ރާއްޖޭގެ ޑިމޮކްރަޓިކް ނިޒާމު ގަޑުބަޑު ކުރަމުންދަނީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަ ދައްކަވަމުން ރޮޒޭނާ ވިދާޅުވީ ރާއްޖޭގެ ޑިމޮކްރަސީގެ ހަޔާތުގައި ޑިމޮކްރަސީގެ ނިޒާމު ގަޑުބަޑު ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވަމުންދަނީ ރައީސް ނަަޝީދު ކަމަށެވެ. އިންތިޚާބުން ބަލިވާ ކޮންމެ ފަހަރަކު ނަޝީދު މަސައްކަތް ކުރައްވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރައްވައި މުޅި ނިޒާމު ގަޑުބަޑު ކުރުމަށް ކަމަށް ރޮޒޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ނިމިދިޔަ ޕްރައިމަރީގައި ރައީސް ޞާލިހު އިންތިޚާބު ކާމިޔާބު ކުރުމުން ފިކުރެއްގެ ދިރުމުގެ ނަމުގައި ޕާޓީގެ ރައީސް އިސްވެ ހުންވައިގެން ގްރޫޕެއް ހައްދަވައިގެން ޕާޓީ ނިޒާމާއި ދެކޮޅަށް މަސައްކަތް ކުރައްވަމުންދާކަމަށެވެ. ނަމަވެސް މަޖިލިސް ތެރޭގައިވެސް އަދި ޕާޓީތެރޭގައިވެސް ރައީސް ނަޝީދަށް އެފުރުސަތެއް ނޯންނާނެކަމަށެވެ.
ޕްރައިމަރީއަކުން ޕާޓީގެ ރައީސް ބަލިވީމާ ފިކުރެއްގެ ދިރުން ހައްދަވައިގެން ސިޔާސީ ނިޒާމު ގަޑުބަޑު ކުރަނީ. އެމްޑީޕީއަކީ ޑިމޮކްރަޓިކް އުސޫލުން ކަންކަން ކުރާ ޕާޓީއެއް. ޑީމޮކްރަސީއާއި ޚިލާފަށް އެމްޑީޕީގެ ރައީސް ހިންގަވާ ކަންކަމަށް ޖާގައެއް ނުލިބޭނެ.
– ރޮޒޭނާ ވިދާޅުވިއެވެ.
ރޮޒޭނާ ވިދާޅުވީ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ އުގަދޫ ކުރިމަތިވަނީ ޕާޓީ ތެރެއިން އެކަނި ނޫންކަމަށެވެ. މަޖިލިސް ހިންގެވުމުގައިވެސް ރައީސް ނަޝީދުގެ އުދަގޫ ބޮޑުކަމަށެވެ. މަޖިލިސް ކޮމެޓީތަކާއި، މަޖިލިސް ތަޅުމުގައިވެސް ނިޒާމުން ބޭރުން އެތައް ކަމެއް ކުރައްވާއިރު މިކަންކަން ހުއްޓުވަންޖެހޭކަމަށް ރޮޒޭނާ ވިދާޅުވިއެވެ. އޭނާ ވަނީ މިޖަލްސާގައި ކުރީގެ ރައީސް ޔާމީނަށާއި، ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ