އަފީފާއި ބޮންޑޭ ތިބީ އެމްޑީޕީން ވަކިކޮށްފާނެތީ ކުޑަކޮށްވެސް ފަސްޖެހޭ ގޮތަކަށްނޫން!

އަފީފާއި ބޮންޑޭ ތިބީ އެމްޑީޕީން ވަކިކޮށްފާނެތީ ކުޑަކޮށްވެސް ފަސްޖެހޭ ގޮތަކަށްނޫން!

އެމްޑީޕީގެ އަސާސްތަކާ ދެކޮޅަށް އަމަލު ކުރަމުން ގެންދާ ކަމަށް ވިދާޅުވެ، އެ ޕާޓީގައި ތިއްބެވުމުގެ ޝައުގުވެރިކަން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާއި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ދޫކޮށްލައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފުލުހުންގެ ގާނޫނަށް ހުށަހެޅިފައިވާ އިސްލާހަށް ވާހަކަ ދައްކަވަމުން މެންބަރު ރަޝީދު ވަނީ އެ ގާނޫނަށް ސަރުކާރުން ގެންނަން ހުށަހަޅާފައިވާ އިސްލާހުތަކާ ދެކޮޅަށް ވާހަކަ ދައްކަވައިފައެވެ. އޭނާ ފާހަގަކުރެއްވީ ފުލުހުންގެ ވަޒީފާ ދިނުމުގެ ކުރިން ބެކްގްރައުންޑު ޗެކު ހެދުމުގައި ލުއި ދިނުމާ ގުޅޭ ކަންބޮޑުވުންތަކެވެ.

އެކަން ފާހަގަކޮށް، އެމްޑީޕީގެ ނަޝީދު ފެކްޝަނުގައި ހުންނަވާ އިބްރާހިމް ރަޝީދު ވިދާޅުވީ މިހާރު ސަރުކާރުން ހުށަހަޅަމުން އަންނަ ބިލުތަކާ މެދު ވަރަށް ކަންބޮޑުވާ ކަމަށެވެ.

އެމްޑީޕީގެ ސްޓޭންޑަޑެއް މީގެ ނެތް، ދެން އެމްޑީޕީގެ ލޯގޯގައި ވެސް އިންސާފު ގާއިމް ކުރަނީ، އިންސާފު ސިފަ ކޮށްދެނީ އެކަމަކު އެ އިންސާފާއި ހަމަހަމަކަމާއި ނަޒާހަތްތެރިކަން ނެތް ތަނެއް މިއީ. ސްޓޭންޑެޑް އަނބުރާ ރުޖޫއަވީމާ ޕާޓީއަށް ވަންނަ ގޮތަށް އަޅުގަނޑު ބޭނުން ރައީސް ނަޝީދާއި ސީރިއަސް ކޮށް މަޝްވަރާ ކުރަން.

– ބޮންޑޭ ވިދާޅުވިއެވެ.

މިބަހުސްގައި ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ، އެމްޑީޕީން އެފަދަ ބިލެއް މަޖިލީހަށް ހުށަހަޅަން ޖެހޭ އެއްވެސް ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް އެ ޕާޓީގެ ބޮޑު އަޣުލަބިއްޔަތެއް އޮތުމުން ބޭނުން ގޮތަކަށް ފާސް ކުރެވިދާނެ ކަމަށެވެ. އެމްޑީޕީގެ ޕީޖީން އެ ބިލަށް ވޯޓު ދިނުމަށް ތްރީލައިން ވިޕެއް ނެރޭނެ ކަމަށާއި އެ އަށް ވޯޓު ނުދީފި ނަމަ އަނެއްކާވެސް ފިޔަވަޅު އަޅާނެ ކަމަށް އަފީފް ވިދާޅުވިއެވެ. ނަަމަވެސް ފިޔަވަޅު އަޅައި ޕާޓީން ވަކި ކުރިޔަސް މިހާރު މައްސަލައެއް ނެތް ކަމަށް އެމްޑީޕީގެ އެންމެ ސީނިއާ އެއް މެމްބަރު ވިދާޅުވިއެވެ.

އަޅުގަނޑަށް ވަރިހަމަ ކޮންމެ ފިޔަވަޅެއް އެޅިޔަސް. އަޅުގަނޑަށް އެންމެ ރަނގަޅީ ތިޔަ ޕާލިމެންޓަރީ ގްރޫޕުން އަޅުގަނޑު ވަކިކޮށްދެއްވިއްޔާ.

– އަފީފް ވިދާޅުވިއެވެ.

އެމްޑީޕީން ވަކިވުމުގެ ވާހަކަ އަފީފް އާއި ބޮންޑޭ ދައްކަވާއިރު އެ ޕާޓީގެ ވިޕްލައިންތަކާ ހިލާފުވި މައްސަލާގައި ޕީޖީން މިހާރު ވެސް ވަނީ އެކި ފަހަރުގެ މަތިން ފިޔަވަޅު އަޅައިފަ އެވެ. އެ ޕާޓީގެ ޕީޖީން މިހާރު އަންނަނީ އަޅާ ފިޔަވަޅުތައް އިތުރަަށް ހަރުކަށިކޮށް އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކުގައި ވަދަ ނުކުރެވޭ ގޮތް ހަދަން ވެސް މަސައްކަތް ކުރަމުންނެވެ. ފިކުރެއްގެ ދިރުން ފެކްޝަން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނާކާމިޔާބުވުމަށް ފަހު ދަނީ އިންތިހާބުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާ ދެކޮޅަށް މަސައްކަތް ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *