މިނިސްޓަރ މާރިޔާ ލަންކާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވާ ދިފާއީ ދާއިރާއާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

މިނިސްޓަރ މާރިޔާ ލަންކާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވާ ދިފާއީ ދާއިރާއާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

Author
މުޙައްމަދު ޖިމީ
28 ނޮވެމްބަރ 2020 11:35
0

ދިފާޢީ ދާއިރާއިން އިތުރަށް ގުޅުންބަދަހިކޮށް، ކޯވިޑް-19ގެ ޙާލަތުން އަރައިގަތުމުގައި ގުޅިގެން މަސައްކަތްކުރުމާއި ބެހޭގޮތުން ޑިފެންސް މިނިސްޓަރ މާރިޔާ އަޙްމަދު ދީދީ، ސްރީލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.

ސްރީލަންކާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވާ މިނިސްޓަރ މާރިޔާ ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ހޮޔޮއެދުންތައް ބޮޑުވަޒީރަށް އަރިސްކުރައްވާ، ސްރީލަންކާއިން އަބަދުވެސް ރާއްޖެއަށް ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ. އަދި ދެބޭފުޅުން ވަނީ ދިފާއީ އަދި އަސްކަރީ ދާއިރާއިން ގުޅިގެން ކުރާ މަސައްކަތް އިތުރަށް ހަދުރަނާކުރުމަށާއި، ކޯވިޑް-19އިން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

މިނިސްޓަރ މާރިޔާ ސްރީލަންކާގެ ކުރީގެ ރައީސް އަދިމިހާރގެ ބޮޑުވަޒީރު ރާޖަޕަކްސައާއި ބައްދަލުކުރައްވަފައިވާއިރު، އެކަމަނާ ސްރީލަންކާއަށް ވަޑައިގަތީ، އިންޑިއާ ކަނޑުގެ ސަލާމަތާއި ބެހޭ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށެވެ. މިނިސްޓަރ މާރިޔާ ސްރީލަންކާއަށް ވަޑައިގެންނެވުމުން މަރުޙަބާ ދެންނެވީ ސްރީލަންކާގެ ނޭވީ ކޮމާންޑަރ ވައިސް އެޑްމިރަލް ނިޝަންތަ އުލުގެޓެންނެވެ.

ޑިފެންސް މިނިސްޓަރގެ މި ދަތުރުފުޅަކީ ސްރިލަންކާގެ ކޮލޮމްބޯގައި ބޭއްވުމަށް ހަމަޖެހިފައިވާ 4 ވަނަ "އެން.އެސް.އޭ ލެވަލް މީޓިންގ އޮން ޓްރައިލޭޓަރަލް މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަން"ގައި ބައިވެރިވެވަޑައިގަތުމަށް އެކަމަނާ ކުރައްވާ ދަތުރުފުޅެއްކަމަށެވެ. މި ބައްދަލުވުން ކުރިއަށްދާނީ މިމަހުގެ 27 އިން 28 އަށެވެ.

މިއީ ސްރީލަންކާގެ ސެކްރެޓަރީ އޮފް ޑިފެންސްގެ ރަސްމީ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. 6 އަހަރުގެ މެދުކެނޑުމަކަށްފަހު ބާއްވާ މި ބައްދަލުވުމުގައި، އިންޑިޔާ ކަނޑުގެ ސަރަޙައްދަށް ސަލާމަތީގޮތުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން، ދިވެހިރާއްޖޭގެ އިތުރުން، އަވަށްޓެރި އިންޑިޔާއާއި ސްރީލަންކާގެ އެންމެ މަތީ ފަންތީގެ ސެކިއުރިޓީ އެޑްވައިޒަރުން މަޝްވަރާކުރައްވާނެއެވެ. މިބައްދަލުވުމުގެ އޮބްޒަރވަރުންގެ ތެރޭގައި އަވަށްޓެރި ބަންގްލަދޭޝް، މޮރިޝަސް އަދި ސީޝެލްސް ހިމެނެއެވެ.

މިނިސްޓަރ މާރިޔާ ވަނީ މިސަރަހައްދުގެ ސިފައިންގެ އިދާރާތަކާއި އޮންނަ ގުޅުން ހަރުދަނާކުރުމަށް، އަވަށްޓެރި އިންޑިޔާއާއި، ސްރީލަންކާއި، ބަންގްލަދޭޝްފަދަ ޤައުމުތަކާއި އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އަދި ސަރަހައްދީ ފެންވަރުގައި އަސްކަރީގޮތުން ގުޅުން އިތުރަށް ޤާއިމްކުރުމާއި ގުޅޭ ގޮތުންވެސް އެކަމަނާ ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.