ރައްޔިތުންގެ މަޖިލިހުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓެއް މަޖިލިހުގެ ތެރެއިން ނެގުމަށް ރައީސް ސާލިހުގެ ފެކްޝަނުން މަސައްކަތް ކުރަމުން ނުދާކަމުގައި، އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފައްޔާޒު ވިދާޅުވެފައިވަނީ، އެފަދަ އެއްވެސް މަސައްކަތެއް އެއްވެސް މީހަކު ނުކުރާ ކަމަށާއި، އެއީ ނަޝީދުގެ ފެކްޝަނުން އަމިއްލައަށް ދައްކައިގެން އުޅޭ ވާހަކައެއް ކަމުގައެވެ.
ނަޝީދު މަޖިލިސް ރައީސްކަމުން ދުރުކުރުމުގެ މަސައްކަތް ނުކުރައްވާކަމަށް ފައްޔާޒު ވިދާޅުވެފައިވަނީ، ނަޝީދު މަގާމުން ވަކި ކުރަން ވޯޓު ހަމަކުރުމަށް މަސައްކަތް ފަށައިފިނަމަ ރައީސް ޞާލިހު މަޤާމުން ވަކި ކުރުމުގެ މަސައްކަތް ފަށާނެކަމުގެ އިންޒާރު އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވަނީ ދެއްވާފައެވެ.
Majlis ge Raees vakikurumahtakai vote hamakuraan masaiykaiy fashaifi nama Raees Solih ge ithubaaru neiy kamuge vote hama kurumuge masaiykaiy alhugadumenves fashaanan. @MDPSecretariat #FikureggeDhirun
— 𝐀𝐥𝐢 𝐀𝐳𝐢𝐦 (@aliaazim) February 25, 2023
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށްފަހު ދެ ސިޔާސީ ހަރަކާތެއްގެ ގޮތުގައި އެޕާޓީ ކުރިޔަށް ދާއިރު، އަލީ އާޒިމްއަކީ ރައީސް ނަޝީދަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އާޒިމަކީ މަޖިލިސް ތެރެއިންނާއި، މަޖިލީހުން ބޭރުގައިވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދަޅުވާ ބޭފުޅެކެވެ.
ރައީސް ސާލިހު މަގާމުން ދުރުކުރުމުގެ މަސައްކަތް ކުރައްވާނެކަމުގެ އިންޒާރު އަލީ އާޒިމް ދެއްވާފައިވަނީ ނަޝީދުގެ އިތުބާރު ނެތްކަމަށް ވޯޓު ނެގަން ޖެހިދާނެކަމުގެ އިޝާރާތެއް އެމްޑީޕީގެ ރައީސް ޞާލިހުގެ ފެކްޝަނަށް ނިސްބަތްވާ ބައެއް މެމްބަރުން ދެމުންދާ ދަނޑިވަޅެއްގައެވެ.
އެމްޑީޕީގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދާ ދެމެދު ވަރުގަދަ ކޯޅުންގަނޑެއް އުފެދިފައިވާއިރު، މަޖިލީހުގެ ރިޔާސަތުގެ ނާޖާއިޒު ފައިދާ ނަންގަވައިގެން ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތުތައް ދަނީ އަމާޒުވަމުންނެވެ. މިގޮތުން، އެކި ކަންކަމުގައި ތަޅުމުގައި ކުރިއަށްދާ ބަހުސްތަކުގައި ބައިވެރިވެވަޑައިގެންނެވުމާއި މެމްބަރުންގެ މެދުގައި ތަފާތުކުރުން ފަދަ މަޖިލީހުގެ ގަވައިދާ ހިލާފަށް މަޖިލިސް ހިންގަވަމުންދާ ކަމުގެ ޝަކުވާ އެމްޑީޕީގެ ގިނަ މެމްބަރުން ކުރައްވާތާ އެތައް ދުވަހެއް ވަނީ ވެފައެވެ.
ދާދިފަހުން އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގެ ރައީސްކަމުގެ މަޤާމުން ރައީސް ނަޝީދު ވަކި ކުރުމުގެ މަސައްކަތެއް އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ތެރެއިން މީގެ ކުރިން ކުރެވުނު ކަން އެނގިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް، އަސްލަމް ވިދާޅުވި ގޮތުގައި އެމްޑީޕީއަށް ނަޝީދު ކޮށްދެއްވާފައިވާ ހިދުމަތަށް ބަލައި، އެފަދަ ނިންމުމެއް ނިންމުމަށް ޕާޓީގެ ތެރޭގައި "ރިލަކްޓަންސް"އެއް އުޅޭ ކަމަށެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ފާސްވާނީ ހާޒިރުވެ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަގުލަބިއްޔަތުންނެވެ. މަޖިލީހަށް އެ މައްސަލަ ހުށަހަޅައި ބަހުސް ފަށަން ބޭނުން ވަނީ 22 މެންބަރުންގެ ސޮޔެވެ. ޖުމްލަ 87 މެމްބަރުން އެކުލެވޭ މަޖިލީހުގައި ނަޝީދު ނުހިމަނައި، އެމްޑީޕީ ތަމްސީލުކުރާ 65 މެމްބަރުން ތިއްބަވައެވެ.
ކޮމެންޓު ފޮނުވާ