މިއަހަރުގެ ރިޔާސީ އިންތިޚާބުގައި 21،137 ޒުވާނުން އަލަށް ވޯޓްލާނެ

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި 21،137 ޒުވާނުން އަލަށް ވޯޓްލާނެ

Author
އަޒްފާ ރަޝީދު
07 މާރޗް 2023 02:10
0

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި 21،137 ޒުވާނުން އަލަށް ވޯޓްލާނެކަން އިލެކްޝަންސް ކޮމިޝަންގެ ތަފާސްް ހިސާބުތަކުން ދައްކައިފިއެވެ. އެ ކޮމިޝަނުން އާއްމުކުރި ހިސާބުތަކުން ދައްކާ ގޮތުގައި މިފަހަރުގެ އިންތިޚާބުގައި 283،272 މީހަކަށް ވޯޓްލުމުގެ ހައްޤު ލިބެއެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ވޯޓްލެވޭ މީހުންގެ ތެރެއިން %42 މީހުންނަކީ އެއްވެސް ސިޔާސީ ޕާޓީއެއްގައި ނަން ނެތް މީހުންނެވެ. އެއީ ވޯޓްލެވޭ މީހުންގެ ތެރެއިން 120،337 މީހުންނެވެ. ބާކީ ތިބި 162،935 މީހުންނަކީ ކޮންމެވެސް ސިޔާސީ ޕާޓީއެއްގައި ނަން ރަޖިސްޓްރީކޮށްފައިވާ މީހުންނެވެ. އެއީ ވޯޓްލާ މީހުންގެ %58 އިންސައްތައެވެ. މި ތަފާސް ހިސާބުތަކާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި އިންތިޚާބު ބާއްވާ ދުވަހާއި ހަމައަށް މި ޢަދަދުތަކަށް ބަދަލުތަކެއް އައުމުގެ ފުރުޞަތު އެބައޮތްކަމަށް ބުނެފައިވެއެވެ.

މިއީ 9 ސެޕްޓެމްބަރާ ހަމައަށް 18 އަހަރު ފުރޭ މީހުންގެ އަދަދަށް ބަލައިގެން ހަދާފައިވާ ހިސާބުތަކެއްކަމަށާއި، އަދި ސިޔާސީ ޕާޓީތަކުގައި އުޅޭ ނޫޅޭ ޢަދަދުތަކަކީ ފެބުރުއަރީ 21 އާއި ހަމައަށް ނަގާފައިވާ ތަފާސް ހިސާބުތަކެއްކަމަށް އެކޮމިޝަނުން ބުނެފައިވެއެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިޚާބުގެ އަދަދުތަކާއި އަޅާ ބަލާއިރު މިފަހަރުގެ އަލަށް ވޯޓްލުމުގެ ހައްޤު ލިބިފައިވާ ޒުވާނުންގެ އަދަދު ވަނީ ދަށަށް ޖެހިލާފައެވެ. ހިސާބުތަކުން ދައްކާގޮތުން 2018ގެ އިންތިޚާބުގައި 22،970 ޒުވާނަކަށް އަަލަށް ވޯޓްލުމުގެ ހައްޤު ލިބުނެވެ. އެހެންނަމަވެސް މި އަހަރު އަލަށް ވޯޓްލެވޭ ޒުވާނުންގެ އަދަދަކީ 21،137 އެވެ. އެއީ 1،733 ޒުވާނުންގެ މަދުވުމެކެވެ.

2018 ވަނަ އަހަރު 262،135 މީހުންނަށް ވޯޓްލުމުގެ ހައްޤު ލިބުނުއިރު އެ އަހަރު ވޯޓްލެވޭ މީހުންގެ 89 އިންސައްތަ މީހުންވަނީ ނުކުމެ ވޯޓްލާފައެވެ. އޭގެ ކުރީ ފަހަރު މިއަދަދު ހުރީ 91 އިންސައްތައިގައެވެ.

އިންތިޚާބުގެ ފޯރިވަނީ ގަދަވާން ފަށާފައި

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓްގެ ފުރަތަމަ ބުރި އޮންނާނީ ސެޕްޓެމްބަރު މަހުގެ 9 ވަނަދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.