ކޯވިޑް-19ގެ ޙާލަތުގައި އެންމެ ޝަރަފްވެރި އެވޯޑް ލިބުނީ އެތައް ބައެއްގެ ބުރަ މަސައްކަތުން: ރައީސް

ކޯވިޑް-19ގެ ޙާލަތުގައި އެންމެ ޝަރަފްވެރި އެވޯޑް ލިބުނީ އެތައް ބައެއްގެ ބުރަ މަސައްކަތުން: ރައީސް

Author
މުޙައްމަދު ޖިމީ
28 ނޮވެމްބަރ 2020 11:00
0

ކޯވިޑް-19 ގެ މިހާލަތުގައިވެސް، ފަތުރުވެރިކަމުގެ ސިނާއަތުގައި ދެވޭ ބައިނަލްއަޤްވާމީ އެންމެ ޝަރަފުވެރި އެވޯޑް ރާއްޖެއަށް ލިބުމަކީ ފަތުރުވެރިންނަށް ރައްކާތެރި މަންޒިލެއްކަން ކަށަވަރުކުރުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތް ހާމަވި ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، "ވޯލްޑް ޓްރެވަލް އެވޯޑްސް"ގެ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއަށް ލިބުމާއި ގުޅިގެން އެކަމަށް މަރުހަބާ ދަންނަވާ ކުރެއްވި ޓްވީޓެއްގައެވެ. ރައީސް ވިދާޅުވީ، މިއަހަރުގެ ވޯލްޑް ޓްރެވެލް އެވޯޑްސް ހަފްލާގައި "ދުނިޔޭގެ ލީޑިންގ ޑެސްޓިނޭޝަން" އެވޯޑް ރާއްޖެއަށް ލިބުމުން އެކަމާއި އުފާކުރައްވާކަމަށެވެ.

ރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ވޯލްޑް ލީޑިންގ އެވޯޑް ލިބުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއްކަމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ. ކޯވިޑް-19 ގެ މިހާލަތުގައި މި އެވޯޑް ރާއްޖެއަށް ލިބުމަކީ ރާއްޖެއަށް ފަތުރުވެރިކަމުގެ ދާއިރާއިން ލިބިގެންދިއަ ބޮޑު ކުރިއެރުމެއްކަންވެސް އެފަރާތްތަކުން އަންނަނީ ފާހަގަކުރަމުންނެވެ.

ރާއްޖެ އުފެދިފައިވާ ގޮތުންނާއި ކޯވިޑް-19އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖެއަކީ މިވަގުތު ދަތުރުކުރަން އެންމެ ރައްކާތެރި ޤައުމުކަން ކަށަވަރުކޮށްދީފައިވާކަމަށް އެމްއެމްޕީއާރުސީ އިން ވަނީ ބުނެފައެވެ. މި އެވޯޑް ރާއްޖެއަށް ލިބުމާއި ގުޅިގެން އެތައް ބަޔަކު އަންނަނީ މަރުހަބާ ކިޔާ އެކަމުގެ އުފާ ފާޅުކުރަމުންނެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ދުނިޔޭގެ އެންމެ ޝަރަފުވެރި އެވޯޑް ފުރަތަމަ ފަހަރަށް ރާއްޖެއަށް

ވޯލްޑް ޓްރެވަލް އެވޯޑްސް ގައި މިއަހަރު 40 ކެޓަގަރީއަކުން ރާއްޖެ ނޮމިނޭޓްވެފައި ވެއެވެ. މީގެތެރޭގައި ރިސޯޓް ތަކާއި ހޮޓާތައް ހިމެނޭ ބައިން 30 ކެޓަގަރީއަކުން ރާއްޖޭގެ 53 ރިސޯޓަކާއި ހޮޓާތައް ނޮމިނޭޓްވެފައިވެއެވެ. އަދި މުޅި ދުނިޔެއިން ވާދަކުރި 3 ކެޓަގަރީއިން ވެސް 3 ނޮމިނޭޝަންގައި ރާއްޖެ ވަނީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ހިދުމަތްދޭ ފަތުރުވެރިކަމުގެ މަންޒިލްތަކާއި ވާދަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.