ފަހަކަށައައިސް މާލޭގައި ހިނގަމުންދާ ނުރައްކާތެރި މާރާމާރީއައި ހަމަނުޖެހުންތަކަކީ މަލޭގައި އުފެދިފައިވާ ގޭންގުތަކުގެ މެދުގައި އުފެދިފައިވާ ބައެއް މައްސަލަތަކުގެ ސަބަބުން ހިންގަމުންދާ ސިލްސިލާ މާރާމާރީތަކެއްކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.
ހަމަނުޖެހުންތަކާ ގުޅިގެން ބައެއް މީޑިއާތަކުން ސުވާލުކުރުމުން ސީޕީ ޙަމީދު ވަނީ ވަރަށް ތަފްސީލުކޮށް އެކަންކަން ހިނގަމުންދާ ގޮތާއި ސަބަބުތައް ހާމަކުރައްވާފައެވެ.
ތޮއްޖެހިފައިވާ މަލޭގެ ކުޑަކުޑަ ސަރަޙެއްދެއްގައި އެތައް ގޭންގެއް އުފެދި އެގޭންގުތަކުން އެކިކަހަލަ ކުށްތައްކުރަމުންދާކަން އެއީ އެންމެން ދަންނަ ސިއްރެކެވެ. ފުލުހުން އެކި ފަހަރުމަތިން ހާމަކުރަ މިފަދަ މަޢުލޫމާތުތަކުން މާލޭގައި ގޭންގޖުތައް އޮތް މިންވަރާއި އޭގެ ނުރައްކާތެރިކަން އިތުރަށް ލިލަވެއެވެ. އެހެންނަމަވެސް މިމައްސަލައަށް މިހާތަނަށް އެދެވޭ ޙައްލެއް ގެނިވިފައި ނުވެއެވެ.
މިހަރު ހިނގަމުންމިދާ ހަމަނުޖެހުންތަކާ ގުޅިގެން ސީޕީ ޙަމީދު ވިދާޅުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގައި ހުރި ކެފޭއަކަށް ގެއްލުންދިން މައްސަލައަކީވެސް މާލޭގައި ހަރަކާތްތެރިވާ ދެ ގޭންގެއްގެ ދެމެދުގައި ހިނގަމުންދާ ސިލްސިލާ ހަމަނުޖެހުންތަކެއްގެ ބައެއްކަމަށެވެ. ބުރާސްފަތި ދުވަހުގެރޭ، ހެލްމެޓު އަޅައިގެން މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަނީ ހުޅުމާލޭގައި ހުރި ކެފޭއަކަށް ވަދެ އެތަން ފުނޑުފުނޑުކޮށް ސުންނާފަތިކޮށްފައެވެ. މިޙާދިސާގެ ބިރުވެރި މަންޒަރު ހިމެނޭ ސީސީޓީވީ ފްޓޭޖު ވަނީ ސޯޝަލް މީޑިއާގައި ޢާންމުވެފައެވެ.
މީގެއިތުތުރުން ރޭގެ ވަގުތެއްގައި މާލޭގެ މާފަންނު މުރަނގަ މަގުގައި ހުރި ފިހާރައެއްގެ ތެރޭގައިވެސް ވަނީ ނުރައްކާތެރި މާރާމާރީއެއް ހިންގާފައެވެ. ތޫނު ހަތިޔާރުން ޙަމަލަދީ ހިންގި މި ހަމަނުޖެހުމުގައި ޢުމުރުން 30 އަހަރުގެ ޒުވަނަކަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. އޭނާ މަރުނުވާކަމެވެ. މިހަރު އޮތީ ސީރިއަސް ޙާލަތުގައި ހޮސްޕިޓަލުގެ އައިސީޔޫގައެވެ. އަނިޔާވި މީހާއަކީވެސް ގޭންގު މީހެއްކަމަށް ވެއެވެ. އޭނަ ފިހާރައަކަށް ވަނީ ފިލަންވެގެންނެވެ. ޢާންމުވެފައިވާ ސީސީޓީ ވިޑިއޯތަކަށް ބަލައިރު އޭނަގެ ކަމަރުގައިވެސް ޚަންޖަރެއް އޮތެވެ.
ސީޕީ ހަމީދު ވިދާޅުވީ ފަހަކަށްއައިސް މާލެ ސަރަހައްދުގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން ހިންގަމުން އަންނަ މާރާމާރީތަކަކީ މާލޭގެ ގޭންގެއްކަމަށް ބުނާ ކުޑަހެންވޭރާއި މާލޭގެ އެހެން ގޭންގެއްކަމަށް ބުނާ އެންސީގެ މެދުގައި ހިންގާ ސިލްސިލާ މާރާމާރީ ތަކެއްކަމަށެވެ.
އަދި ބުރާސްފަތި ދުވަހުގެރޭ ހުޅުމާލޭގައި ކެފޭއަށް ގެއްލުންދީ މާލޭގެ އެހެން ގޭންގެއްކަމަށް ބުނާ މަސްއޮޑިއާއި ވައިކަންމަތީގެ މެެދުގައި ޖެހިގެން އުޅޭ މައްސަލައަކާ ގުޅިގެންކަމަށްވެސް ސީޕީ ޙަމީދު ވިދާޅުވެފައިވެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަމިއްލައަށް އެކިނަންނަން ދީގެން ގޭންގުތައް ހިންގާކަމަށް ފުލުހުންވެސް ވިދާޅުވެއެވެ. މީގެތެރެއިން އެންމެ ބާރުގަދަ ނުރައްކާތެރި ގޭންގުތައް ނިސްބަތްވަނީ މާލެއަށެވެ. އެ ގޭންގުތަކުގެ ނަންތައް ފުލުހުންވެސް ރަސްމީކޮށް ބޭނުންކުރަމުންދެއެވެ. އެ ގޭންގުތައް ނިސްބަތްވާ މާލޭގެ އަވަށްތަކުގެ އެކި ސަރަޙައްދުތަކަށް ފުލުހުންވެސް ބޭނުންކޮށް އުޅެނީ ގޭންގުތަކުގެ ނަމެވެ. ކޮންމެ ފަހަރަކުވެސް ގޭންގު މާރާމާރީގެ ކަންކަން ބޮޑުވުމުން ފުލުހުންނާއި ސިފައިން ގުޅިގެން ޚާއްސަ އޮޕަރޭޝަންތައް ހިންގައެވެ. އަދި މާލޭގައި ފޯރިމަރައެވެ. އެހެންނަމަވެސް މައްސަލައަށް އެކަށީގެންވާ ހައްލެއް ނާދެއެވެ.