އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން ތަފާތު ބޮޑު ނަތީޖާއަކުން ބަލިވިފަހުން ކުޅުނު ފުރަތަމަ މެޗު މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.
ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގައި ރެއާލް ބެޓިސް އާއި ބައްދަލުކުރި ފުރަތަމަ ލެގް ޔުނައިޓެޑް ކާމިޔާބުކުރީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު 4-1 ގެ ނަތީޖާއަކުންނެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމާ އުފައްދާފައިވަނީ ޔުނައިޓެޑުންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ މެޗްގެ ލީޑު ނަގާފައިވަނީ ޔުނައިޓެޑުންނެވެ. މިލަނޑު މެޗްގެ 6 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ މާކަސް ރަޝްފަޑްއެެވެ.
މިއީ އޭނާ މިސީޒަންގައި ކާމިޔާބުކުރި 26 ވަނަ ލަނޑެވެ. ނަމަވެސް މެޗްގެ 32 ވަނަ މިނެޓްގައި ބެޓިސް އިން ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ އަޔޯޒީ ޕެރޭޒްއެވެ. މިމެޗްގައި ޔުނައިޓުން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗްގެ 52 ވަނަ މިނެޓްގައި އެންތަނީ ޖަހާދިން ލަނޑުންނެވެ. އަދި އޭގެ ހަ މިނެޓްފަހުން ޔުނައިޓެޑްގެ ލީޑު ފުޅާކޮށްދިނީ ކެޕްޓަން ބްރޫނޯ ފެނާންޑޭޒްއެވެ. މިމެޗްގައި ޔުނައިޓެޑްގެ ހަތަރު ވަނަ ލަނޑު މެޗްގެ 82 ވަނަ މިނެޓްގައި ޖަހާދިނީ ވޫޓް ވެގްހޯސްޓްއެވެ.
މިކާމިޔާބީއާއެކު މިމުބާރާތުގެ ކްއާޓަރ ފައިނަލަށް ދިއުމުގެ ފުރުސަތު މިވަނީ ޔުނައިޓެޑުން ވަރަށް ބޮޑަށް ޔަގީން ކޮށްފައެވެ. ބެޓިސްއިން ކްއާޓަރ ފައިނަލްއިން ޖާގަ ހޯދާކަމުގައި ވާނަމަ އަމިއްލަ ދަނޑުގައި މިއަންނަ ހަފްތާގައި ކުޅޭ ދެވަނަ ލެގްގައި ހަތަރު ލަނޑުގެ ތަފާތަކުން މެޗް ކާމިޔާބު ކުރަން ޖެހޭނެއެވެ.