ދައުލަތަށް ފައިސާ ދައްކަން ކޯޓުން ޔާމިންގެ މައްޗަށް ނެރުނީ ޣައިރު ދުސްތޫރީ އަމުރެއް: ވަކީލް

ދައުލަތަށް ފައިސާ ދައްކަން ކޯޓުން ޔާމިންގެ މައްޗަށް ނެރުނީ ޣައިރު ދުސްތޫރީ އަމުރެއް: ވަކީލް

Author
ހުސެއިން
27 ފެބްރުއަރީ 2023 05:34
0

ވ. އާރަށް ކުށްޔަށް ދިން މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި ހިމެނޭ 3،413،230 ޑޮލަރު (53 މިލިއަން ރުފިޔާ) ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށް މި ހަފްތާގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ޣައިރު ދުސްތޫރީ ޢަމަލެއް ކަމުގައި، ޔާމިންގެ ވަކީލުންގެ ޓީމުގައި ހިމެނޭ އަބުދުﷲ ޝިޔާޒު ވިދާޅުވެއްޖެއެވެ.

އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ، މައްސަލައެއްގައި ޙުކުމްކޮށް ނިމުމުން އެ މައްސަލައެއްގައި ފަނޑިޔާރުގެ ޖުރިސްޑިކްޝަން ނިމި ދިޔައީ ކަމަށާއި، ދެން އެ ޙުކުމުގައި ހުރި އުނިކަމެއް ފޫބެއްދުމަށް އިތުރު އަމުރުތަކާއި، އިތުރު ކުރުންތައް ވެގެންދާނީ ޣައިރު ދުސްތޫރީ ޢަމަލުތަކަށެވެ.

އަދި އޭނާވަނީ، ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު ލޯންޑަރ ކުރި ކަމަށް ކްރިމިނަލް ކޯޓުން ސާބިތުވެފައިވާ ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ދެއްކުމަށް އެންގުމުގެ ކޯޓު އަމުރަކަށް ޕީޖީއަށް ނޭދެވިގެން އުޅެނީ ކީއްވެތޯ މިއަދު ދިވެހިރައްޔިތުން އެބަ ސުވާލު ކުރާކަމަށްވެސް ވިދާޅުވެފައެވެ.

އަދި ޓުވިޓަރގައި އާންމު ކޮށްފައިވާ ލިޔުމުގައި ވިދާޅުވެފައިވަނީ، ސުޕްރީމް ކޯޓުގެ 30/އެސްސީ-އޭ/2021 ގަޒިއްޔާއިން ފަނޑިޔާރު މަހާޒް އަލީ ޒާހިރު ބަޔާން ކޮށްފައިވާ ގޮތުގައި، މައްސަލައެއްގެ ޙުކުމަކީ ހަމައެކަނި "ޙުކުމް" މި ސުރުޚީގެ ދަށުން އޮންނަ ބައެއް ނޫންކަން އެގެން އޮންނަ ކަމުގައެވެ. އެހެންކަމުން، ކުރިމިލަން ކޯޓުގެ ނަންބަރު 2021/ސީއާރި-ސީ/698 ގަޒިއްޔާ 25 ޑިސެމްބަރު 2022 ގައި ވަނީ ހުކުމް ކޮށް، ގަޒިއްޔާ ނިމުނުކަން ފަނޑިޔާރު އިއުލާން ކޮށްފައި ކަމަށްވެސް އޭނާ ބަޔާން ކޮށްފައި ވެއެވެ.

އޭނާ ވިދާޅުވެފައިވަނީ އެހެންކަމުން، އެ ގަޒިއްޔާގެ ދަށުން އެވަގުތަށްފަހު އެއްވެސް އަމުރެއް އިތުރު ޙުކުމެއް ނުވަތަ އެންގުމެއްވެސް ނެރުން ގާނޫނީ ގޮތުން ހުއްދަ ނުކުރާ ކަމުގައެވެ.

ރައިސް ޔާމިންގެ މައްޗަށް ކޯޓުގައި ދައުވާ ކުރިއިރު ދައުލަތުން އެދިފައިވަނީ ލޯންޑާކުރިކަމަށް ސާބިތުވާ އެއް މިލިއަން ޑޮލަރާއި، އެއާ އެއްކޮށް އިންވެސްޓްކުރި އިތުރު 2.4 މިލިއަން ޑޮލަރާއި އަދި އެ ފައިސާ އިންވެސްޓްކޮށްގެން ލިބުނު ފައިދާ ދައުލަތަށް ނެގުމަށެވެ. ނަމަވެސް ކޯޓު ހުކުމްގައި އެކަމަށް ގޮތެއް ނިންމާފައެއް ނުވެއެވެ. އާރަށް މައްސަލާގައި ރައީސް ޔާމީންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށްވެސް ތިން އަހަރާއި ދެ މަހުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.

އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތަށް އެއް މިލިއަން ޑޮލަރު ނަގައި އެ ފައިސާ އެޗްއެސްބީސީ އަށް ޖަމާކޮށް އަދި އިތުރު ފައިސާއާ އެކު ބޭންކް އޮފް މޯލްޑިވްސް އަށް ޖަމާކުރުމަށް ފަހު އަނެއްކާ ވެސް އިތުރު ފައިސާއާ އެކު އިސްލާމިކް ބޭންކުގައި އޮތް ޔާމީންގެ އެކައުންޓަކަށް ފެބްރުއަރީ 21، 2017 ގައި ޖުމްލަ 1،295،000 ޑޮލަރު ވަނީ ޖަމާކޮށްފައެވެ. އަދި އޭގެ ފަހުން ހަމަ އެ ބޭންކުގައި އޮތް އިންވެސްޓްމަންޓް އެކައުންޓަކަށް މާޗް 14، 2021 ގައި އިތުރު ފައިސާއާ އެކު ޖުމްލަ 3،413،230 ޑޮލަރު ވަނީ 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްޓްކޮށްފައެވެ.

ދައުލަތުން ނަގަން އެދުނީ ލޯންޑާކުރި އެއް މިލިއަން ޑޮލަރާއި މި ފައިސާއާ އެއްކޮށްފައިވާ 2،413،230 ޑޮލަރާއި މި ފައިސާ އިންވެސްޓްކޮށްގެން ލިބުނު ފައިސާ އެވެ. އެއީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުންނެވެ.

މި ފައިސާ ދައްކަން ޔާމީންގެ މައްޗަށް އަމުރުކުރީ އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް ކުރި ދެ ދައުވާ ސާބިތުވެ 11 އަހަރަށް ޖަލަށް ލާން ހުކުމް ކޮށްފައި ވާތީ އެކަމަށް ރިއާޔަތްކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.