެން ތިމާ ގެންގުޅޭ ތަކެއްޗަށް ރައްކާތެރިވުމަށާއި އަޅުކަންކުރުމަށް މިސްކިތުގައި ހޭދަކުރާ ވަގުތުތަކުގައިވެސް ފޯނު، ވޮލެޓު އަދި ދަބަސްފަދަ ތަކެއްޗަށް ސަމާލުވެ ރައްކާތެރިކުރުމަށް ވަނީ އެދިފައެވެ.

އަދި އޮފީސް އިމާރާތްތަކާއި ފިހާރަތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އޮފީސްތަކާއި ފިހާރަތައްވެސް ބަންދުކޮށްފައިދާއިރު ދޮރުތައް ރަނގަޅަށް ތަޅުލުމަށާއި ފިހާރަތެރޭގައި ފައިސާ ނުބެހެއްޓުމަށް ފުލުހުން ވަނީ އެދިފައެވެ.

މި އަހަރުގެ ރަމަޟާންމަހު ވައްކަމުގެ މައްސަލަތައް މަދުކުރުމަށް ކޮންމެ ފަރުދަކުވެސް އަމިއްލަ މުދަލަށް ރައްކާތެރިވުމަށް މަސައްކަތްކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަދި މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފުލުހުން ކުރަމުންދާ މަސައްކަތުގައި އެއްބާރުލުން ދެއްވުމަށްވެސް ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.