މެލޭޝިއާގެ ހުރިހާ ރައްޔިތުންނަށް ކޯވިޑް19 ވެކްސިން ހިލޭ ދޭގޮތަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ.
މެލޭޝިއާގެ ބޮޑުވަޒީރު ޓަން ސެރި މުހުޔިއްދީން ޔާސިން ވިދާޅުވެފައިވާ ގޮތުގައި، އެގައުމުގެ ހުރިހާ ރައްޔިތުންނަށް ހިލޭ ކޯވިޑް19 ވެކްސިން ދޭގޮތަށް ސަރުކާރުން ނިންމާފައިވާއިރު، މެލޭޝިއާގައި ދިރިއުޅެމުންދާ ގައުމުން ބޭރުގެ ރައްޔިތުންނަށް ކޯވިޑް19 ވެކްސިން ދޭނީ މެލޭޝިއާގެ ހެލްތު މިނިސްޓްރީން ކަޑައަޅާ ފީއެއް ނެގުމަށްފަހު އެވެ.
މެލޭޝިއާގެ ބޮޑުވަޒީރު އިތުރަށް ވިދާޅުވެފައިވަނީ، ކޯވިޑް19 ވެކްސިން ޖެހުން މަޖުބޫރު ކުރުމުގެ ވިސްނުމެއް އެގައުމުގެ ސަރުކާރުން ނުގެންގުޅެއެވެ. އަދި ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ، އަމިއްލައަށް ވެކްސިން ޖެހުމަށް އެދޭ ފަރާތްތަކަށް އެކަނިކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ވެކްސިން ދިނުމުގައި އުމުރުން ދުވަސްވީ މީހުންނާ އަދި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް އިސްކަންދިނުމަށް ހަމަޖެހިފައިވާކަމަށްވެސް ވިދާޅުވެފައި ވެއެވެ.
"އަޅުގަޑުމެން އުއްމީދު ކުރަނީ، ވެކްސިން ފޯރުކޮށްދިނުމަށް އަޅަމުންދާ މި ފިޔަވަޅުތަކާއެކު، ގިނަބަޔަކު ބަލިން ރައްކާތެރި ކުރެވިގެންދާނެ ކަމަށް" ވީޑިއޯ މެދުވެރިކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި މުހުޔިއްދީން ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި، މެލޭޝިއާގެ ހެލްތު މިނިސްޓަރ ދާތުކް ސެރީ ޑރ. އަދުހަމް ބާބާ އާއި، ސައިންސް، ޓެކްނޮލޮޖީ އެންޑް އިނޮވޭޝަން މިނިސްޓަރ ޚައިރީ ޖަމާލުއްދީންވެސް ބައިވެރިވެ ވަޑައިގަތެވެ.
މުހުޔިއްދީން ވިދާޅުވި ގޮތުގައި، ޔޫގަވް ނަމަކަށް ކިޔާ، އިގިރޭސިވިލާތުގެ އިންޓަރނޭޝަނަލް އިންޓަރނެޓް ބޭސްޑް މާރަކެޓް ރިސާޗް އެންޑް ޑާޓާ އެނަލިޓިކްސް ފާމުން ހެދި ރިސާޗުން ދައްކާ ގޮތުގައި، މެލޭޝިއާގެ %82 މީހުން ވެކްސިލް ޖެހުމަށް ތިބީ ތައްޔާރަށެވެ. އަދި ސަރުކާރުން އުއްމީދު ކުރަނީ މިއަދު %100 އަށް އަރައިގެން ދާނެކަމަށްވެސް ބޮޑުވަޒީރު މުހިޔިއްދީން ވިދާޅުވިއެވެ.
މެލޭޝިއާގެ ރައްޔިތުންނަށް ފޯރުކޮށްދޭނެ ވެކްސިނެއްގެ ޝަރުތުތަކާ ގުޅޭގޮތުން މުހިޔިއްދީން ވިދާޅުވީ، މެލޭޝިއާގެ ރައްޔިތުންނަށް ދޭން ހޯޑާނީ އެންމެ ރަގަޅު ފެންވަރުގެ ވެކްސިނެއް ކަމުގައެވެ. މިގޮތުން ވެކްސިނެއް ކަޑައެޅުމުގައި، ވެކްސިން ސަޕްލައި ކޮށްދޭ ކުންފުނިން ހަދާފައިވާ ކްލިނިކަލް ޓްރައަލްތަކުގެ ނަތީޖާއަށް ބައްލަވާނެކަމަށްވެސް ވިދާޅުވިއެވެ.
"އަދި މީގެ އިތުރުން، ވެކްސިންގެ އަގަށާއި، ވެކްސިން ޖެހުމަށް ބޭނުންވާ ސާމާނުގެ އަގަށާއި، އަދި ވެކްސިން ޖެހުމަށްފަހު ބާކީވާ ސާމާނު ނައްތާލުމަށް ހިގާނެ ޚަރަދަށްވެސް ބަލާނަން" މުހިޔިއްދީން ވިދާޅުވިއެވެ.
"ރަގަޅު އަގެއް ހޯދުމަށް ވެކްސިން ފޯރުކޮށްދޭ ފަރާތްތަކާއެކީ ކުރެވޭ މަޝްވަރާތަކުގެ ނަތީޖާ ރަގަޅުނަމަ، އަމިއްލަ ކުންފުނިތަކަށްވެސް ވެކްސިން ސަޕްލައި ކޮށްދިނުމުގެ ފުރުސަތު ފަހި ކުރުމަށް ސަރުކާރުން ފަންޑު ކޮށްދޭނެ" ކަމަށްވެސް މުހިޔިއްދީން ވިދާޅުވިއެވެ.
މުހިޔިއްދީން ވިދާޅުވިގޮތުގައި، "އެންޓި ވެކްސިން މޫވްމަންޓް" (ވެކްސިން ޖެހުމާއި ދެކޮޅަށް ހަރަކާތްތައް) އާއި ދެކޮޅަށް ސަރުކާރުން ސިޔާސަތުތަކެއް ރާވާނެ ކަމަށާއި، އަދި ވެކްސިން ދިނުމުގެ މުހިންމު ކަމާގުޅޭ މައުލޫމާތު ފޯރުކޮށްދިިނުމަށްވެސް ސަރުކާރުން، ޕްރޮގްރާމްތަކެއް ރާވާއިގެން ކުރިޔަށް ގެންދާނެއެވެ.
އޭވިދާޅުވި ގޮތުގައި ވެކްސިނަށް މެލޭޝިއާގެ ރައްޔިތުން ހޭލުންތެރި ކުރުވުމަށް ޕްރޮގަރާމްތައް ހިންގޭނީ، މީޑިއާ ސްޓޭޓްމަންޓުތަކުންނާއި، މީޑިއާ ރިޕޯޓުތަކުންނާއި، ޓިވީ، ރޭޑިއޯ އަދި ސޯޝަލް މީޑިއާގެ ވަސީތްތަކުގެ ބޭނުން ވީހާ ފުޅާ ދާއިރާއެއްގައި ކޮށްގެންނެވެ. އަދި މީގެއިތުރުން ހެލްތު ސެމިނާތައް ބޭއްވުމުގެ އިތުރުން މެލޭޝިއާގައި ކުލަގަދަކޮށް ވާލްޑް އިމިއުން ދުވާހާއި އަދި ވާލްޑް އިމިއުން ހަފްތާވެސް ފާހަގަ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މުހިޔިއްދީން އިތުރަށް ވިދާޅުވި ގޮތުގައި، މިހާރު ހިންގޭ ވެކްސިން ދިނުމުގެ ޕްރޮގްރާމްގެ ތެރޭގައި ސްކޫލް ކުދިންނަށް ވެކްސިން ދިނުމަށް ހަމެޖެހިފައެއް ނުވެއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޭކްނޮލޮޖީ މިނިސްޓަރު ޚައިރީ ވިދާޅުވީ، މިހާރު ދުނިޔޭގައި އުފައްދާފައިވާ ކޯވިޑް19 ވެކްސިން އަދި މިހާތަނަށް އުމުރުން 12 އަހަރަށްވު ހަގު ކުދީންނަށް ޓެސްޓު ކޮށްފައި ނުވާކަމަށެވެ.
ކޮމެންޓު ފޮނުވާ