ބަންސާލީގެ "އިންޝާﷲ" އަލުން ހަދަން ތައްޔާރީ

ބަންސާލީގެ "އިންޝާﷲ" އަލުން ހަދަން ތައްޔާރީ

Author
ފާތިމަތު ނާވީ
20 މާރޗް 2023 06:49
0

ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ހަދަން ވަރަށް ބޭނުންވެ ނަމަވެސް މިހާތަނަށް އަދި މަސައްކަތް ނުނިމި އޮތް ފިލްމް "އިންޝާ ﷲ"  އަލުން ހަދަން ތައްޔާރީތައް ވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ފިލްމް އަކީ ސަލްމާން ހާން އާއި އެކުގައި ބަންސާލީ ގެނެސްދޭން ބޭނުންވާ ފިލްމް އެކެވެ. މި ފިލްމް ގެ ބައެއް ސަލްމާން އާއި އެކުގައި ބަންސާލީ ޝޫޓް ކުރިވެސް މެއެވެ. ނަމަވެސް ފިލްމް ވާނުވާގައި ޒަމާންގަނޑަކަށް އޮތުމަށް ފަހު އެފިލްމް ހެދުމުގެ ޝައުގު އަނެއްކައިވެސް ބަންސާލީ ވަނީ ފާޅުކޮށްފައިއެވެ.

ލޯބީގެ އަސަރު ގަދަ ވާހަކައަކަށް ހަދަން އުޅުނު ފިލްމު ސަލްމާން ދޫކޮށްލި އިރު، އޭގެ ބަތަލާ އަކީ އާލިއާ ބަޓެވެ. މިދިޔަ އަހަރު ބަންސާލީ ގެނެސްދިން "ގަންގޫބާއީ ކަތިއަވާޅީ" އަކީ "އިންޝާﷲ" ސަލްމާން ދޫކޮށްލުމުން އެ ފިލްމުގެ ބަދަލުގައި އާލިއާ އަށް ދިން ފިލްމެވެ. އެފިލްމް އަކީ އާލިއާގެ ހަޔާތުގައި ކުޅުން ވަރަށް ވެސް ވަރުގަދަ އަދި އެހާމެ ކާމިޔާބު ފިލްމްއެކެވެ.

މި ފިލްމް އިއުލާން ކޮށް ހުދު އާލިއާވެސް ވަނީ އެކަން އިއުލާން ކޮށް ސޯޝަލް މީޑީއާގައި ޕޯސްޓެއްވެސް ކޮށްފައިއެވެ. 2009 ވަނަ އަހަރު ފިލްމް މެދުކެނޑުމަށްފަހު މިހާތަނަށް އަދި އެއްވެސް ވާހަކައެއް ފިލްމް އާއި ބެހޭގޮތުން ދެކެވިފައިއެއް ނުވެއެވެ.

ޕިންކްވިލާ އިން ބުނި ގޮތުގައި ކުޅަދާނަ ޑައިރެކްޓަރު ނެޓްފްލިކްސްއާ ގުޅިގެން މިހާރު ހަދަމުން އަންނަ ވެބް ސީރީޒް "ހީރާމަންޑީ" ގެ ޝޫޓިން އޮކްޓޯބަރުގައި ނިމުމުން "އިންޝާﷲ" ގެ މަސައްކަތް ފަށާނެ އެވެ.

އަދި ފިލްމުގެ ކާސްޓަށް ނަގަން ނިންމާފައި ވަނީ 90 ގެ މަޝްހޫރު ތަރިންތަކެއް ކަމަށާއި ފިލްމުގެ މިއުޒިކް ވެސް ބަންސާލީ ނިންމާފައިވާ ކަމަށް ބުންޏެވެ. ނަމަވެސް މީ އަދި އެއްވެސް ވަރަކަށް ކަށަވަރު ހަބަރުތަކެއް ނޫނެވެ.

ސަލްމާން ވަނީ ބަންސާލީ އާއި އެކު ކާމިޔާބު ފިލްމް ތަކެއްގައި މަސައްކަތް ކޮށްފައެވެ. އެގޮތުން އޭނާގެ ކެރިއަރުގެ ވަރަށް މުހިންމު ފިލްމެއް ކަމުގައިވާ 1999ގެ "ހަމް ދިލް ދޭ ޗުކޭ ސަނަމް" ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން ވެސް ބަންސާލީއާ އެކުގައި ސަލްމާން ވަނީ "ސާވަރިއާ" އާއި "ޚާމޯޝީ: ދަ މިއުޒިކަލް" ފަދަ މޮޅެތި ފިލްމް ތަކުގައި މަސައްކަތް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.