ޗައިނާއިން އެގައުމުގެ އަސްކަރިއްޔާއަށް ދައުލަތުގެ ބަޖެޓުން ކުރާ ހޭދަ މިހަރު 7.2 އިންސައްތަ އިތުރުކޮށް، 224 ބިލިއަން ޑޮލަރު ޚަރަދު ކުރުމަށް ނިންމައިފިއެވެ.
މިކަން ހާމަ ކޮށްފައިވަނީ އެގައުމުގެ ގާނޫނުހަދާ މަޖިލިސް، ނޭޝަނަލް ޕީޕަލްސް ކޮންގްރެސް (NPC) ހުޅުވުމުގެ ގޮތުން ބޭއްވި "އެނުއަލް ގެދަރިން"އަށް ހުށަހެޅުނު ޑްރާފްޓް ރިޕޯޓުންނެވެ.
މިއީ ޗައިނައިން އެގައުމުގެ އަސްކަރިއްޔާއަށް ކުރަމުންދާ ޚަރަދު 7 އިންސައްތައަށްވުރެ މަތީގައި ހުންނަތާ 2 ވަނަ އަހަރަވެ. ފާއިތުވި އަހަރު ޗައިނާއިން އަސްކަރިއްޔައަށް ކޮށްފައިވާ ހޭދަވަނީ 7.1 އިންސައްތައަށް އަރާފައެވެ. ޗައިނާއިން އަސްކަރިއްޔާއަށް ކުރާ ހޭދަ އިތުރު ކޮށްފައިވަނީ، ޗައިނާއާއި އެމެރިކާގެ ގުޅުން ހީނަރުވެ، މިހާރު ކުރިޔަށްދާ ޔޫކުރެއިން ހަނގުރާމާގައި އެގައުމުން ރަޝިއާއަށް ހަތިޔާރުގެ އެހީ ފޯރުކޮށްދީފާނެކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައެވެ.
ޖީޑީޕީގެ ނިސްބަތުން އަސްކަރައްިޔާއަށް ކުރާ ޚަރަދަކީ، ޗައިނާގެ ކޮންގެސްގެ ފެށުމުގެ ރަސްމިއްޔާތުގައި އެންމެ ބޮޑަށް ސަމާލުކަން ދީގެން ބަހުސްކުރާ އެއް މައުޟޫއެވެ.
2022 ވަނަ އަހަރު ޗައިނާގެ ޖީޑީޕީ ކުރިއަރާފައިވަނީ 3 އިންސައްތައިންނެވެ. މިއީ އެއަރަގެ އަމާޒަކަށް ހެދި 5.5 އިންސައްތައަށްވުރެ ދަށް މިންގަޑެކެވެ. އޭގެ އެއް ސަބަބެއްގެ ގޮތުގައި ފާހަގަވެގެން ދިޔައީ، ކޯވިޑާއި ދެކޮޅަށް އެގައުމުން އަޅާފައިއޮތް ހަރުކަށި ފިޔަވަޅުތަކެވެ.
މިހާރު ކުރިޔަށްދާ ޗައިނާގެ ގާނޫނުހަދާ މަޖިލިހުގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެގައުމުގެ ބޮޑުވަޒީރު ލީ ކެކިއާން ވިދާޅުވެފައިވަނީ، މިއަހަރު އެގައުމުގެ އިގްތިސާދުގެ ކުރިއެރުވުމަށް ކަނޑައަޅާފައިވާ ލަނޑުދަޑިއަކީ 5 އިންސައްތަ ކަމުގައެވެ.
ބޭޖިންގެ ގްރޭޓް ހޯލްގައި ކުރިޔަށްދާ މި ބައްދަލުވުމުގައި 3،000 ޑެލިގޭޓުން ބައިވެރިވެއެވެ. ޗައިނާގެ ގާނޫނުހަދާ މަޖިލިސް މަސައްކަތް ކުރަމުންދަނީ އެގައުމުގެ ސަރުކާރުގެ "ރަބަރ ސްޓޭމްޕް" މަޖިލީހެއްގެ ގޮތުގައެވެ.
ކޮމެންޓު ފޮނުވާ