ރާއްޖޭގެ ފުޓްބޯޅަ އާއި މުޅި އާބާދީ އެކި ގޮތްގޮތުން ގުޅާލުމުގެ ވިސްނުމުގައި ފީފާ އާއި އޭއެފްސީގެ އެހީތެރިކަމާ އެކު ފަށާ އެފްއޭއެމްގެ ފަައުންޑޭޝަން ރަސްމީކޮށް މިއަދު އިފްތިތާހުކޮށްފި އެވެ.
މިއަދު ހަވީރު ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފްއެވެ. އެޑިއުކޭޝަން މިނިސްޓަރު އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ބައިވެރިވެވަޑައިގެންނެވި މި ރަސްމިއްޔާތުގައި އެފްއޭއެމްގެ އިސްވެރިންނާއި އެފްއޭއެމް ފައުންޑޭޝަންގެ ގުޑްވިލް އެމްބަސަޑަރުންގެ ގޮތުގައި ހަމަޖެއްސި ކުޅުންތެރިން ވެސް ބައިވެރިވިއެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ އެފްއޭއެމްގެ ފައުންޑޭޝަންގެ ގުޑްވިލް އެމްބަސަޑަރުންގެ ގޮތުގައި ޑްރީމް ޓީމެއް ގޮތަށް މި މަސައްކަތުގައި ފުޓްބޯޅައިގެ މުހިއްމު ކުޅުންތެރިންތަކެއް ގުޅުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ކަމަށެވެ. ޓީމެއްގައި ވަކި އަދަދަކަށް ކުޅުންތެރިން ތިބި ނަމަވެސް މި ފައުންޑޭޝަނާއި ވީހާވެސް ގިނަ ކުޅުންތެރިން ގުޅޭނެ ކަމަށާއި އޭގެ ބޭނުމަކީ ފައުންޑޭޝަން މެދުވެރިކޮށް މުޅި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތައް ހިންގުން ކަމަށް އޭނާ ވިދާޅުވިއެވެ.
ގުޑްވިލް އެމްބަސަޑަރުންގެ ގޮތުގައި ހަމަޖައްސައި މިއަދު އިއުލާނުކުރި ކުޅުންތެރިންނަކީ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަދި އެފްއޭއެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއިލް (ސާޔާ) އާއި ގައުމީ ޓީމުން 2008 ވަނަ އަހަރު ސާފް ސުޒުކީ ކަޕް ކާމިޔާބުކުރިއިރު ޓީމުގެ ކެޕްޓަން އައްސަދު އަބްދުލް ގަނީ އާއު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި ގައުމީ އަންހެން ޓީމަށް ގިނަ ދުވަސްވަންދެއް ކުޅެމުން އަންނަ ފަދުވާ ޒާހިރާއި ގައުމީ އަންހެން ޓީމުގެ ކުޅުންތެރިޔާ ލައިޝާ ޖުނައިދުގެ އިތުރުން ގައުމީ އަންހެން ޓީމަށް ގިނަ މެޗުތަކެއް ކުޅެފައިވާ މަރިޔަމް މިރުފަތު އަދި އެފްއޭއެމްގެ 14 އަހަރުން ދަށުގެ އެލީޓް ޕޫލްގައި ކުޅެމުން އަންނަ ތަރި އީތަން އިބްރާހިމް ޒަކީ އެވެ.
އެފްއޭއެމް ފައުންޑޭޝަން ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ ސްޕެޝިއަލް އޮލިމްޕިކްސް މޯލްޑިވްސް އާއި އެޑްވަކޭޓިން ރައިޓްސް އޮފް ޗިލްޑްރެން (އާކް) އެވެ. ފައުންޑޭޝަންގެ ފަރާތުން މިއަދު ވަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި އައިޖީއެމްއެޗް އަށް ހަދިޔާތަކެއް ދީފަ އެވެ. އެޑިއުކޭޝަން މިނިސްޓްރީ އަށް ދިނީ 20،000 މާސްކާއި އަންގީގެ އިތުރުން 5000 ސެނިޓައިޒާ ފުޅި އެވެ. އަދި އައިޖީއެމްއެޗް އަށް ދިނީ އެފްއޭއެމަށް ޔޫއޭއީގެ ފަރާތުން ލިބިފައިވާ 20،000 ޕީސީއާރް ޓެސްޓް ކުރެވޭ ވަރުގެ ޓެސްޓް ކިޓްތަކެކެވެ.
މި ރަސްމިއްޔާތުގައި ގައުމީ ޓީމަށް 100 މެޗު ކުޅެދީފައިވާ ގޯލްކީޕަރު އިމްރާން މުހައްމަދު ފީފާ ސެންޗަރީ ކްލަބްގައި ހިމެނުމުން އެ ފެޑެރޭޝަނުން ދިން ހަނދާނީ ފިލާ ވަނީ ހަވާލުކޮށްފައެވެ.
ފައުންޑޭޝަންގެ މަސައްކަތް މައިގަނޑު ގޮތެއްގައި ބެހިފައި އޮތީ ހަތަރު ބަޔަކަށެވެ. އެޑިއުކޭޝަން އާއި އެވެއާނަސް ޕްރޮގްރާމާއި ސޯޝަލް އެންޑް ކޮމިއުނިޓީ ޕްރޮގްރާމްސް އާއި ފުޓްބޯލް އިވެންޓްސް އަދި އެޑިޝަނަލް ރިސޯސަސް އެންޑް ޗެރިޓަބަލް އިނީޝިއޭޓިވްސް އެވެ. މިއީ އެފްއޭއެމްގެ ރައީސް ކަމާ އެންމެ ފުރަތަމަ 2016 ވަނަ އަހަރު އިންތިހާބުވެވަޑައިގަތްއިރު ވެސް ގެންގުޅުނު ވިސްނުމެކެވެ.
ފުރަތަމަ ދައުރުގައި މިކަމުގެ ޕްލޭން ކުރުމުގެ މަރުހަލާ ދިގުލައި ގޮސް އެތައް މަޝްވަރާތަކެއް ކުރުމަށް ފަހު ދެ ވަނަ ދައުރަކަށް އެސޯސިއޭޝަންގެ ރައީސްކަމަށް އިންތިހާބުވެވަޑައިގަތްތާ ހަތަރު ވަރަކަށް މަސް ތެރޭ މި ވަނީ ފައުންޑޭޝަން ރަސްމީކޮށް ލޯންޗްކޮށްފައެވެ.